ނޫރުލްއިސްލާމް

www.noorul-islam.net


ރޯދައަށް ހުއްޓާ ނޭފަތުން ލޭ އައުމާއި، ޓެސްޓް ހަދަން ލޭ ނެގުމާއި، އަދި ލޭ ހަދިޔާ ކުރުން. މި ކަންކަމުން ރޯދަ ގެއްލޭނެތޯ؟

Category »  ސުވާލާއި ޖަވާބު
Saturday, August 22, 2009
ޖަވާބު ދެއްވީ : ފަޟީލަތުއްޝައީޚް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ސުވާލު: ރޯދައަށް ހުއްޓާ ނޭފަތުން ލޭ އައިސްފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟ ބަލިތައް ތަޙްލީލު ކުރަން ނަގާ ލެއިން ރޯދަ ގެއްލޭނެތޯއެވެ؟ އަދި ރޯދައަށް ހުރެ ލޭ ބޭނުންވެފައިވާ މީހަކަށް ލޭ ހަދިޔާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ނޭފަތުން ލޭ އަޔަސް ރޯދަ ނުގެއްލޭނެއެވެ. ހަމަ އެފަދައިން އެކި އެކި ތަޙްލީލުތަކަށް ލޭ ނެގިއަސް ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމީ ގިނަ ޢިލްމުވެރިން ވިދާޅުވާ ފަދައިން ކަވާ ޖެހުން ފަދަ ކަމެކެވެ. ކަވާ ޖެހުމަކީވެސް ރޯދަ ގެއްލޭ ކަމެކެވެ.

އެހެން ކަމުން ލޭ ހަދިޔާ ކުރުމުން (ލޭދިނުމުން) ރޯދަ ގެއްލޭނެއެވެ. އެހެންކަމުން ފަސްކުރެވެން އޮތްނަމަ އިރު އޮއްސެން ދެން ލެ ދިނުން ޖެހޭނީ ފަސްކުރާށެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެއްޖެ ޙާލަތެއްގައި ނުވަތަ ކުއްލިއަކަށް މީހަކު އެކްސިޑެންޓްވެގެން އޮޕަރޭޝަން ކުރަން ޖެހިގެން ރޯދަ ނޫން މީހެއްގެ ގައިން ލޭ ލިބެން ނެތް ނަމަ ލޭ ދިނުން ހުއްދައެވެ. އަދި އެހެން މީހަކު ނެތިއްޖެ ޙާލެއްގައި ވާޖިބުވެސް ވާނެއެވެ. ނަމަވެސް ފަހުން އެދުވަސް ޤަޟާ ކުރަން ވާނެއެވެ. އަދި މިފަދަ ޙަލެއްގައި ރޯދަ ދޫކޮށްލުމަކުން ފާފަވެރިއެއްވެސް ނުވާނެއެވެ.

(މިއީ 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދަރުމައިގައި ޝާއިޢުކުރެވިފައިވާ ޖަވާބެކެވެ.)

 

 

ނޫރުލްއިސްލާމް ރަމަޟާން 1430  [ramadan.noorul-islam.net  ] ވެބްސައިޓުން ނަގާފައި

 



ނޫރުލްއިސްލާމް

www.noorul-islam.net