ނޫރުލްއިސްލާމް

www.noorul-islam.net


އިސްލާމީ ނަޒަރަކުން ރައްޔިތުންގެ މަޖްލީހާއި ކައުންސިލް އިންތިޚާބުތަކުގައި އަންހެނުން ވާދަކުރުން

Category »  ކުރީގެ މުޝްރިފްގެ ޤަލަމުން
Sunday, January 16, 2011
ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

بسم الله الرحمن الرحيم

الحمد لله الذي خلق الذكر والأنثى، والصلاة والسلام على إمام الأنبياء والمرسلين، سيدنا ونبينا محمد وعلى آله وأصحابه أجمعين ومن تبعهم بإحسان إلى يوم الدين، وبعد:

މި މަޒްމޫނުގައި މި ބަޔާންކޮށްލަނީ މިޒަމާނުގައި ފާޅުވެގެން އުޅޭ ބައެއް ފިކުރީ މައްސަލަތަކުގެ ތެރެއިން އަންހެނުން އިންތިޚާބުތަކުގައި ވާދަކުރުމާމެދު ދީނުގައި އޮތް ބަޔާންކޮށް ދިނުމަށް އެދި އަޅުގަނޑަށް ހުށަހެޅުނު ސުވާލަކަށް އަޅުގަނޑުގަށް ދިރާސާކުރެވިފައިވާ މަޢްލޫމާތުގެ އަލީގައި ދެވިފައިވާ ޖަވާބެކެވެ.

އަންހެނާއަކީ ފިރިހެނާ ފަދައިން ތަކުލީފްލިބިގެންވާ މުކައްލަފެކެވެ. ﷲ އަށް އަޅުކަން ކުރުމަށާއި، އެކަލާނގެ ދީން ޤާއިމުކުރުމަށާއި، ދީނުގެ ފަރްޟުވާޖިބުތައް އަދާކުރުމަށާއި، ޙަރާމްކަންތައްތަކުން ދުރުހެލިވެގަތުމަށް ފިރިހެނާގެ ކިބައިން އެދެވިގެންވާ ފަދައިން އަންހެނާގެ ކިބައިން ވެސް އެދެވިގެންވެއެވެ.

ޝަރުޢުގެ ޚިޠާބު އައިސްފައިވަނީ ހަމަ އެކަނި ފިރިހެނުންނަކަށް ނޫނެވެ. އަންހެނުންނަށް ވެސް މެއެވެ. ކީރިތި ޤުރްެއާނުގައި ވާރިދުވެގެންވާ އޭ މީސްތަކުންނޭވެ! ނުވަތަ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މި ގޮވާލުމުގެ ތެރެއަށް އަންހެނުންވެސް ވަދެއެވެ. މި ގޮވާލުންތަކަކީ ހަމަ އެކަނި ފިރިހެނުންނަށް އައިސްފައިވާ ގޮވާލުންތަކެއްނޫނެވެ.

މި މަޒްމޫނުގައި ބަޔާކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

- އިސްލާމްދީނުގައި އަންހެނުންގެ މަޤާމު

- ކަންކަން ޙަރާމްކޮށް، ނުވަތަ ހުއްދަކުރުމުގެ ކުރީން ވިސްނަންޖެހޭ ކަންތައްތައް

- ރައްޔިތުންގެ މަޖްލީހާއި ކައުންސިލް އިންތިޚާބުތަކުގައި އަންހެނުން ވާދަކުރުމަކީ ހުއްދަ ނޫންކަމެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ރައުޔުގެ މައްޗަށް ނަޒަރެއް

- ނުބައިކަންކަމަށް މަގު ފަހިވާ ދޮރުތައް ބަނދުކުރުމުގެ މަފްހޫމު

- އަންހެނުންނާއި އިސްވެރިކަމާއި އިސްމަސްއޫލިއްޔަތު

- ނަތީޖާ

 

އިސްލާމްދީނުގައި އަންހެނުންގެ މަޤާމު

ދުނިޔެ އާރަސްތުކުރުމާއި މުޖްތަމަޢާއި ޙަޟާރަތް ބިނާކުރުމުގައި އަންހެނުންގެ  ދައުރެއް އޮވެގެން ނުވާނެކަމަށް ދެކެވޭ ވާހަކަތަކަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާއި މުޅިން ތަޢާރަޟްވާ ވާހަކަތަކެކެވެ.

ޙަޤީޤަތަކަށް އެނބުރި ދާއިރު އަންހެނާއަށް ދިރިހުރުމުގެ ޙައްޤާއި އަނިޔާވެރިކަމުން މިނިވަންވެގަތުމުގެ ފުރްޞަތު ހޯދައިދީ، އޭނާ އަކީ މަތިވެރި އިންސާނެއްކަމުގައި ހަދައިދިނީ އިސްލާމްދީންކަން އެނގިފާޅުވެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ދަންމަރުގެ އަލިކަން ދުނިޔެއަށް ފާޅުވެގެންދިޔައީ ދުނިޔޭގެ ބޮޑެތި ހަޟާރްތަކުގައި އަންހެނާއަށް ނިކަމެތިކޮށް ހިތާފައިވާ ޖަހާލަތުގެ އަނދިރި ދުވަސްވަރެއްގައި ކަން ތާރީޚު ހެކިދެއެވެ. ޚާއްޞަކޮށް ޢަރަބިކަރައިގައި އަންހެނުންނަށް އަނިޔާވެރިވުން އޮތީ އިންތިހާ އަށް ފެތުރިފައެވެ.  ﷲ ވަޙީކުރައްވާފައިވެއެވެ.  (وَإِذَا بُشِّرَ أَحَدُهُمْ بِالأنْثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ (٥٨) يَتَوَارَى مِنَ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلا سَاءَ مَا يَحْكُمُونَ )  (٥٩) النحل: ٥٨ ٥٩ މާނައީ: އަދި އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރުދެވިއްޖެ ނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެއެވެ. އޭނާ އަށް އެކަމުގައި ހިތާމަ ލިބިގެންވާ ޙާލުގައެވެ. އެމީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަން މަތީގައި އޭނާ އެކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެއަށް އެކުއްޖާ ކޮށްޕާލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންގެ ނިންމުން ހާދަހާވާ ނުބައިވެގެންވެއެވެ.

