ނޫރުލްއިސްލާމް

www.noorul-islam.net


ޝަހީދެއްގެ ޙަޔާތުގެ ޞޮފްޙާތަކުން

Category »  އިސްލާމީ ޝަޚްޞިއްޔަތު
Saturday, February 28, 2009
ލިޔުއްވީ : މުޙައްމަދު ވިޝާޙް

އައްޝަހީދު މުޙައްމަދު އިބްރާހީމް އަބޫ ޝަޢްރް

    އައްޝަހީދު މުޙައްމަދު އިބްރާހީމް އަބޫ ޝަޢްރަކީ ފަލަސްޠީނުގެ ރައްޔިތެކެވެ. 21 އޮކްޓޯބަރު 1987 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަފަހް ގެ އައްޝަބޫރާ ނަމަކަށް ކިޔާ އަވަށަކަށެވެ. ފަޤީރު އާއިލާއަކަށް ނިސްބަތްވެ ވަޑަގަންނަވާ މުޙައްމަދު، ތަޢުލީމު ޙާޞިލް ކުރައްވާފައިވަނީ ފަލަސްޠީނުގެ އަލް އަޤްޞާ ޔުނިވަރސިޓީންނެވެ. ނަފްސާނީ ޢިލްމުގެ ރޮނގުން ކުރިޔަށް ވަޑައިގެންނެވި މުޙައްމަދު ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ.

    ވަރަށް ޅައުމުރުގައި، މިސްކިތުގެ އަހުލެވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެއީ ހަމަކަށަވަރުންވެސް ރަނގަޅު މުސްލިމެކެވެ. މުޙައްމަދަކީ، އޭނާގެ މުސްލިމު އަޚުންނަށް އަބަދުވެސް ހިނިތުންވާ ޒުވާނެކެވެ. ދުވަހަކުވެސް އެއްވެސް މީހަކަށް ނަފްރަތުވެރިކަމެއް ނުބަހައްޓަވާ، ޠޯހިރު ހިތެއްގެ ވެރިއެކެވެ. މައިންބަފައިންނަށާއި، އޭނާގެ އަޚުންނަށް ނުހަނު އޯގާތެރި ދަރިއެކެވެ. މުޙައްމަދުގެ މުޅި މުސާރަ، އޭނާގެ މަންމައަށްޓަކައި ހޭދަކުރައްވާކަމަށް އޭނާގެ މަންމަ ވިދާޅުވެއެވެ.

    މުޙައްމަދުގެ މަތިވެރި އަޚްލާޤަށްޓަކައި، ޙަމާސްގެ އޭނާގެ އަޚުން، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތުގެ މެންބަރަކަށް ހޮއްވެވިއެވެ. ޙަމާސްގައި، މުޙައްމަދު ފާހަގަ ކުރެވިފައިވަނީ ޙަރައާތްތެރި މެންބަރެއެއްގެ ގޮތުގައެވެ. މީގެ އިތުރުން، އެކިއެކި ތަމްރީނު ތަކުގައި މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

    މުޙައްމަދަކީ ވަރަށް ހިތްވަރު ގަދަ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައިވެ. އެއްފަހަރަކު، އެނާގެ އަވަށަށް ޔަހޫދީން ހަމަލާ ދިނެވެ. އަދި އޭނާގެ ބައްޕަ، ޚާންޔޫނިސްގައިވާ ތިމާގެ މީހެއްގެ ގޭގައި ރައްކާތެރިކަން ހޯއްދަވަން މުޙައްމަދަށް ނަޞޭޙަތްތެރިވިއެވެ. ނަމަވެސް މުޙައްމަދު ވިދާޅުވިއެވެ. "މިއީ އާދައިގެ ޒިޔާރަތް ކޮށްލުމެއް ކަމުގައިވާނަމަ، އަޅުގަނޑު ދާނަމެވެ. ނަމަވެސް މިއީ ބިރުގަތުމާއި، ފަސްޖެހި ފިނޑިވުމުގެ ޢަމަލެއްކަމުގައި ވާނަމަ، ޢަޅުގަނޑު ނުދާނަމެވެ. އަޅުގަނޑު ދިރިހުންނާނީ ނުވަތަ މަރުވާނީ މިބިމުގައެވެ."

    އެހެން ޙާދިސާއެކެވެ. އެއްދުވަހަކު އޭނާގެ ބައްޕަ، އޭނާގެ ކައިވެންޏާ ބެހޭގޮތުން މުޙައްމަދާއި ސުވާލުކުރެއްވިއެވެ. ނަމަވެސް މުޙައްމަދުގެ އެދުންފުޅަކީ ﷲ އަށްޓަކައި ޝަހީދުވުންކަމުގައި، އެނާގެ ބައްޕަ ގާތުގައި ވިދާޅުވިއެވެ. މި އެދުންފުޅަށް އިތުރު ގަދަކަމެއް ލިބިވަޑައިގެންނެވީ އޭނާގެ އެންމެ ގާތް 2 އެކުވެރިން ކަމުގައިވާ މުޙައްމަދު އައްވާދާއި އިބްރާހީމް މާދީ ޝަހީދުވެވަޑައިގަތުމާއި ގުޅިގެންނެވެ.

    2004 ވަނަ އަހަރު ނިމުނުއިރު، ޢިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްސް އާ ގުޅިވަޑައިގެން އެތަނުގެ މެންބަރަކަށް ވެވަޑައިގެންނެވިއެވެ. އެތަނުގައި މުޙައްމަދު އިސްކުރެވިފައިވަނީ ގްރޫޕް ލީޑަރެއްގެ ގޮތުގައެވެ. އަދި މުޖާހިދުންގެ ކޯޗެއްގެ ގޮތުގައެވެ.

