ނޫރުލްއިސްލާމް

www.noorul-islam.net


ސުންނަތަކީ ކޮބާ؟

Category »  ދީނީ ލިޔުން
Monday, February 14, 2011
ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން (ޑެޕިޔުޓީ އެޑިޓަރ)

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އުޅުމަށް ދައްކަވާދެއްވާފައިވާ މަގަކީ މާތްވެގެންވާ އިސްލާމްދީނެވެ. މިދީން ބިނާވެފައިވަނީ މައިގަނޑު ދެ މަސްދަރެއްގެ މައްޗަށެވެ. އެއީ ﷲ ގެ ކަލާމްފުޅުކަމުގައިވާ ކީރިތިޤުރުއާނާއި އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމުގެ އަގުމާއިވި ސުންނަތެވެ. މި މައިގަނޑު ދެ މަސްދަރުގެ މައްޗަށް އިސްލާމީ ޝަރީޢަތް ބިނާވެގެންވާއިރު، ޝަހާދަތުގެ ދެ ކަލިމަ ވަކިނުވާނޭފަދައިން ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ އަލައަހި ވަސައްލަމުގެ ސުންނަތް ވަކިނުވާނޭކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.

އާދެ! ސުންނަތޭ ބުނުމުން ވަރަށް ގިނަބަޔަކަށް މީގެ ހަޤީޤީ މާނަ އޮޅިފައިވާތީވެ މިކަމާ ގުޅޭ ގޮތުން ކޮންމެވެސް އެއްޗެއް ލިޔެލަން ގަސްދުކުޅަ ހިނދު މާތްﷲގެ ކިބައިން ވާތްގަށްއެދި ފަށަމެވެ.

ސުންނަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމުގެ އެންމެހައި ބަސްފުޅުތަކާއި އެކަލޭގެފާނުގެ އެންމެހައި ޢަމަލު ފުޅުތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއްހިނގައި އެކަމާމެދު އެކަލޭގެފާނު އިންކާރު ނުކުރެއްވި ނުވަތަ ރުއްސަވާކަން ފާޅުކުރެއްވި ކޮންމެ ކަމެކެވެ. މީގެތެރޭގައި އެކަލޭގެފާނުގެ މުޅި ހަޔާތް ހިމެނިގެންވެއެވެ. ކީރިތިޤުރުއާނުގައި އައިސްފައިވާ އެންމެހައި އިރުޝާދުތައް މީގައި ހިމެނިގެންވެއެވެ. އެހެންވެ ޢާއިޝާ ރަޟިޔައްﷲ އަންހާގެ ކިބައިން ވާރިދުވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވަނީ: "كَانَ خُلْقُهُ القُرْآن" މާނައީ: "ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމުގެ އަޚްލާޤަކީ ޤުރުއާނެވެ." އެބަހީ: ޤުރުއާނުގައިވާ އެންމެހައި ކަންތައްތައް އެކަލޭގެފާނުވަނީ އަމަލީ ގޮތުން އުނގަންނަވައިދެއްވާފައެވެ.