މިއީ ދުނިޔޭގައި ކަންހިނގަމުންދިޔަ އުޞޫލެވެ. އަންހެނުންގެ ޙައްޤުތައް ކީއްކުރަންތޯއެވެ؟ އަންހެނުންގެ ނަސްލުވެސް ނައްތާލަން މަސައްކަތްކުރީއެވެ. ބައެއް ޙަޟާރަތްތަކުގައި އަންހެނާ ދިރިހުއްޓާ އަލިފާނަށް ލައި އަންދަމުން ދިޔައެވެ. އޭނާ ބޭނުންކުރަމުން ދިޔައީ ޖިންސީ ޣަރީޒާ ފުއްދާ ވަސީލަތެއްގެ ގޮތުގައެވެ. މިގޮތުގައި އިންސާނިއްޔަތުވަނިކޮށް މަތިވެރި ﷲ އިޢުލާންކުރައްވަނީ އެންމެހައި އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި ހަމަހަމަ ބައެއްކަމަށެވެ.  ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (١٣) الحجرات:13 މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. އަދި ތިމަން ﷲ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ އެންމެ ތަޤުވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ.

އަދި ހެޔޮ ޢަމަލުގެ މައިދާނުގައްޔާއި ޝަރީޢަތުގެ ކަނޑައަޅުއްވާފައިވާ ޢުޤޫބާތުގެ ކުރިމަތީގައި ވެސް އަންހެނުންނާއި ފިރިހެނުންގެ ދަރަޖައަކީ އެއްދަރަޖައެއްކަމެވެ. މި ޙަޤީޤަތްތައް ކަށަވަރުކުރައްވަމުން ﷲ ވަޙީކުރައްވާފައިވަނީ މިފަދަ އިންނެވެ. ( إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا (٣٥) الأحزاب: ٣٥  މާނައީ:  ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުންނާއި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނާއި ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނާއި ކެއްތެރި ފިރިހެނުންނާއި ކެއްތެރި އަންހެނުންނާއި ބިރުވެތިވާ ފިރިހެންނުނާއި ބިރުވެތިވާ އަންހެނުންނާއި ޞަދަޤާތްދޭ ފިރިހެންނުންނާއި ޞަދަޤާތްދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ ފިރިހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ އަންހެނުންނާއި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި ޛިކުރުކުރާ އަންހެނުންނާއި އެ އެންމެނަށްޓަކައި ﷲ ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ.

އަދިވެސް ﷲ ވަހީކުރައްވާފައިވެއެވެ. ( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (٩٧) النحل: ٩٧  މާނައީ: މުއުމިނަކު ކަމުގައިވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލެއްކޮށްފި މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ޢަމަލުކޮށް އުޅުނު އެންމެހެޔޮ ގޮތުގައި ދަރުމައިން އެއުރެންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމުގައި އަންހެނުންނާއި ފިރިހެނުންނަކީ އެއްބަޔަކު އަނެއްބައެއްގެ އެހީތެރީންކަމުގައި ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ.

އަދި ހެޔޮލަފާ ޞާލިޙު މުޖުތަމަޢެއް ބިނާކުރުމުގައި ދެޖިންސުގެ މީހުން އަދާކޮށްފައިވަނީ އުޚުއްވަތްތެރި ދައުރެކެވެ. އެއި މިއާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ( وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ (٧١) التوبة: 71 މާނައީ: މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމު ކުރެއެވެ. ޒަކާތްދެއެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތް ލައްވާ ހުއްޓެވެ ހަމަކަށަވަރުން ﷲއީ ޢިއްޒަތްތެރި ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެ އެވެ.

މިއާޔަތްތަކުން ދޭހަކޮށްދޭ ގޮތުން މުޖްތަމަޢު ބިނާކުރުމުގައި އަންހެނާގެ ދައުރު ވަރަށް ފުޅަލެވެ. ދީނީ އިމުގެ ތެރެއިން، އިސްލާމީ އަޚްލާޤުގެ ތަރަހައިގެ ތެރޭގައި މަސައްކަތްކުރުން ޖާއިޒްވެގެންވެއެވެ. އާދެ! މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އަންހެނުން އަދާކޮށްފައިވަނީ ވަރަށް މަތިވެރި ދައުރެކެވެ. ކީރިތި ނަބިއްޔާގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަ ދިނީ ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިސްލާމްދީނަށްޓަކައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގަތީ ވެސް ސުމައްޔާ ރަޟިޔަﷲ ޢަންހާއެވެ. ބައެއް އަންހެނުން ބޭކަނބަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އުޙުދު ހަނގުރާމައިގައްޔާއި، ޙުނައިންގެ ދުވަހުގައި ހަނގުރާމަ ވެސް ކުރެއްވިއެވެ. ޚާއްޞަ ގޮތުގައި އުޙުދުގެ ދުވަހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ދިފާޢުގައި ނުސައިބާ ބިންތި ކަޢުބު ހަނގުރާމަކުރައްވިކަން ތާރީޚުން ފެންނަން އެބައޮތެވެ. އަދި އަމީރުލްމުއުމިނީން އުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ދުވަސްވަރުގައި ކަނޑުގެ ހަނގުރާމަތަކުގައި ވެސް އަންހެނުން ބައިވެރިވެފައިވެއެވެ.

