ނޫރުލްއިސްލާމް

www.noorul-islam.net


ތުއްތު ކުއްޖަކު އަތަށް މުޞްޙަފް ދިނުމަކީ ކޮންކަހަލަ ކަމެއް؟

Category »  ސުވާލާއި ޖަވާބު
Sunday, June 03, 2012
ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މުޞްޙަފް ގައިވާ އާޔަތްތަކަކީ މާތް ﷲގެ ބަސްފުޅެވެ. ވީމާ އެފޮތަށް މާތްކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ.

މުޞްޙަފަށް ލޯބި ޖެއްސުމުގެ ނިޔަތުގައި ބޮޑުމީހެއްގެ ބެލުމުގެ ދަށުން، ކުޑަކުއްޖެއްގެ އަތަށް މުޞްޙަފް ދީގެން އެއީ ﷲގެ ބަސްފުޅުކަން ކިޔައިދީ، އެފޮތް ކިޔެވީމަ ކޮއްކޮދެކެ ﷲ ތަޢާލާ ލޯބިވާނެ ކަމާއި އޭރުން ކޮއްކޮއަށް ސުވަރުގެ ދެވޭނެކަން ބުނެދިނުމަކީ ހަމަ އެއްމެ ރަނގަޅު ކަމެކެވެ. މިފަދަ ކުދިން ކޮންމެހެން ވުޟޫމަތީގައި ތިބުން ލާޒިމެއް ނޫނެވެ. އަދި ބާލިޢުނުވާ ކުޑަކުދިން ޤުރުއާން ދަސްކުރުމަށް ނުވަތަ އެފޮތުގެ ޢިލްމު ލިބިގަތުމަށްވެސް ވުޟޫ އެކުދިންނަކަށް ލާޒިމެއް ނޫނެވެ. އެހެނަސް ކުޑަ އިރުއްސުރެން ފެށިގެން ވުޟޫމަތީގައި ނުވަތަ ޠާހިރުކަންމަތީގައި މުޞްޙަފް އުފުލުމަށް އެކުދިން ތަރުބިއްޔަތު ކުރުން މުހިންމެވެ.

ނަމަވެސް މުޞްޙަފަކީ ކޮންއެއްޗެއްކަން ނޭނގި، އެމާތް ފޮތަށް އިހާނެތިކޮށް ހިތާފާނެ ނުވަތަ ނަޖިހެއްގައި ޖައްސަފާނެފަދަ ކުޑަ ކުއްޖެއްގެ އަތަށް މުޞްޙަފް ދިނުމަކީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމެއްނޫނެވެ.ނޫރުލްއިސްލާމް

www.noorul-islam.net