ނޫރުލްއިސްލާމް

www.noorul-islam.net


ބޮޑު ޙަދަޘުން ޠާހިރު ނުވެ ނިދުން.

Category »  ފިޤްހު
Wednesday, February 01, 2012
ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

 

بسـم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

ބޮޑު ޙަދަޘަކީ ހިނެއުމަށް ވާޖިބުވާ ކަމެއް މެދުވެރިވުމެވެ. މިގޮތުން މިތާނގައި ފާހަގަ މިކޮށްލަނީ ޖިމާޢު ވުމަށްފަހު ހިނައި ނުގަނެ ނިދުމުގެ ޙުކުމެވެ.

އަނބިފިރިކަމުގެ ގުޅުން ހިންގުމަށްފަހު ހިނައިނުގަނެ ނިދުމަކީ ހުއްދަކަމެކެވެ. އަދި ހޭލާ ތިބިކަމުގައިވިޔަސް ފަތިސްނަމާދާއި ހަމައަށް ހިނައިނުގަނެ ތިބުން ހުއްދައެވެ. އެހެންނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅުވަނީ ދެމަފިރިން އެއްދާންކުރުމަށްފަހު ނިދާކަމަށް ވަންޏާ ވުޟޫކޮށްގެން ނިދުން މުޞްތަޙައްބުވެގެންވާކަމަށެވެ.

ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ( كَانَ رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ غَسَلَ فَرجَهُ وَتَوَضَّأَ وُضُوءِه لِلصَّلَاةِ ) متفق عليه. މާނައީ "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖުނުބުވެރި ޙާލަތުގައި ހުންނަވާ އަވަހާރަފުޅުލައްޕަވަން ވެއްޖެނަމަ އެކަލޭގެފާނުގެ ކުރިމަތިފަރާތް ދޮންނަވާ ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރައްވައެވެ."

އަދިވެސް އިބްން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. (يَا رَسُولَ اللهِ أَيَنَامُ أَحَدُنا وَهُوَ جُنُبٌ قال : ( نَعَمْ إِذَا تَوَضَّأَ ) متفق عليه. މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ! (ޞައްލަﷲ ޢަލައިހި ވަސައްލަމް) ތިމަންމެންގެ ތެރިން މީހަކު ޖުނުބުވެރިހާލަތުގައި ވަނިކޮށް ނިދިދާނެހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. "އާނއެކެވެ. އެމީހަކު ވުޟޫކޮށްފިނަމައެވެ."

ޢިބުނު ޢުމަރު- ރަޟިޔަﷲ ޢަންހު ގެ މިޙަދީޘުން ދަލީލުނަންގަވާ ވުޟޫކުރުން ވާޖިބެއްކަމުގައި ޟާހިރީންނާއި އަދި މާލިކީ މަޒްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ އިބްން ޙަބީބު ރަޙިމަހުމުﷲ ވިދާޅުވެއެވެ.

ވުޟޫކުރުމުގެ ޙިކުމަތަކީ ޖުނުބުވެރިކަމުން ވެރިވެފައިވާ ޙަދަސްވެރިކަން ވުޟޫގެ ސަބަބުން ކުޑަކޮށްދެއެވެ. އަދި ތިމާގެ ހަށިގަނޑަށް ތާޒާކަން ގެނެސްދެއެވެ.

ވީމާ، އެންމެ ރަނގަޅު ގޮތަކީ ޖުނުބުވެރިވުމަށްފަހު ނިދާކަމަށްވަނީނަމަ ވުޟޫކޮށްގެން ނިދުމެވެ. ހިނައި ނުގަތަސް ފުދޭނެއެވެ. އެހެންނަމަވެސް ފަތިސްވުމުން ނަމާދުކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. والله أعلمނޫރުލްއިސްލާމް

www.noorul-islam.net