އާދެ! ޙަދީޘް ޢިލްމުގައި އެންމެ ޞައްޙަކަން ބޮޑު ފޮތްކަމުގައިވާ އިމާމުލްބުޚާރީގެ ޞަޙީޙްގައި އަންހެނުން ހަނގުރާމަތަކުގައި ބައިވެރިވެލައްވާފައިވާ ވާހަކަތަކާއި ޙަދީޘްތައް ބަޔާންކުރެއްވުމަށްޓަކައި ވަކި ޚާއްޞަ ބާބެއް ގެންނަވާފައިވެއެވެ. އެބާބަށް ކިޔަނީ  ( بابُ غَزْوُالنِّسَاءِ وَقِتَالِهِنَّ)  އަންހެނުން ހަނގުރާމަތަކަށް ދިއުމާއި ހަނގުރާމަކުރުމައިގައި ބައިވެރިވުމުގެ ވާހަކަ ބަޔާންކުރެވޭ ބާބު އެވެ. އެބާބުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ޙަޔާތްޕުޅުގައި ހަނގުރާމަތަކުގައި އަންހެނުން އަދާކޮށްފައިވާ މުހިންމު ދައުރާއި ކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވެއެވެ.

އާދެ! ކީރިތި ޤުރްއާނުގެ ޙުކުމްތަކަށް ފުންކޮށް ނަޒަރު ހިންގައިފި ނަމަ، ފެނިގެން ދާނީ ދެޖިންސާމެދު އިންޞާފުވެރިވެފައިވާތަކެވެ. ފިޠްރީ ގޮތުން ހުރި ތަފާތެއްގެ މަތީން މެނުވީ ހަމަހަމަ ނޫން ގޮތެއް ކަނޑައަޅުއްވާފައި ނުވެއެވެ. އަންހެނާ އަށް ޚާއްޞަ ކަންކަމުގެ ތެރޭފައި ޙައިޟްއާއި، ނިފާސް، އަދި އިސްތިޙާޟާ، ބަލިވެއިނުން، ވިހެއުން، ގާތުން ކިރުދިނުން، ޙަޟާނަތު ފަދަ ކަންކަން ވެއެވެ. ފިރިހެންނާ އަކީ ޢާއިލާގެ ތެރޭގައި އިސްކަން ލިބިގެންވާ ފަރާތެވެ. އެއީ އޭނާ އަކީ ޢާއިލާ އަށް ޚަރަދު ބަރަދު ދީ އުޅޭ މީހާ ކަމުންނެވެ. ވާރުތަމުދަލުގައި ބައެއް ޙާލަތްތަކުގައި އެއްވަރު ވެފައިވެއެވެ. އަނެއްބައި ޙާލަތްތަކުގައި ފިރިހެނާއަށް ލިބޭބައި ގިނަވެފައި ވެއެވެ. މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤަތަކީ ވަރަށް ސާފުކޮށް އެނގޭ އެއްޗެކެވެ. ފިރިހެނާގެ ތަކުލީފުތައް ބައެއް ފަހަރު އިތުރުވުމާއި ޚަރަދުކުރަންޖެހޭ ފަރާތްތައް ގިނަކަމެކެވެ. އަދި މަދަނީ މައްސަލަތަކުގައި ފިރިހެނެއްގެ ބަދަލުގައި ދެ އަންހެނުންގެ ހެކި ބަސް ޤަބޫލު ކުރެވޭ އިރުމެ، ވިހެއުމާއި، ގާތުން ކިރު ދިނުން ފަދަ ކަންކަމުގައި ދިމާވާ މައްސަލަތަކުގައި އެންމެ އަންހެނެއްގެ ހެކި ބަސް ޝަރީޢަތުގައި ފުދެއެވެ.

ވިސްނާލުން ހުރި ކަންތައްތައް

ހ. ޝަރީޢަތުގައި ކަމެއް ޙަރާމްކުރާއިރު އެކަމެއް ބިނާވާންޖެހޭނީ ޞަރީޙު އަދި އޭގެ ޞައްޙަ ކަމާމެދު ޚިލާފެއް ނެތް އަޞްލުތަކުގެ މައްޗަށެވެ. ޟަޢީފް ޙަދީޘްތަކުން ދަލީލު ނަގައިގެން، ނުވަތަ ބައެއް އިސްލާމީ ޤައުމުގެތަކުގެ ޘަޤާފަތާއި ޢާދަކާދަތަކުން ދަލީލު ނަގައިގެން ދީނުގެ ކަންތައްތައް ޙަރާމް ނުކުރެވޭނެއެވެ. އެހެންޤައުމުތަކުގެ ޢާދަކާދަތަކާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި އިޖްތިމާޢީ، ސިޔާސީ ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތްތަކާމެދު ރިޢާޔަތް ނުކުރައްވައި ވަކި ޤައުމެއްގެ ދަންނަބޭކަލުން އެބޭކަލުންގެ ޤައުމަށް ފެތޭގޮތައް ދެއްވާފައި ހުންނަ ފަތުވާތައް އެހެން ޤައުމުތަކަށް އިމްޕޯޓްކުރުމަކީ އުންމަތުގެ މަޞްލަޙަތު ހުރިކަމެއް ކަމުގައި ނުދެކެމެވެ. ފަތުވާއަކީ ކޮންމެވެސް ޙާލަތަކަށް، ނުވަތަ މީހަކަށް ދިމާވާ ކަމަކާ ގުޅިގެން ދެވޭ އެއްޗެކެވެ. ޙުދޫދާއި ޤިޞާޞް ނޫންކަންކަމުގައި ފަތުވާތަކަކީ ތަނާއި ޙާލަތާއި، މީސްތަކުންގެ ޢުރްފު ރިޢާޔަތްކުރެވިގެން ބަދަލު އަންނަ އެއްޗެކެވެ. ޙުދޫދު ޤިޞާޞް ފަދަ މައްސަލަތަކުގައި ވެސް ބައެއް ފަހު ޙައްދުޤާއިމު ކުރުން ލަސްކުރެވެއެވެ. ނުަވަތަ ޝުބުހައެއް މެދުވެރިވެގެން، ނުވަތަ އެނޫންވެސް ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ މުޢްތަބަރު ޢުޛުރެއް އޮވެއްޖެ ނަމަ ތަންފީޒު ނުކުރެވެއެވެ. މިހެންކަމުން ޢަޤީދާއާއި، ޙުދޫދާއި ޤިޞާޞް ފަދަ ޝަރީޢަތުގައި ހުރި ދުވަހަކު ވެސް އަަޞްލަށް ބަދަލެއް ނާންނާނެ ސާބިތު ކަންކަމާއި އެނޫން ކަންތައްތައް އެނގެން އެބަޖެއެވެ.