ނަމަވެސް ބައެއް މުސްލިމުންނަށް މީގެ ޙަޤީޤަތް އޮޅިފައިވެއެވެ. އާދެ ބައެއްފަހަރަށް އަޅުގަނޑުމެންނަށް އިވިފައިވޭ ސުންނަތަކީ އެކަމެއްކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލިޔަސް ޢަޛާބު ނުލިބޭ ކަންތައްތަކެވެ. މިހެން ބުނެ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ އަރިހުން ވާރިދުވެފައިވާ ކަންތަތަކާމެދު ފަރުވާ ކުޑަރެވޭފަހަރު އެބައާދެއެވެ. ޙަޤީޤަތަކީ ދެންމެ އަޅުގަނޑު މިދެންނެވި ކަނތައްތަކުގެ ވާހަކައަކީ ސުންނަތް ކަންތައްތަކުގެ ވާހަކައެވެ. އާދެ މިއީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ފަސް ޙުކުމުގެ ތެރެއިން ޙުކުމެކެވެ. ފިޤުޙު ޢީލްމުވެރިން އެއަށްކިޔަނީ ޝަރުޢީ ހުކުމްތަކެވެ. އެއީ ވާޖިބު ކަންތައްތަކާއި، ޙަރާމް ކަންތައްތަކާއި، ސުންނަތް ކަންތައްތައްކާއި، މަކުރޫޙަކަންތައްތަކާއި އަދި ހުއްދަ ކަންތައްތަކެވެ. ވާޖިބަކީ އެކަމެއްކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލައިފިނަމަ ޢަޛާބު ލިބުން ޙައްޤުވާ ކަންތައްތަކެވެ. ޙަރާމް ކަންތައްތަކަކީ އެކަމެއް ދޫކޮށްލުމުން ޘަވާބު ލިބޭ އަދި ކުރުމުން ޢަޛާބު ލިބުން ޙައްޤުވާ ކަންތައްތަކެވެ. ސުންނަތް ކަންތައްތަކަކީ އެކަމެއް ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކުލޮށްމުން ޢަޛާބު ނުލިބޭ ކަންތައްތަކެވެ. މަކުރޫހަ ކަންތައްތަކަކީ ކުރުމުން ޢަޛާބު ނުލިބޭ އަދި ނުކޮށް ދޫކޮށްލާފިއްޔާ ޘަވާބު ލިބޭ ކަންތައްތަކެވެ. ހުއްދަ ކަންތައްތަކަކީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައްތަކެވެ. އާދެ މިއީ ފިޤުހުވެރިންގެ އިޞްތިލާޙުގައި އައިސްފައިވާ ޝަރުޢީ ފަސް ޙުކުމެވެ. އެގޮތުން މީގެތެރެއިން އެއްބަޔަކަށް ކިޔާނަމަކީ ސުންނަތް ކަންތައްތަކެވެ. އަދި ބައެއްފަހަރަށް ޢިލްމުވެރިން ސުންނަތް މިބަސް ބިދުޢަ ގެ އިދިކޮޅު މާނައިގައިވެސް ބޭނުންކުރެއެވެ. މިސާލަކަށް މިވެނި ކަމެއްކުރުމަކީ ސުންނަތް ކަމެކޭ، މިވަނަ ކަމެއްކުރުމަކީ ބިދުޢައެކޭ، ސުންނަތާ ޚިލާފު ކަމެކޭ، މިމާނައިގަވެސް ބޭނުން ކުރެއެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ގޮތުން ސުންނަތް މި ބަސް ބޭނުންކުރާކަމުގައިވާނަމަ މާނައަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ މުޅި ހަޔާތްޕުޅު އޭގައި ޝާމިލުވެގެންވުމެވެ. އެކަލޭގެފާނުގެ އެންމެހައި ބަސްފުޅުތައް އެކަލޭގެފާނުގެ އެންމެހާ ޢަމަލުފުލުތައް މިގައި ޝާމިލުވެގެންވެއެވެ. އެހެންކަމުން އަޅުގަނޑުމެން މި ދެމާނަ އެއްވެސް ޙާލެއްގައި އޮޅުވާލައިގެން ނުވާނެއެވެ! ސުންނަތް ކަންތައްތަކާއި ސުންނަތާއި މި ދެ މާނަ އޮޅުވާލައިގެންނުވާނެއެވެ. ސުންނަތް ކަންތައްތަކަކީ އިސްވެބަޔާން ކުރި ފަދައިން އެކަމެއް ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭ ކަންތައްތަކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ ސުންނަތޭ ބުނުމުން އޭގެތެރޭގައި ވާޖިބު ކަންތައްތަކާއި އަދި ހަމަ އެހެންމެ ސުންނަތް ކަންތައްތައްވެސް ހިމެނިގެންވެއެވެ. މާތްﷲ ސުބުހާނުހޫ ވަތަޢަލާ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ނަމޫނާއެއްކަމުގައި ބެލުމަށެވެ.  ( لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ) الأحزاب: 21 މާނައީ: " ﷲގެ ރަސޫލާގައި ތިޔަބައިމީހުންނަށްވާ ރީތި ނަމޫނާއެއް ވެއެވެ. އެއީ ﷲގެ ޙަޟުރަތުން ދަރުމައާއި އާޚިރަތްދުވަހުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ބަޔަކަށެވެ."

އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ކީރިތ ޤުރުއާން ބާއްވާލައްވައި އެ ޤުރުއާނުގައި ވާ އެއްޗެއް މީސްތަކުންނަށް ބަޔާން ކޮށްދެއްވުމުގެ މަސްޢޫލިއްޔަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައިވަނީ އަޅުއްވާފައެވެ. އެކަލޭގެފާނު ވަނީ މި މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާފައެވެ. މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ( وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ ) النحل:44 މާނައީ: "ކަލޭގެފާނުގެ މައްޗަށް މިޤުރުއާން ބާއްވާލެއްވީ މީގައިވާ އެއްޗެއް ކަލޭގެފާނު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށެވެ."

