ނޫރުލްއިސްލާމް

www.noorul-islam.net


މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުން ޙައްޤުވެގެންވަނީ ހެއްޔެވެ!!!؟

Category »  އެޑިޓޯރިއަލް
Sunday, March 08, 2009
ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

ތިބާގެ މަންމަގެ އުފަން ދުވަހަކީ މާޗް މަހުގެ ކުރީ ކޮޅުގެ ކޮންމެވެސް ދުވަހެކޭ ތިބާއަށް އަޑުއިވިފައިވެއެވެ. އެއީ 9 ވަނަ ދުވަސްތޯ ނުވަތަ 6 ވަނަ ދުވަސްތޯ ނުވަތަ އެހެން ދުވަހެއްތޯ ތިބާއަކަށް ޔަޤީން ވާނެ ގޮތެއް ނެތެވެ. އޭރުގެ ކަންތައް އޮންނަގޮތުން މުސްކުޅިވެރިން ދަރިން އުފަންވީ ތާރީޚް ކިޔައި އުޅުނީ، ބޮޑު ގުގުރި ޖެހިރޭ ފަދަ ކޮންމެވެސް ރެއަކާ ދިމާވާ ގޮތަށެވެ.

ސަބަބަކީ އޭރު ތާރީޚަށް އެހާބޮޑު މުހިއްމު ކަމެއް ނުދޭތީއެވެ. ނަމަވެސް، ޒަމާންތައް ފާއިތުވެ ގޮސް އައިޑީ ކާޑުތައް ހަދަން ޖެހުނު އިރު މަންމަގެ އުފަންދުވަސްކަމުގައި ކޮންމެވެސް ދުވަހެއް ރަޖިސްޓަރީ ކޮށްފިއެވެ. އެއީ މާޗް 9 އެކެވެ. އެހެންނަމަވެސް މަންމަގެ ޢާއިލާގެ މީހުންނާއި މަންމަ އުފަންވިއިރު ދުނިޔޭގައި ތިބި ހޭޖެހޭ މީހުން ބުނަނީ އެއީ މާޗް 9 އެއް ނޫން ކަމަށެވެ. އެކަމާ ބެހޭގޮތުން އެކި މީހުންގެ ޚިޔާލު ތަފާތެވެ.

ކޮންމެއަކަސް މި ވާހަކަތައް މިހެން ދެކެވި، މި ޚިޔާލުތަފާތު ވުމެއްގައި ތިއްބާ މަންމަ ނިޔާވެއްޖެއެވެ. އެއީ ތާރީޚުތައް ލިޔެވި، ރަށުއޮފީސްތަކުގައި ފައިލް ކުރެވެން ފެށި ފަހުންނެވެ. އެދުވަސް ސާފުކޮށް އެއްވެސް ޚިލާފެއް ނެތި އެންމެންނަށް އެނގެން އެބަ އޮތެވެ. އެއީ މާޗްމަހުގެ 9 ވަނަ ދުވަހެވެ.

ކޮންމެއަކަސް މަންމަ ނިޔާވިތާ އެތައް ދުވަސްފަހުން ތިބާގެ ދަރީންތައް އެދަރީންގެ މާމަގެ އުފަންދުވަސް ފާހަގަ ކުރަން ފަށައިފިއެވެ. އެ ދުވަހު ޕާޓީއެއް ބާއްވައި ތިބާގެ މަންމަގެ ހަނދާން އާކުރަން ފަށައިފިއެވެ. ތިބާގެ މަންމަ އަކީ ވަރަށް ހެޔޮލަފާ މީހެކެވެ. އެ މަންމަގެ ގޭގައި ފާޑުފާޑަށް ޕާޓީތައް ބާއްވައި ނުހެދުމަށް އާދަކޮށްފައިވާތީ ތިބާ އެކަމެއް ނުކުރެއެވެ. އެހެންނަމަވެސް ތިބާގެ މަންމަގެ މާމަ ދަރިން އެކަން ފަށައިފިއެވެ.

އާހހހހހހހހހހހހހހހހހ..... އެވެ. އެކުދިންނަށް އެނގޭނެނަމައެވެ. އެކުދިން އެފާހަގަ ކުރަމުން ދަނީ އެއްވެސް ޚިލާފެއް ނެތި އެންމެން އެއްބަސްވާގޮތުގައި އެކުދިންގެ މާމަ މިދުނިޔެ ދޫކުރި ދުވަހެވެ. އެކުދިންނަށް ނޭނގި ތިބެ އުފާ ފާޅުކުރަމުން އެ ގެންދަނީ އެކުދިންގެ މާމަ ދުނިޔެ ދޫކުރީތީއެވެ. އެކަމުގެ ހިތާމައެއް ނެތެވެ.