ށ. މިއަދު އަޅުގަނޑުމެންނަށް ފެނިފައިވަނީ އަންހެނުންނާ މެދު ޝަރީޢަތުގައި އައިސްފައިވާ ބައެއް ޙަދީޘްތައް ނުބައިކޮށް ތަރުޖަމާކުރެވޭ މަންޒަރެވެ. މުޖްތަމަޢާއި އަންހެނާ އެކަހެރިކުރުވުމަށް ބައެއް މީހުން މަސައްކަތްކުރަމުންދާ މަންޒަރެވެ. އެންމެ ކުޑަމިނުން މިސްކިތައް ވެސް ފޮނުވުން ހުއްދަ ނުވާ ދަރަޖަ އަށް ކަންތައްތައް ބައެއް މީހުންނަށް ވިސްނެއެވެ. ނަމާދުކުރުމަށް އަންހެނާ އަށް އެންމެ ހެޔޮކަންބޮޑީ އޭނާގެ ގެ ކަމުގައި ވިޔަސް، އޭނާ މިސްކިތައް ދާން ބޭނުން ނަމަ އެކަން މަނާނުކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވެއެވެ. އަދި ހަމަ އެހެންމެ ޤަބުރުސްތާނަށް ވެސް ޒިޔާރަތް ނުކުރެވޭނެ ކަމަށް ބައެއް މީހުން ބުނާއިރު އަޞްލު ޙަޤީޤަތަކީ އެއީއެއްނޫނެވެ. އަންހެނުންނަށް ޤަބުރުސްތާނަށް ޒިޔާރަތްކުރުމަކީ ވެސް ހުއްދަކަމެކެވެ. ބައެއް މީހުން އަންހެނާއާ ގުޅުން ހުރި އެންމެހާ ކަންކަން ބިނާކުރަނީ ސައްދުޛަރީޢާގެ އަޞްލުގެ މައްޗަށެވެ. ފަސާދައަށް ބިރުން ބަންދު ކުރަންޖެހޭ ދޮރުތައް ބަންދުކުރުމާއެކު، ފަސާދައަށް ބިރުން ހުޅުވާލަން ޖެހޭ ދޮރުތައް ހުޅުވާވެސް ލެވެންޖެހޭނެއެވެ. އުޞޫލުލްފިޤުގެ ޤަވާޢިދުތައް ތަންދޭ މަގަކީ އެއީއެވެ.

ނ. ޢަލްމާނީ ސެކިއުލަރ ފަރާތްތަކުން އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އަންހެނާ އޭނާގެ ކަރާމަތުން ވަނީ ނެރެފައެވެ. އަނެއްބަޔަކު އަންހެނާ އަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ގޭގައި ބަންދުކުރުމަކީ ދީނުގައި އައިސްފައިވާ ގޮތެއްނޫނެވެ. އިޚްތިޔާރުކުރެވެންވީ މީގެ މެދުމިންކަމުގެ މަގެކެވެ.

ރައްޔިތުންގެ މަޖްލީހަށާއި ކައުންސިލްތަކުގެ އިންތިޚާބުތަކުގައި އަންހެނުން ވާދަކުރުމަކީ ހުއްދަނޫންކަމެއްކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތަކުގެ މައްޗަށް ނަޒަރެއް

އަންހެނުން ރައްޔިތުންގެ މަޖްލީހަށާއި، ކައުންސިލްތަކަށް ކުރިމަތިލުން ހުއްދަ ނޫންކަމަށް ބައެއް ބޭފުޅުން ވިދާޅުވެ ބައެއް ދަލީލުތައް ނަންގަވައެވެ. އެ ދަލީލުތަކަށް މިފުރްޞަތުގައި އަލި އަޅުވާލެވޭތޯ ބަލާނަމެވެ.

ހ. އަންހެނުން ފިރިހެނުންނާއެކު އިޖްތިމާޢީ ކަންކަމާއި ސިޔާސީ ކަންކަމުގައި ބައިވެރިވުން ހުއްދަނޫންކަމަށް ދަލީލުކުރައްވާ ބޭފުޅުން ގެންނަވާ އެއްދަލީލަކީ އަލްއަޙްޒާބު ސޫރަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަަގެ އަނބިއަނބިކަނބަލުންނާއި މުޚާޠަބްކުރައްވައި ﷲ ވަޙީކުރައްވާފައިވާ އަންނަނި އާޔަތްތަކެވެ. وَمَن يَقْنُتْ مِنكُنَّ لِلَّـهِ وَرَسُولِهِ وَتَعْمَلْ صَالِحًا نُّؤْتِهَا أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا ﴿٣١﴾ يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا ﴿٣٢﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾ وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّـهِ وَالْحِكْمَةِ ۚ إِنَّ اللَّـهَ كَانَ لَطِيفًا خَبِيرًا ﴿٣٤﴾ الأحزاب: 31- 34،  މާނައީ: އަދި ތިޔަކަނބަލުންގެ ތެރެއިން اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެ صالح عمل ކުރާ މީހަކަށް، އެމީހާގެ ދަރުމަ، ތިމަންރަސްކަލާނގެ ދެގުނަޔަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ. އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّه އަށް) تقوى ވެރިވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ! އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ. އަދި ތިޔަކަނބަލުންގެ ގެތަކުގައި اللَّه ގެ آية ތަކާއި، حكمة ގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.

އާދެ! މިއާޔަތްތަކަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ އަނބިއަނބިކަނބަލުންނަށް ޚާއްޞަ އާޔަތްތަކެއް ކަމުގައި ވަރަށް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. އެހެންނަމަވެސް މިއިން ނަމޫނާ ލިބިގަތުމަކީ މުއުމިން އަންހެނުންނަށް މަތިވެރި ޘަވާބާއި ދަރުމަލިބިގެންވާ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަބަލުންނާއި އެނޫން އަންހެނުން ތަފާތުވެގެން ވާކަމަށް މިއާޔަތްތަކުން ވެސް ދޭހަވެއެވެ. މިއީ ޤުރްއާނުގެ ނައްޞުން އެނގެން އޮތް ކަމެކެވެ. އެކަނބަކުން ކުރައްވާ ކޮންމެ ހެޔޮކަމެއްގެ ހެޔޮޖަޒާ އެތައް ގުނައަށް އިތުރުކުރައްވައެވެ. އަދި ކުރެވޭ ފާފައެއްގެ ޢިޤާބު ބޮޑުކުރައްވާނޭ ކަމުގައި އިންޒާރު ވެސް ދެއްވާފައިވެއެވެ. މިއާޔަތުގައި އެގޮތައް އަމުރުކުރެވިގެންވާ ޙާލު، މަޞްލަޙަތުގެ ދަށުން އުންމުލްމުއުމިނީން ޢާއިޝާ ރަޟިއްޔަﷲ ޢަންހާ ވަނީ ނިކުމެވަޑައިގެންފައެވެ. ޖަމަލު ހަނގުރާމައިގައްޔާއި އެނޫން ކަންކަމުގައި މެއެވެ. ޢުޘްމާންގެފާނުގެ ލޭގެ މައްސަލައިގައި ޤިޞާޞް ގެ މައްސަލައިގައެވެ. އެއީ އެކަމަނާގެ އިޖްތިހާދީ ނިންމުމެއްކަމުގައި ވިޔަސް އެކަމަނާ ރިޢާޔަތްކުރައްވާ މަޞްލަޙަތުގެ ދަށުން ނިކުމެވަޑައިގެންނެވީއެވެ.

ށ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަންހެނާ ތަޢްލީމު ހޯދުމަށް ވެސް ބޭރަށް ނިކުމެފައިވާ މަންޒަރެވެ. ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގޮސްފައިވާ މަންޒަރެވެ. ފަރުވާ ދިނުމަށާއި، ޚިދުމަތް ދިނުމަށާއި މުޖްތަމަޢު ބިނާކުރުމުގައި ބައިވެރިވެފައިވާ މަންޒަރެވެ. މިކަމުން ދޭހަވަނީ ޝަރުޠުތަކަކާއެކު، އަޚްލާޤީ ހަމަތަކުގެ މަތީން ގެއިން ބޭރުގައި ޙަރަކާތްތެރިވުމަކީ ޖާއިޒްވެގެންވާ ކަމެއްކަމެވެ.

ނ. މިއަދު މުޖްތަމަޢުގެ ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން މުސްލިމު ހެޔޮލަފާ އަންހެނުން އިންތިޚާބުތަކުގައި ވާދަކުރަން އެބަޖެހެއެވެ. އެހެނީ މުޖްތަމަޢުގެ އަންހެނުންގެ ކަންތައްތަކުގައި އަޑު އުފުލުމަށް ޢާއްމުކޮށް ޢަލްމާނީ  އެއްވެސް އަޚްލާޤެއް ނެތް ފާސިޤު އަންހެނުންތަކެއް ނިކުތުމުގެ ބަދަލުގައި ހެޔޮލަފާ އަންހެނުންގެ ބަޔަކު ނިކުމެ، އަންހެނުންގެ ފަރާތުން ވަކާލާތުކޮށްފި ނަމަ އަންހެނުންނަށާއި މުޅި މުޖްތަމަޢަށާއި ދީނަށް އޭގެ މަންފާ ވަރަށް ބޮޑުވާނެއެވެ. މިއަދު ޢާއްމުކޮށް މިފެންނަ މަންޒަރުން އަޅުގަނޑުމެންނަށް މިދަނީ ޙަޤީޤަތް ހާމަވަމުންނެވެ.

ރ. އަންހެނާ ގޭގައި ބަންދުކޮށްފައި ބެއިންދުމަކީ އިސްލާމްދީނުގައި އޮތް ގޮތެއްނޫނެވެ. ގޭގައި ތިބޭށޭ އައިސްފައިވާ ބަސްފުޅުގެ މުރާދަކީ ފަހަރެއްގައި ވެސް އަންހެނުން މުޖްތަމަޢު ބިނާކުރުމުގައި ބައިވެރި ނުވާށޭ އެއްނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އަންހެނުން ވަނީ  ބައިޢަތުގައި ވެސް ބައިވެރިވެފައެވެ. އަންހެނުންގެ ބައިޢަތާމެދު ﷲ ބަޔާންކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّبِيُّ إِذَا جَاءَكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَىٰ أَن لَّا يُشْرِكْنَ بِاللَّـهِ شَيْئًا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ ۙ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّـهَ ۖ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٢﴾ الممتحنة:12 މާނައީ: އޭ ނަބިއްޔާއެވެ! إيمان ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް بيعة ހިފުމަށް އަންނަހިނދު، އެކަނބަލުން اللًّه އާ އެއްވެސް އެއްޗެއް شريك ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް بهتان ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން حلال ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ކަލޭގެފާނު އެކަނބަލުންނާ بيعة ހިއްޕަވާށެވެ! އަދި އެކަނބަލުންނަށް ފާފަފުއްސެވުންއެދި ކަލޭގެފާނު اللَّه އަށް ދަންނަވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

ސައްދުއްޛަރީޢާ ( ނުބައިކަންކަމަށް މަގުފަހިވާ ދޮރުތައް  ބަނދުކުރުން)