އެކަލޭގެފާނު ޙައްޖަތުލް ވަދާޢުގައި ޢަރަފާތުގައި ހުންނަވައިގެން އެންމެހާ މީސްތަކުންނާއި މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. "أَلا هَلْ بَلَّغْتَ اَلَّلهُمَّ فَاشْهَدْ", މާނައީ:" ތިމަން ކަލޭގެފާނު މި ދީން ތިޔަބައި މީހުންނަށް ފޯރުކޮށްދެއްވައިފީމުހެއްޔެވެ؟" މީސްތަކުން އާދޭހޭ ދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވީ:" އޭ ﷲ އެވެ! ހެކިވެ ވޮޑިގަންނަވާށެވެ!"

އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ލާޒިމުވެގެން ވަނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ އެންމެހާ ބަސްފުޅުތަކާއި އެންމެހާ ޢަމަލުފުޅުތައް އަޅުގަނޑުމެންގެ ނަމޫނާއެއްކަމުގައި ބަލައިގަތުމެވެ. އެހެންނުވާކަމުގައި ވަނީނަމަ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ އެއް ނުވާނެއެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:  ( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ) الأحزاب: 3 މާނައީ: " އެއްވެސް މުއުމިނު ފިރިހެނަކަށް ވިޔަސް އަދި އެއްވެސް މުއުމިނު އަންހެނަކަށްވިޔަސް ﷲ އާއި އެކަނލާގެ ރަސޫލާ ކަމެއްގައި ގޮތެއް ކަނޑައަޅައިފިނަމަ އެކަމެއްގައި އިޚްތިޔާރު ލިބިގެނެއް ނުވެއެވެ."

އެހެން އާޔަތެއްގައި މާތްﷲ ވަހީކުރައްވަނީ: وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا الحشر:7 މާނައީ: " ﷲގެ ރަސޫލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމެއްގައި ހިފާށެވެ، އަދި އެކަލޭގެފާނު ކަމަކުން ނަހީކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމަކުން ދުރުވެގަންނާށެވެ." އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވެއެވެ. مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ النساء: 80 މާނައީ:" ރަސޫލާއަށް ކިޔަމަން ގެންފި މީހާ ހަމަކަށަވަރުން ﷲ އަށް ކިޔަމަން ގަންފިއެވެ."

އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފަވެއެވެ. "كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى" މާނައީ: "ތިމަން ކަލޭގެފާނުގެ އުންމަތުގެ އެންމެންވެސް ސުވަރުގެ ވަންނާނެއެވެ. ސުވަރުގެއަށް ވަނުމަށް ދެކޮޅު ހަދައިފި މީހަކު މެނުވީ" އަޞްޙާބު ބޭކަލުން ވަރަށް ހައިރާން ކަމާއެކު ސުވާލު ދެންނެވި، އޭ ﷲގެ ރަސޫލާއެ! ސުވަރުގެ ވަނުމަށް ދެކޮޅުހަދާނީ ކާކުހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް ކިޔަމަން ގަންފި މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަން ނުގަތް ދެކޮޅު ހަދައިފި މީހާ އެއީ ސުވަރުގެ ވަނުމަށް ދެކޮޅުހަދައިފި މީހާއެވެ"

އަލްޙައްސާނު ބިން އަޠިއްޔާގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ރިވާޔަތެއްގައިވެ. "كَانَ جِبْرِيْلُ يَنْزِلُ عَلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَمَّ بِالسُّنَّةِ كَمَا يَنْزِلُ عَلَيْهِ بِالْقُرْآنِ وَيُعَلِّمُهُ إِيَّاهَا". "ޖިބްރީލުގެ ފާނު ޤުރުއާނާގެން މުޙައްމަދުގެފާނުގެ މައްޗަށް ފައިބާ ވަޑައިގަންނަވާހެން ސުންނަތައިގެންވެސް ފައިބާވަޑައިގަންނަވާ އެކަންތައްތައް އެކަލޭގެފާނަށް އުނގަންނަވައިދެއްވައެވެ."