މި މާމައަށްޓަކައި މި މާމަ ދަރިން ކުރާ ލޯތްބާމެދު ތިބާ ބުނާނީ ކީކޭ ހެއްޔެވެ؟ މާމަގެ ޙަޔާތުގައި މާމަ ނުރުހޭ، އަދި މަނާކުރި ކަންތައް، މާމަ މަރުވިދުވަހު ކުރަމުން ތިމަންނަމެން މާމަދެކެ ލޯބިވަނީއޭ ބުނުމުން ޤަބޫލުކުރެވޭނީ ކޮން ބުއްދިއަކަށް ހެއްޔެވެ!!!!؟

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ތާރީޚާމެދު ބޮޑެތި ޚިލާފުތަކެއް ތާރީޚު ޢިލްމުވެރިންގެ މެދުގައި އުފެދިފައިވެއެވެ. ބޮޑަށް ބުރަވެވެނީ އެއީ 12 ވަނަ ދުވަސް ނޫންކަމުގައެވެ. ބައެއް ތާރީޚް ޢިލްމުވެރިން އެއީ 9 ވަނަ ދުވަސް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ހުރިހާ ތާރީޚު ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވީ ރަބީޢުލްއައްވަލް މަހެއްގެ 12 ވަނަ ދުވަހުގައެވެ. މިއީ އެންމެން އެއްބަސްވާ ޙަޤީޤަތެކެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން އެދުވަހެއްގެ އުފަލުގައި ބޮޑެތި ކެއުންތަކަށް އިންސާފުކުރަމުން ދާ ރަބީޢުލްއައްވަލް މަހުގެ 12 އަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހެވެ. އާއެކެވެ. އަޅުގަނޑުމެން އެބޭކަލަކަށްޓަކައި ލޯބިވާ ނަބިއްޔާ ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުމަށް ޔަހޫދީންނާއި ނަޞާރާއިން އަޑީގައި ތިބެގެން އިސްލާމްދީނުގެ ޞައްޙަ ތަޢުލީމުން ބޭރު ފާޠިމީން ލައްވާ މި ނުބައި ކަންތައް އަޅުގަނޑުމެންނަށް ޒީނަތްތެރިކޮށްފައި ދައްކައިފިއެވެ.

އަދި އަޅުގަނޑުމެން މުސްލިމުން މިދަނީ ލޯމަރާލައިގެން އެމީހުންގެ ފަހަތުންނެވެ. އެފަދަ މީހުންނާ ތަބާވެ އެމީހުންގެ ފަހަތުން އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ މާތްވެގެންވާ އިސްލާމްދީނާ ދުރަށް އެޅޭ ފިޔަވަޅަކަށް ނޫނީ ނުވެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މައްކާގެ މުޝްރިކުން ބުނިފަދައިން ނުބުނާށެވެ. އެބައިމީހުން ބުންޏެވެ.

بَلْ وَجَدْنَا ءَابَاءَنَا كَذَلِكَ يَفْعَلُوْنَ   (الشعراء: ٧٤)

[[ އެހެނެއްކަމަކު އަހަރެމެންގެ ކާބަފައިން އެކަން ކުރަނިކޮށް އަހަރެމެން ދުށީމެވެ.]]

އެބައިމީހުން ބުދުތަކަށް އަޅުކަންކުރުމުން އެއްކިބާ ވުމަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮވާލެއްވުމުން އެމީހުންގެ ޖަވާބަކަށް ވީ މިފަދައިންނެވެ.

ބުއްދިވެރި އަޚުންނާއި އުޚްތުންނޭވެ! މަޑުމައިތިރިކަމާއެކު ޙަޤީޤަތް ހޯދުމަށްޓަކައި ޙައްޤު ލިބިގަތުމަށް ކިޔާށެވެ. ވަކި ގޮތަކަށް ސިކުނޑި ބައްޓަން ކުރުމަށްފަހު އެ ސިކުނޑިއާ އެއްގޮތަށް ޤުރުއާނާއި ސުއްނަތް ފުރޮޅާލަން މަސައްކަތް ނުކުރާށެވެ.

 

 

 ނޫރުލްއިސްލާމް

www.noorul-islam.net