އަންހެނުން އިންތިޚާބުތަކުގައި ބައިވެރިވުން ހުއްދަނުކުރައްވާ ބޭފުޅުން ބުރަވެވަޑައިގަންނަވާ އެއް އަޞްލަކީ ސައްދުއްޛަރީޢާގެ އަޞްލެވެ. މުރާދަކީ، ނުބައިކަންތައްތަކަށް މަގުފަހިކުރާ ކަންތައްތަކުގެ ދޮރުތަށް ބަންދުކުރުމެވެ. އެބޭފުޅުން ވިދާޅުވަނީ އަންހެނާ އެގޮތައް މުޖްތަމަށް ނިކުމެއްޖެ ނަމަ އިޚްތިލާޠުވެ ފިރިހެނުންނާއެއްވެ ފިތުނަ ފަސާދަ އުފެދިގެން އަންހެނާގެ ކަރާމަތް ގެއްލިގެން ހިނގައިދާނެކަމުގައެވެ. އާދެ! ދަންނަބޭކަލުން ވިދާޅުވާ ގޮތުން ސައްދުއްޛަރީޢާގައި މާބޮޑަށް ހިފައި މުބާލަޣާ ކުރުމަކީ ވެސް އެދެވިގެންވާ ކަމެއްނޫނެވެ. ފަސާދައަށް މަގުފަހިކުރާ ދޮރުތައް ބަނދުކުރުމަށް ހިފާ ގޮތައް މަޞްލަޙަތަށް މަގު ފަހިކުރާ ދޮރުތައް ހުޅުވުމަށް ވެސް ދަންބޭކަލުން ބަޔާންކުރައްވައެވެ.

އާދެ! މިޒަމާނުގެ ކަންތައްތައް ތަރުތީބު ކުރެވިފައިވާ ގޮތުން އިސްލާމީ ޙުދޫދުގެ ތެރޭގައި އަންހެނުން މަޝްވަރާ މަޖްލިސްތަކުގައި ބައިވެރިވެ އެކަނބަލުންނަށް ފެންނަ އެއްޗެއް ފޯރުކޮށް ދިނުމަކީ މިއަދު ވަރަށް ބޮޑު މަޞްލަޙަތެއް އެކަމުގައި އޮތްކަމެކެވެ. މިޒަމާނުގައި އަންހެނާ ގޭގައި އިންދައި އޭނާއަށް ގުޅާފައި ކަމަނާއަށް ފެންނަނީ ކޮންގޮތެއްތޯ އެހުމަކީ މުސްތަޙީލު ކަމެކެވެ. އޭނާ އަށް އޮތީ އޭނާ އަށް ފެންނަ ރައުޔެއް ފޯރުކޮށް ދިނުމަށްޓަކައި ރައްޔިތުންގެ މަޖްލީހާއި ކައުންސިލްތަކަށް ވާޞިލްވުމެވެ. އަންހެނަކު އަންހެނުންގެ ފަރާތުން ވަކާލާތުކޮށް އެކަނބަކުންގެ ޝުޢޫރުތައް ހާމަކޮށް، ދައުލަތުގެ ފަރާތުން ނަނގާ ޤަރާރުގައި އެކަނބަލުންގެ ޙިއްޞާ ކުރުމެވެ. އަދި އަންހެނުންގެ ލީޑަރޝިޕް ޢަލްމާނީ އަންހެނުންނަށް ދޫކޮށްނުލައި އިސްލާމްދީން ދެކެ ލޯބިވާ މުސްލިމު ހެޔޮލަފާ އަންހެނުން މި ފަދަ ކަންކަމުގައި ކުރިޔަށް ނިކުމެ ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. ކުރީގެ ޤަރުނުތަކުގައި މަޝްވަރާގެ މަޖްލިސްތަކަށް އަންހެނުން ޙާޟިރުވެފައި ނެތުން، އެއީ އެކަން ޙަރާމްކުރުމަށް އޮތް ދަލީލެއްނޫނެވެ.

އަންހެނުންނާއި އިސްވެރިކަމާއި އިސް މަސްއޫލިއްޔަތު

އަންހެނުން ރައްޔިތުންގެ މަޖްލީހާއި އެނޫން ކައުންސިލްތަކަށް ކުރިމަތިލުމަކީ ހުއްދަ ނޫންކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ނަންގަވާ އަނެއް ދަލީލަކީ އެފަދަ މަޤާމުތަކަކީ އެންމެ އިސް ވެރިކަމާއި މަސްއޫލިއްޔަތު ގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން އަންހެނުން އެފަދަ މަޤާމުތަކަށް ކުރިމަތިލުމާއި ހޮވުން ހުއްދަވެގެން ނުވާކަމުގައެވެ. ނަމަވެސް ދަންނަވަން އޮތީ:

ހ. ރައްޔިތުންގެ މަޖްލީހުގައި ނުވަތަ ކައުންސިލްތަކުގައި ތިބެނީ އަންހެނުންގެ ތެރެއިން މަދު ބައެކެވެ. ހުރިހާ ކަމެއް އެމީހުން ބޭނުން ގޮތަކަށް ނިމިގެން ނުދާނެއެވެ. އެމީހުންވެސް ހުށަހަޅާނީ އެމީހުންނަށް ފެންނަ ހެޔޮ ލަފައެކެވެ. އެމީހުން އެތަނުގައި ތިބުމަކީ ފިރިހެނުންގެ މައްޗަށް އެމީހުން އިސްވެގެންވާ ކަމުގެ ހެއްކެއްނޫނެވެ. އަދި އެއީ ޙަރާމްކުރެވިގެންވާ އިޚްޠިލާޠެއްކަމުގައި ވެސް ނުމެވެއެވެ. ދީނުގައި ޙަރާމްވެގެންވަނީ ޚަލްވަތެވެ. ޙަރާމްކަމެއްގައި ހިލޭ މީހުން އެކަހެރިވުމެވެ. މިހެންކަމުން އިސްލާމީ މިންގަނޑަށް ފެތޭ ފޭރާމެއްގައި އަޚްލާޤީ ހަމަތަކުންގެ މަތީން އަންހެނުން އެފަދަ މަޖްލިސްތަކުގައި ބައިވުމަކީ ޖާއިޒްކަމެކެވެ.

