ނޫރުލްއިސްލާމް

www.noorul-islam.net


އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ

Category »  އިސްލާމީ ޝަޚްޞިއްޔަތު
Saturday, January 14, 2012
ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ޢާއިޝާ ރަޟިޔަﷲ ޢަންހާ އަކީ މިއުއްމަތުގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންމެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަމަނާ އަކީ އެންމެހާ މުއުމިން ތަކުންގެ މަންމައިނގެ ތެރެއިން މަންމައެކެވެ. އެކަމަނާގެ ނަންފުޅަކީ ޢާއިޝާ ބިންތު އަބީ ބަކުރި އައް ޞިއްދީޤި ( ޢަބްދުﷲ ބިން ޢުޘްމާން) އަލް ޤުރަޝީ އެވެ. ޢަބްދުﷲ އިބްން ޢުޘްމާނަކީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަސްލު ނަންފުޅެވެ. އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވަނީ ބަނީތައިމް ދަރިކޮޅަށެވެ.

 

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މަންމައަކީ ރޫމާން ބިންތު ޢާމިރި ބިން ޢުވައިމް އަލްކިނާނިއްޔާއެވެ. މިކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންންނެވީ ނަބިއްޔާ ޞައްލަﷲ ޢަލއިހި ވަސައްލަމް ރަސޫލުކަމާއިގެން ވަޑައިގެންނެވިތާ 4 ނުވަތަ 5 އަހަރު ފަހުންނެވެ.

 

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢާއިޝާ ރަޟިޔަﷲ ޢަންހާޔާ ކައިވެނި ބައްލަވައިގަތީ އެކަމަނާގެ ޢުމުރުފުޅުން 6 އަހަރުގައެވެ. 7 އަހަރުގައޭވެސް ބުނެވެއެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢާއިޝާ ރަޟިޔަﷲ ޢަންހާޔާ އެއްމެ ފުރަތަމަ ރޭ ކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން 9 އަހަރުގައެވެ. އަދި މިއީ ހިޖުރައިން ފުރަތަމަ އަހަރުޝައްވާލުމަހުގައެވެ. ހިޖުރައިން 2 ވަނައަހަރުގަ ކަމަށްވެސް ބުނެވެއެވެ.

 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ ޢިލްމީ ރޮނގުން ވަރަށް ފުންނާބުއުސް ބޭކަނބަލެކެވެ. މާތް ﷲގެ ފަޟްލުވަންތަވެރިކަމުން، އަދި މާތްނަބިއްޔާގެ އަރިހުގަޢި ޢުޅުއްވުމުގެ ރަނުގެ ފުރުޞަތު ލިބިވަޑައިގަތުމުގެ ސަބަބުން އެކަމަނާ ވަނީ ތަފާތު އެކިއެކި ފަންނުގައި ޢިލްމީގޮތުން ވަރަށް ކުރިޔަށް ވަޑައިގެންފައެވެ. އަދި މި ކަމަނާ ރަޟިޔަﷲ ޢަންހާ ވަނީ ޢިލްމު އުނގެނުމުގައްޔާއި އުނގަންނަވައި ދެއްވުމުގައި މިއުންމަތުގެ އަންހެނުންނަށް ލާމަސީލު ނަމޫނާއެއް ދައްކަވާފައެވެ.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ޞަޙާބީންގެ ތެރެއިން ޢިލްމީގޮތުން މަތީފަންތީގެ ބޭބޭކަލުން އެކަމަނާ ގެ އަރިހަށް ބައެއް މައްސަލަތައް ސާފުކޮށްލެއްވުމަށް ވަޑައިގަންނަވާ ކަމަށް ޞައްޙަ މަގުން ރިވާވެގެންވެއެވެ.

 

އަބޫބުރައިދާ  ބިން އަބީ މޫސާ ރަޟިޔަﷲ ޢަންހާ އެކަލޭގެފަނުގެ ބައްޕާފުޅުގެ ފަރާތުން ރިވާކުރެއްވިއެވެ. ((ما أشكل علينا أمر فسألنا عنه عائشة إلا وجدنا عندها علما.)) މާނައަކީ؛ "އަހަރުމެންނަށް އޮޅުންއަރައިގެން އުޅޭ ކޮންމެ މައްސަލައެއްގައި، ޢާއިޝާ އާ ސުވާލުކޮށް ޖަވާބު ނުލިބޭ އެއްޗެއް ނޯވެއެވެ." (ނޯޓް: ސުވާލު ކުރައްވައި ޖަވާބު ލިބިވަޑައިގަންނަވަނީ ފަރުދާއެއްގެ ފަހަތުގައި ތިއްބަވައިގެންނެވެ.)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މާތްކަމާ ބެހޭގޮތުން އަބޫމޫސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުން ރިވާ ކުރެއްވި ހަދީސެއްގައި ވެއެވެ. ((فضل عائشة على النساء كفضل الثريد على سائر الطعام )) މާނައަކީ؛ " ހުރިހާ ކާނާގެ ބާވަތްތަކުގެ މައްޗަށް ޘަރީދު މުހިއްމު ވެގެންވާ ފަދައިން އުއްމަތުގެ އަންހެނުންގެ މައްޗަށް ޢާއިޝަތުގެފާނު މާތްވެ މުހިންމު ވެގެންވެއެވެ." (ނޯޓް: ޘަރީދް އަކީ ގޮދަންފުށުން ހަދައި ފިހެފައި ހުންނަ ބަނަސްކަހަލަ، ޢަރަބިންގެ ތެރޭ ވަރަށް މަޝްހޫރު މައިގަނޑު ކެއުމެކެވެ.)

 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ސުވާލު ކުރެއްވިއެވެ. ((من أزواجك في الجنة؟)) " ސުވަރުގޭގައި ކަލޭގެފާނުގެ އަނބިކަނބަލުންނަކީ ކޮން ބޭކަނބަލުންނެއްތޯއެވެ؟ " ދެން ރަސޫލާ ޙަދީސްކުރެއްވިއެވެ. ((قال: أنت منهن.)) " ކަމަނާވަނީ އޭގެ ތެރެއިންނެވެ"

 

މާތް ﷲ ރުއްސުން ލެއްވި ޢާއިޝަތުގެ ފާނަކީ މި ދުނިޔެ ދުށް ޢާލިމުންގެ ތެރެއިން އަރައި ހުންނެވި މޮޅު ޢިލްމުވެރިއެވެ. އެކަމަނާ ދުނިޔެ ދޫކުރެއްވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ދުވަހުގެ ރެއެވެ.



ނޫރުލްއިސްލާމް

www.noorul-islam.net