އާދެ! އަޅުގަނޑުމެން ބުއްދީގެ ހަމައިން ބެލިކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގޭ ރަސޫލުﷲ ޞައްލައްﷲ އަލައިހި ވަސައްލަމުގެ ސުންނަތާ ނުލައި އަޅުގަނޑުމެންނަކަށް އިސްލާމް ދީން ނޭނގޭނެކަމެވެ. އިސްލާމްދީނުގެ އެންމެ މުޙިއްމު ރުކުން ކަމުގައިވާ ނަމާދަށް ބައްލަވާށެވެ! ނަމާދުގެ އަދަދެއް ކަނޑައެޅިގެން ކީރިތި ޤުރުއާނުގައި އަންގަވާފައެއްނުވެއެވެ. ފަރުޟުވެގެންވަނީ ރެއާދުވާލު ފަސްނަމާދު ކަމެއް ޤުރުއާނުގައި ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމާދުގެ ވަގުތުތަކަށް އިޝާރާތް ކުރައްވާފައިވީ ނަމަވެސް ނަމާދުގެ ޢަދަދު އެނގޭކަށްނެތެވެ. ހަމަ އެހެންމެ ފަތިސް ނަމާދުގައިވަނީ ދެރަކުޢަތްކަމާއި މެންދުރު ނަމާދުގައިވަނީ ހަތަރު ރަކުޢަތް ކަމާއި މިހެން ގޮސް ނަމާދުގެ އެންމެހައި ރަކުޢަތްތަކާއި ރުކުންތަކާއި ނަމާދުގައި ކިޔަވައި އެއްޗިއްސާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ޤުރުއާނަކުން އެނގޭކަށްނެތެވެ. މި ހުރިހާ ކަމެއްގެ ތަފްޞީލު ބަޔާންކޮށްދެއްވާފައިވަނީ ސުންނަތުގައެވެ. އެހެންވެ މާތް ﷲ ވަޙީ ކުރައްވަނީ : وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ النحل:44 މާނައީ:  "ކަލޭގެފާނަށް މިޤުރުއާން ބާވާލައްވާފައި މިވަނީ މީގައިވާ އެއްޗެއް ކަލޭގެފާނު މީސްތަކުންނަށް ބަޔާންކޮށް ތަފުޞީލު ކޮށްދެއްވުމަށެވެ." އެގޮތުން ނަމާދުކުރަންވީގޮތް އަމަލީ ގޮތުން ދައްކަވައިދެއްވާ އެކަލޭގެފާނުވަނީ ޤުރުއާނުގައިވާ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "صَلُّوْا كَمَا رَأَيْتُمُونِي أُصَلِّي"  "ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުން ދުއް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ." ހަމައެހެން ޙައްޖުގެ އަޅުކަމަށް ބެލިކަމުގައި ވިޔަސް، ޙައްޖުގެ އެންމެހައި ޢަމަލީ ކަންތައްތައް އެކަލޭގެފާނު ބަޔާންކޮށްދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ. " خُذُوْا عَنِّي مَنَاسِكَكُمْ. "  "ޙައްޖުގެ އަޅުކަން އަދާކުރާނެގޮތް ތިޔަބައިމީހުން ތިމަންކަލޭގފާނުގެ އަރިހުން ލިބިގަންނާށެވެ."

އާދެ! އެހެންކަމުން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އިސްލާމްދީނުގެ އެންމެހައި ކަންތައްތައް އަޅުގަނޑުމެންނަށް އެނގޭނީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމުގެ ސުންނަތަށް ރުޖޫޢަވެގެންކަމެވެ. ޤުރުއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އެއަށް ރުޖޫޢަވުމަށެވެ. މާތްﷲ ވަހީ ކުރައްވަނީ: وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا الحشر:7 މާނައީ: " ﷲގެ ރަސޫލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމެއްގައި ހިފާށެވެ، އަދި އެކަލޭގެފާނު ކަމަކުން ނަހީކުރައްވައިފިނަމަ ތިޔަބައިމީހުން އެކަމަކުން ދުރުހެލިވާށެވެ." މިމާނައިގާ އައިސްފައިވާ ކިތައްމެ އާޔަތްތަކަކާއި ކިތައްމެ ޙަދީޘްތަކެއް އަޅުގަނޑުމެންގެ މި މާތްވެގެންވާ ދީނުގައި ވެއެވެ. ދަންނަބޭކަލުނާއި އަޞްޙާބުބޭކަލުންގެ ޒަމާނުއްސުރެފެށިގެން މިއަދާހަމައަށް، ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ ސުންނަތަކީ ޝަރުޢީ ޙުކުމްތަކުގެ ޙުއްޖަތެއްކަން ވަނީ އިޖުމާޢުވެފައިއެވެ. އެހެން ކަމުން އެއާއި ނުލާ އިސްލާމީ ޝަރީޢަތް ނޭނގޭނެ ކަމީ ކަނޑައެޅި ބަޔާންވެގެންވާ ކަމެކެވެ.

ވީމާ، އަޅުގަނޑުމެން އެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ރުޖޫޢަވެ އޭގައި ހިފުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮމަގު ދައްކަވައި މިދީނުގެ މަތީގައި ފައިތިލަ ޘާބިތު ކޮށްދެއްވާށި! އާމީން!ނޫރުލްއިސްލާމް

www.noorul-islam.net