ޔަހޫދީންގެ ބިންފޭރުމާއި ދެކޮޅަށް ހިންގުނު ވަރަށް ގިނަ ޙަރަކާތްތަކެއްގައި މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަފަހް ބޯޑަރު ޙިމާޔަތް ކުރެއްވުމުގައިވެސް ވަރަށް ގިނަ ޖިހާދުތައް ކުރެއްވެވިއެވެ.

މުޙައްމަދުގެ ލީޑަރެއް ވިދާޅުވާގޮތުގައި، އޭނާ އަށް ޙަވާލުކުރައްވާ މަސައްކަތްޕުޅުތަކަކީ މުޅިން ތަފާތު މަސައްކަތްޕުޅުތަކެކެވެ. އަދި އެއީ ޚާއްސަ އޮޕަރޭޝަންތަކެކެވެ.27 ޑިސެމްބަރު 2008 ވީ ދުވަހު ފެށުނު ހަމަލާގައިވެސް މިކަން ފާހަގަވެއެވެ. މި ހަނގުރާމާގައި، ޒައިނިސްޓުންގެ މަޤާމުތަކަށް އެނާ މޮޓަރު ހަމަލާ ދެއްވަމުން ގެންދެވިއެވެ. އަދި މިކަމުގެ ސަބަބުން މުޖާހިދުންގެ ހިތްވަރާއި ފަންވަރު ދިޔައީ އާވެ، އާރޯވެ، އާލާވަމުންނެވެ. މުޙައްމަދަކީ، ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ޚާއްޞަ ޔުނިޓްގެ އެއް ބަޠަލެވެ.

04 ޖެނުއަރީ 2009 ވީ ދުވަހުގެ ޢަސުރު ނަމާދަށްފަހު، މުޙައްމަދު، ޒައިނިސްޓުންގެ މަޤާމުތަކަށް ރޮކޮޓް ޙަމަލާއެއް ފޮނުއްވާލެއްވިއެވެ. މި މަސައްކަތް ފުރިހަމަ ކޮށްލެއްވުމާއެކު، ޒައިނިސްޓުންގެ، މީހަކާ ނުލާ ދުއްވާ ޒާތުގެ ހަނގުރާމަ މަތިންދާ ބޯޓަކުން، މުޙައްމަދާ އަމާޒުކޮށް ރޮކެޓް ޙަމަލާއެއް ފޮނުވާލިއެވެ. މި ޙަމަލާ ގެ ނަތީޖާއަކަށްވީ، ވަގުތުން ޝަހީދުވެގެން މަތިވެރި ﷲ ގެ ޙަޟްރަތަށް ދަތުރުކުރުމެވެ. އެކަލާންގެ އިރާދަފުޅުން، އެފަރާތުގެ ހިޔަލުގެ ދަށަށް އަބަދުމެ އަބަދަށް ރުޖޫޢަވުމެވެ. މަންޒަރު ދުއްމީހުން ހެކިވެއެވެ. ހަމަކަށަވަރުން، މުޙައްމަދުގެ އެންމެ ފަހު ބަސްފުޅަކީ لا إله إلا اللَّـه محمد رسول اللَّـه އެވެ.

އާދޭހެވެ. މުޙައްމަދު އިބްރާހީމް އަޅުގަނޑުމެން އެންމެން ދޫކޮށްފައި ވަޑައިގެންފިއެވެ. ދުނިޔޭގައި ދިރިއުޅެމުން މިދާ މުސްލިމުންނަށް ރިވެތި މިސާލެއް ދައްކަވާފައެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެފަދަ ސޯލިޙް މަތިވެރި ޢަޚްލާޤެއްގެ ވެރިއަކަށް ވެވޭތޯއެވެ. މައިން ބަފައިންނަށް އޯގާތެރި، ހިތްހެޔޮ މީހަކަށް ވެވޭތޯއެވެ. ތިމާގެ އަޚާއަށް ހިނިތުންވާ، ހިތްހެޔޮ މީހަކަށް ވެވޭތޯއެވެ. ﷲ ގެ މަގުގައި ގަދައަޅާ ސާބިތުވެގެން ހުރި މުސްލިމަކަށް ވެވޭތޯއެވެ. އަދި އެފަރާތަށް ނަސްރުދޭ އަޅަކަށް ވެވޭތޯއެވެ. ތިމާގެ އަޚާއަށް މާފުކުރާ ޠާހިރު ހިތެއްގެ ވެރިއަކަށް ވެވޭތޯއެވެ. އެއިރުން، އެކަލާންގެ ރަޙްމަތް އަޅުގަނޑުމެންނާ ހަމައަށް ފޯރާނެ ކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ކީރިތި ރަސޫލާ ޙަދީޡް ކުރައްވާފައިވެއެވެ. "އެމީހެއްގެ އެންމެ ފަހު ބަހަކީ لا إله إلا اللَّـه ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަންނަ ހުއްޓެވެ." ވުމާއެކެ، މިމަތިވެރި ނިޢްމަތް ލިބޭތޯ ރެއާދުވާލު އަޅުގަނޑުމެން ދުޢާ ކުރުން ކީއްތޯއެވެ.

 ނޫރުލްއިސްލާމް

www.noorul-islam.net