ނޫރުލްއިސްލާމް

www.noorul-islam.net


ރިބާއިން ލިބިފައިވާ ފައިސާ އަށް ހަދާނީ ކިހިނެއްހެއްޔެވެ؟

Category »  ކުރީގެ މުޝްރިފްގެ ޤަލަމުން
Saturday, October 18, 2008
ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



 

ﷲ ތަޢާލާ ވަނީ ރިބާ ޙަރާމްކުރައްވައި ވިޔަފާރި ހުއްދަކުރައްވާފައެވެ. އިސްލާމްދީނުގެ ގިނަ ދަންނަބޭކަލުންނާއި، މިހާރު އިސްލާމީދުނިޔޭގެ ބޮޑެތި މަޖިލިސްތަކުން ( ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިސް ފިޔަވައި) ބަޔާންކުރައްވާ ގޮތުން، ބޭންކް އިންޓަރެސްޓަކީ ރިބާއެކެވެ. އެއީ ރިބާ ނޫންކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ބުރަދަނެއް ހުރި ބޮޑު އެއްވެސް ޢިލްމުވެރިއެއްވާކަމެއް އެނގިފައިނެތެވެ. ރިބާކައި، ރިބާ ހުއްދަކޮށް ހަދާ މީހުންނާ ﷲ ހަނގުރާމަކުރައްވާނޭ ކަމަށް އިންޒާރު ދެއްވާފައިވެއެވެ.

ރިބާގެ ސަބަބުން ވަރަށް ބޮޑެތި އިޖްތިމާޢީ މައްސަލަތައްކުރިމަތިވެއެވެ. އެންމެ ފަހުން އޭގެ ނަތީޖާ އެއްގެ ގޮތުން މީހާ އިފްލާސްވެ، ބިކަހާލުގައިޖެހިފައިވަނީ ކިތައްމީހުންތޯއެވެ؟

އާދެ! ރިބާއިން ލިބިފައިވާ ފައިސާ އަށް ހަދަންޖެހޭނެ ގޮތަކާ ބެހޭގޮތުން ވަރަށް ގިނަ ފަރާތްތަކުން ސުވާލުކުރައްވަމުން އެބަދެއެވެ. މިހެންކަމުން އެބޭފުޅުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

ދަންނަބޭކަލުން ވިދާޅުވަނީ ރިބާގެ ގޮތުގައި ލިބިފައިވާ ފައިސާ ބެންކަށް ދޫނުކުރުމަށެވެ. އެއީ އެމީހުން އެހޭދަކުރާނީ ހަމަ އެފަދަ ގޮތަކަށްކަމަށްވާތީއެވެ. ވީމާ ތިމާގެ އެކައުންޓަށް ޖަމާވެފައިހުންނަ ރިބާގެ ފައިސާ އެކައުންޓުން ނަގައި އިންސާނީ ޢާއްމު ޚިދުމަތްތަކަށް ޚަރަދުކުރުމަށް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. މާތް ނޫން ކަންތައްތަކަށެވެ. މާތް ކަންކަމޭ  މިދަންނަވަނީ މިސްކިތް އެޅުން، ޤުރްއާންކްލާސް އެޅުން، ނުވަތަ މިނޫންވެސް ﷲ ގެ ވަޖުހުފުޅު އެދިގެން ކުރެވޭ މިފަދަ މާތް ކަންކަމެވެ.

މިފަދަ ކަންތައްތައް ފިޔަވާ، ޢާއްމު ޚިދުމަތްތައް މިސާލަކަށް، މަގުހެދުން، ނަރުދަމާ، އިންޖީނު ބެހެއްޓުން މިފަދަ ކަންކަމަށް ހޭދުކުރުން ހުއްދަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މިގޮތުން ހޭދަކުރާއިރު ނިޔަތަކަށް ވާންޖެހޭނީ ޙަރާމް އެއްޗަކުން ޠާހިރުވެ، އެއިން ސަލާމަތް ވެގަތުމެވެ. ޞަދަޤާތްކުރުމުގެ ނިޔަތެއްނޫނެވެ.

މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ބޭންކެއް ރާއްޖޭގައި ވަރަށް އަވަހަށް ޤާއިމު ކުރެވޭނޭ ކަމުގެ ޚަބަރު އެވަނީ ދެއްވާފައެވެ. މިއީ އަޅުގަނޑުމެން ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެކެވެ. މިފަދަ ކަމެއް ވެގެންދިއުމަކީ ވަރަށް އުފާވެރިކަމެކެވެ. މިފުރްޞަތުގައި މިކަން ވީހާވެސް އަވަސް ފުރްޞަތެއްގައި ޙާޞިލުކުރެވޭނޭ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަމެވެ.

 



ނޫރުލްއިސްލާމް

www.noorul-islam.net