ށ. އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ޤިވާތު ނުވަތަ އިސްކަން ލިބިގެންވާ ކަމަށް ބަޔާންކުރާ އާޔަތުގައި އެބަޔާންކުރަނީ ޢާއިލާގެ ތެރޭގައި އޮންނަ ކަންތައްތަކެއްގެ ވާހަކައެވެ. ރައްޔިތުންގެ މަޖްލިސް ނުވަތަ ކައުންސިލްތައް ފަދަ މަޖްލިސްތަކުގައި އަންހެނުން ތިބުމަކީ އެ ޤިވާމަތު ގެއްލިގެންދާ ކަމެއްނޫންވެ. މަޝްވަރާ ދިނުމަކީ ޤިވާމަތު ގެއްލޭ ކަމެއްނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ވަނީ އަންހެނުންގެ މަޝްވަރާ ޤަބޫލުކުރައްވާފައެވެ. މިކަން ސިޔަރަތާއި އިސްލާމީ ތާޜީޚުން ފެންނަން އެބައޮތެވެ.

ނ. އެބައެއްގެ އަމުރު މަޢްރޫފު ހިންގުން އަންހެނަކާ ޙަވާލު ކޮށްފި ބަޔަކަށް ކާމިޔާބު ނުލިބޭނޭ ކަމަށް ވާރިދުވެފައިވާ ޙަދީޘަކީ ޝައްކެއްނެތް ގޮތުގައި ޞައްޙަ ޙަދީޘެކެވެ. ނަމަވެސް އެ ޙަދީޘްގައި ދަންނަބޭކަލުން ވިދާޅުވާ މާނައާމެދު ވެސް ވިސްނަންޖެހޭނެއެވެ. ދަންނަބޭކަލުން އެ ޙަދީޘްގެ މުރާދުގައި ބަޔާންކުރަނީ އެއީ ދައުލަތުގެ އެންމެ އިސް ވެރިކަން ކަމުގައެވެ. ނުވަތަ މުޅި އުންމަތުގެ ޚިލާފަތުގެ ވެރިކަން ކަމުގައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ވިލާޔަތުލް ޢާއްމާއެވެ. ނުވަތަ އެމާނައިގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންގެ މަޖްލީހުގައި މެންބަރުންގެ ގޮތުގައި ނުވަތަ ކައުންސިލްތަކުގައި ތިބުމަކީ ޢާއްމުވެރިކަމެއް ނޫންކަމުގައި ފަހުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރ ޔޫސުފުލްޤަރަޟާވީ ވެސް ހިމެނިވަޑައިގަންނަވައެވެ. ޢާއްމުވެރިކަމާއި، އަދި ސަލަފުންގެ ގިނަ ދަންނަބޭކަލުންގެ ނަޒަރުގައި ވިލާޔަތުލްޢާއްމާގެ ތެރޭގައި ހިމެނޭ ޤާޟީކަން ފަދަ ކަންކަން ފިޔަވައި، މުފްތީ އަކަށް ވުމާއި، ޢިލްމުވެރިޔަކަށް ވުމާއި، މުދައްރިސަކަށް ވުމާއި ޑޮކްޓަރަކަށް ވުމާއި ވަޒީރަކަށް ހުރުމާއި، މިފަދަ އެންމެހާ ކަންކަމަކީ އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައި އަންހެނާއަށް ކުރުން ޖާއިޒު ކަންކަމެވެ.

އާދެ! އަންހެނަކު ރައްޔިތުންގެ މަޖްލީހުގައި ނުވަތަ ކައުންސިލްގައި އިނުމަކީ އިސްވެރިކަމެއްނޫނެވެ. އެއީ ނިޔާބަތެކެވެ. ބައެއްގެ ފަރާތުން މަޝްވަރާ ދިނުމަށް އިންނަ އިނުމެކެވެ. ބައެއްގެ ފަރާތުން ވަކާލާތުކުރުމަށް އިންނަ އިނުމެކެވެ. މިއަދު މުސްލިމު އަންހެނުންގެ ތެރޭގައި ވިޔަފާރިވެރިންނާއި، ޑޮކްޓަރުންނާއި ނަރުހުންނާއި މުދައްރިސުން ވެއެވެ. އެމަސައްކަތްތައް އަދާކުރުމުގައި އަންހެނާ ވަނީ އޭނާގެ އަބުރާ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކޮށްފައެވެ. ހަމަ އެއާއެކު ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަކަށް ނުވަތަ ކައުންސިލް އިންތިޚާބަކަށް ކުރިމަތިލުމާއި، ވޯޓުދިނުމަށް ނިކުތުމުގައި ވެސް އޭނާ އަށް އެރައްކާތެރިކަން ހޯދިދާނެއެވެ. މިކަމަކީޝަރީޢަތާއި ބުއްދީގެ ހަމަތަކުގެ މަތީން ވިސްނޭ ކަމެކެވެ.

އިސްވެދިޔަ ވާހަކަތަކުގެ ނަތީޖާ

ހ. އިސްލާމްދީނުގެ އިމުގެ ތެރޭގައި މުޖްތަމަޢު ބިނާކުރުމުގެ އެންމެހާ ކަންކަމުގައި އަންހެނުން ބައިވެރިވުމަކީ ހުއްދަކަމެކެވެ.

ށ. ރައްޔިތުންގެ މަޖްލީހަށާއި ކައުންސިލްތަކަށް އަންހެނުން ކުރިމަތިލުމާއި، ވޯޓު ދިނުމަށް ނިކުތުމަކީ ޖާއިޒްކަމެކެވެ. ރައްޔިތުންގެ މަޖްލީހުގެ މެންބަރުކަމާއި ކައުންސިލްގެ މެންބަރު ކަމަކީ ވިލާޔަތުލްޢާއްމާގެ ތެރޭގައި ހިމެނޭ ކަންކަމެއްނޫނެވެ.

