ނޫރުލްއިސްލާމް

www.noorul-islam.net


ހަފްތާގެ ބަސް 1 - އިސްލާމީ ޝަރީޢަތާއި ދިވެހިޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގައި ޚިޔާލުފާޅެއް ނުކުރެވޭނެ

Category »  މުޝްރިފްގެ ޤަލަމުން
Sunday, March 28, 2010
ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

الحمد لله رب العالملين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين ومن اتبع منهجهم إلى يوم الدين، وبعد:

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި އިންސާނާއަށް ހޯދަދީފައިވާ މަތިވެރި އަސާސީ ޙައްޤެކެވެ. ފިކުރުކުރުމާއި އެމީހާގެ ޚިޔާލަށް ފެންނަ އެއްޗަކާއި ބުއްދިއަށް ތަޞައްވަރުކުރެވޭ ކަމެއް އެކި ވަސީލަތްތަކުގެ އަލީގައި ބަޔާންކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއްނޫނެވެ. ބިނާކުރަނިވި ޚިޔާލުފާޅުކުރުމަކީ ތަރައްޤީއާއި ތަހުޒީބުގެ މައިބަނދަކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް ހަނދާނަށް ގެންނަން ޖެހޭނެ ޙަޤީޤަތަކީ މިކަން ޤާއިމު ވެފައި އޮންނަން ޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކަމެވެ. އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފަށް ޚިޔާލުފާޅެއް ނުކުރެވޭނެއެވެ. މިސާލަކަށް ސުވަރުގެއާއި ނަރަކައަކީ އަކީ ޚިޔާލީ ތަނެއްކަމުގައި ބުނުމަކީ ކީރިތި ޤުރްއާނާއި އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ރިސާލަތު ތަކާއި އެންމެހައި ސަމާވީ ދީންތަކާއި މުޅިން ތަޢާރަޟްވާ ޚުރާފީ ޚިޔާލެކެވެ. އަދި ޚިޔާލުފާޅުކުރުމުގެ ނަމުގައި މީސްތަކުންގެ ޞޫރަބަދަލުކޮށް އެކި ގޮތްގޮތަށް ކާޓޫނު ކުރަހައި ހުތުރު ސިފަ ޖައްސައި ހެދުމަކީ ހުއްދަވާނޭ ކަމެއްނޫނެވެ. އެފަދަ ގޮތްގޮތަށް ޚިޔާލުފާޅުކުރުމަކީ އެއީ ތަހުޒީބުކަމުގައި ދުށުމަކީ ނާތަހުޒީބު އަޚްލާޤިއްޔާތުގެ މައްޗަށް ޤާއިމުވެފައިވާ ޙަޟާރަތްތަކުގެ ޘަޤާފަތެއްކަން ޔަޤީނެވެ.  

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލިބިދީފައިވަނީ އިސްލާމީ އުޞޫލުތަކާއި އިސްލާމީ ޘަޤާފަތުގެ މައްޗަށްކަމުގައި ޤާނޫނު އަސާސީގެ ހަތާވީސް ވަނަ މާއްދާގައި ވަނީ ކަށަވަރުކޮށްދީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިން ކަނޑައަޅައިދީފައެވެ. އެއީ އިސްލާމްދީނާއި ޤާނޫނުގެ ތަރަހައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު އިސްލާމީ އުޞޫލުތަކުގެ ދަށުން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި އޮތް ހިނދު، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކަށް ފާޑުކިއުމާއި އެއްޖިންސުގެ ގުޅުން ހިންގުމަށް ހިއްވަރު ދިނުމާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކުރުމާއި، ކީރިތި ޤުރްއާނުގެ ނުޞޫޞުތަކަށް މަލާމާތްކޮށް ޚިޔާލުފާޅުކޮށް އެކަންކަމަށް ހިއްވަރުދީ ހެދުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ޢިލްމުވެރިންގެ ތަޤުރީރުތަކުގެ ވާހަކައެވެ. ޢިލްމުވެރިންވެސް ދީނާގުޅުންހުރި ކަންކަމުގައި ބަސް ވިދާޅުވާއިރު ކަންތައްތައް ވަރަށް ރަނގަޅަށް ދިރާސާކުރައްވަންވާނެއެވެ. ވަކި މައްސަލައެއްގައި ވަކި ދަންނަބޭކަލެއްގެ ރައުޔަށް ބުރަވެވަޑައިގަތުގެމުގެ ބަދަލުގައި އެހެން ދަންނަބޭކަލުންވެސް އެމައްސަލައިގައި ވިދާޅުވެފައިވާ ބަސްފުޅުތަކާއި، ދަލީލުތައް ރަނގަޅަށް މުރާޖިޢާކުރުން މުހިންމުވާނެއެވެ. މަޞްދަރަކަށް ވާންވާނީ ދަލީލުތަކެވެ. އެއީ ޤުރްއާނާއި ސުންނަތާއި އިޖުމާޢުއެވެ. އަދި ވަޢީދުގެ ބަސްފުޅުތަކުގެ މުރާދާއި ޙަޤީޤަތާއި، ޙަދީޘްތައް ވާރިދުވާން ދިމާވި ސަބަބުތަކާއި، އޭގެ މަފްހޫމާއި، އާޔަތްތަކުގެ ސަބަބު ނުޒޫލާއި، އޭގެ ތަފްސީރާއި، ފިޤުހީ ޤަވާޢިދުތައް ވަރަށް ރަނގަޅަށް ފަހުމްވެގެން ނޫނީ އިސްލާމްދީނުގެ ރިސާލަތު ރަނގަޅަށް ފޯރުކޮށްނުދެވޭނެއެވެ. މިކަން އެންމެހާ ބޭފުޅުންގެ ވިސްނުންފުޅުގައި ބަހައްޓަވަންވާނެއެވެ. އެހެން ނޫނީ އުއްމީދު ނުކުރާ ދިމާލަކަށް ޤައުމުގެ މަޞީރު ހިނގައިދާނެއެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށިއެވެ. އާމީން.

وصلى الله على نبينا محمد وعلى آله وأصحابه أجمعين.

والحمد لله رب العالمين.

 



ނޫރުލްއިސްލާމް

www.noorul-islam.net