ނ. ރައްޔިތުންގެ މަޖްލީހާއި ކައުންސިލްތައް ފަދަ ޢާއްމު މަޖްލިސްތަކަށް ނިކުންނަ އަންހެނާ ހުންނަންވާނީ އިސްލާމީ މިންގަނޑަށް ފެތޭ ފޭރާމެއްގައެވެ. އެނޫން ގޮތަކަށް ނިކުތުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

ރ.ރައްޔިތުންގެމަޖްލީހާއި އެނޫން ޢާއްމު މަޝްވަރާ މަޖްލިސްތަކުގައި ބައިވެރިވާ އަންހެނުން އަބުރުވެރިވެ، އަޚްލާޤީ ހަމަތަކުގެ މަތީން ނޫން ގޮތަކަށް އެތަންތަނުގެ ތެރޭގައި އުޅެގެން ނުވާނެއެވެ. މިކަމުގައި ފިރިހެނުން ވެސް ޢަމަލުކުރަންޖެހޭނީ މިއުޞޫލުންނެވެ.

ބ. ޤައުމަށް ދިމާވާ ބޮޑެތި މުޞީބާތްތަކާއި ކާރިޘާތަކުން ޤައުމު ސަލާމަތްކުރުމުގައްޔާއި ހަނގުރާމަތަކުގައްޔާއި، ޤައުމީ އެހެނިހެން ކަންކަމުގައި އަންހެނުން ފިރިހެނުންނާ އެއްވަރަށް ބައިވުމަކީ ހުއްދަކަމެކެވެ.

ޅ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އެވާޖިބު ފުރިހަމަ ކުރުމަށްޓަކައި އެންމެހައި ވަސީލަތްތަކުގައި ހިފުމަކީ  ވާޖިބެކެވެ.

އަންހެނާ އޭނާގެ ފިރިމީހާ އަށް އަދާކޮށްދޭން ޖެހޭ ވާޖިބުތަކުން އެއްކިބާވެ، ނުވަތަ ދަރީން ތަރުބިއްޔަތުކުރުމުން އެއްކިބާވެ، ނުވަތަ އިހުމާލުވެ އެހެން އެއްވެސް ކަމެއްގައި ބައިވެރިވުމަކީ ހުއްދަކަމެއްނޫނެވެ. އޭނާ އެހެންކަންކަމުގައި ބައިވެރިވާންޖެހޭނީ އިސްކަންދޭންޖެހޭ ތަރުތީބުން އިސްކަންދޭން ވާޖިބު ކަންތައްކަށް އިސްކަން ދިނުމަށް ފަހު، ފިރިޔަކު ހުރި އަންހެނަކު ނަމަ ފިރިމީހާގެ ރުހުމާއެކުގައެވެ. ފިރިޔަކު ނެތް ނަމަ، ނުވަތަ ދަރިޔަކު ވެސް ނެތް ނަމަ، ނުވަތަ ދަރީން ބޮޑެތި ވެފައިވާ ނަމަ، އިސްލާމްދީނުގެ އިމުގެ ތެރޭގައި އޭނާ އަށް ހުއްދަވެގެންވާ ކަންކަމުގައި އަބަދުވެސް މިނިވަންކަމާއެކު ޙަރަކާތްތެރިވުމަކީ ދީނީ ގޮތުން މަނާ ކަމެއްނޫނެވެ.

އާދެ! އަޅުގަނޑު މިތަނުގައި މިބަޔާންކުރީ މިމައްސަލައިގައި އަޅުގަނޑަށް ކުރެވުނު ދިރާސާގެ ނަތީޖާއެވެ. އަންހެނުން ރައްޔިތުންގެ މަޖްލީހާއި ކައުންސިލްތަކާއި އެނޫންވެސް މަޤާމުތަކުގައި ތިބުން ހުއްދަ ނުކުރައްވާ ޢިލްމުވެރިންނާއި އެބޭފުޅުންގެ ފަތުވާތައް ވެސް އަޅުގަނޑު ދުށީމެވެ. އެފަދަ ފަތުވާ ތަކަށް ނުހަނު އިޙްތިރާމްކުރަމެވެ. މި ފަދަ މައްސަލަތަކުގައި އެންމެ ޤައުމެއްގެ ވަކި ޢިލްމުވެރިންގެ ރައުޔުތަކަށް ދީނުގެ ކަންތައްތައް މިފަދަ ޒަމާނެއްގައި ބުރަކޮށްގެން ނުވާނެއެވެ. މިޒަމާނުގައި ޤައުމުތަކުގައި އުފެދިފައިވާ މައްސަލަތާއި ޙާލަތު ރަނގަޅަށް ދިރާސާކުރަންޖެހޭނެއެވެ. އެހެންނޫން ނަމަ އުންމަތުގެ މަޞްލަޙަތުތައް ވަރަށް ބޮޑަށް ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ. އަޅުގަނޑު މިވާހަކަތައް ބަޔާންކުރާ އިރު، މިރައުޔާ އިދިކޮޅު ހައްދަވާ ބައެއް ބޭފުޅުން  ވެސް އުޅުއްވާނެކަން ދަންނަމެވެ. ޢިލްމީ ހަމަތަކުގެ މަތީން އަޅުގަނޑަށް ވެސް އެހެންބޭފުޅަކު ހެޔޮ ބަހެއް އަންގައިދީފި ނަމަ އެވާހަކައެއް އަޅުގަނޑު ޤަބޫލުކުރާނަމެވެ.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮމަގަށް މަގު ދެއްކެވުމެވެ. އާމީން.

وصلى الله وسلم على نبينا  محمد وعلى آله وأصحابه أجمعين

والحمد لله رب العالمين

 ނޫރުލްއިސްލާމް

www.noorul-islam.net