ނޫރުލްއިސްލާމް

www.noorul-islam.net


ޤުރްއާނުގައި ވާރިދުވެގެންވާ ނަބީބޭކަލުންގެ ދުޢާތަކުގެ ތެރެއިން ޔޫސުފް ޢަލައިހިއްސަލާމްގެ ދުޢާ

Category »  ދީނީ ލިޔުން
Wednesday, January 12, 2011
ތަރުޖަމާ ކުރެއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِنْ تَأْوِيلِ الأحَادِيثِ فَاطِرَ السَّمَاوَاتِ وَالأرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ (يوسف: ١٠١)

އަޅު ހައްދަވައި ގެންގުޅުއްވާ އިލާހް! ހަމަކަށަވަރުން، އިބައިލާހު ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. (އޭ) އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި އިލާހު! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބައިބައިލާހެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!

އަލްޙާފިޡް އިބްނު ކަޠީރު ރަޙިމަހުﷲ ވިދާޅުވިއެވެ. "މި ދުޢާއަކީ، ތެދުވެރި ޔޫސުފް (ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅާއި އެކަލޭގެފާނުގެ ބޭބެއިންނާއި ޖަމަޢަ ކޮށްދެއްވައި، އެކަލޭގެފާނަށް ނަބީކަމާއި ރަސްކަން ދެއްވައި މާތްކުރައްވައި،  އެކަލޭގެފާނަށް ﷲ ދެއްވި ނިޢުމަތްތައް ފުރިހަމަ ވުމުން ކުރެއްވި ދުޢާއެކެވެ. އެކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހުގެ ޙަޟްރަތުން އެކަލޭގެފާނު އެދިވަޑައިގެންދެންނެވީ ދުނިޔޭގައި މި ނިޢުމަތްތައް ފުރިހަމަކޮށްދެއްވި ފަދައިން އާޚިރަތުގައިވެސް ﷲގެ ނިޢުމަތްތައް ލިބުން މަތީ ދެމިހުންނެވުމަށެވެ. އަދި އެކަލޭގެފާނު މަރުގަންނަވާހިނދު މުސްލިމެއްގެ ގޮތުގައި މަރުގެންނެވުމަށެވެ. - އައްޟައްޙާކު ވިދާޅުވިއެވެ. - އަދި އެކަލޭގެފާނު ޞާލިޙު އަޅުންނާއި (މަރުވުމަށްފަހު) ބައްދަލުކޮށްދެއްވުމަށެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިންވާ އެކަލޭގެފާނުގެ އަޚުންނެވެ. އެހުރިހާ ބޭކަލުންނަށް ﷲގެ ޞަލަވާތާއި ސަލާމް ހުއްޓެވެ." (ތަފްސީރު އިބްނުކަޘީރު 4/337)

މިއީ ވަރަށް މަތިވެރި ދުޢާއެކެވެ. މިދުޢާއާމެދު ޢައްލާމާ އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. "މިދުޢާގައި ﷲގެ އެއްކައުވަންތަކަމަށް އިޤްރާރުވުމާއި ﷲގެ އަމުރުތަކަށް ބޯލެނބުމާއި، އަޅާ އެއިލާހުގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު ފާޅުވެގެންވުމާއި، ﷲގެ ފިޔަވައި އެހެން އައުލިޔާއިންގެ ކިބައިން ބަރީއަވުމާއި، އަދި އަޅާގެ އެންމެ މުހިއްމު ކަންދޭ ކަމަކީ މުސްލިމެއްގެ ގޮތުގައި މަރުވެދިޔުން ކަމާއި، އަދި އެކަމަކީ (އެބަހީ؛ މުސްލިމެއްގެ ގޮތުގައި މަރުވެދިޔުމަކީ) ﷲ ގެ އަތްޕުޅުގައިވާ ކަމެއް ކަމަށާއި، އަދި އެއިލާހުގެ ޙަޟްރަތަށް ދާންޖެހޭ ކަމަށް އިޢުތިރާފު ވުމާއި، އާޚިރުގައި ބާއްޖަވެރިންނާއި އެކު ލެއްވުން އެދުން، (މިހުރިހާކަމެއް) ޖަމާވެފައިވެއެވެ." (އަލްފަވާއިދު: 349)

މިދުޢާއިން ލިބޭ ބައެއް ފާއިދާތައް:

* އަޅާ އަބަދުވެސް ހުންނަންޖެހޭނީ ތިމާ އިސްލާމްދީނުގެ މަތީގައި ޘާބިތުކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އާދޭސްކޮށް ދުޢާ ދެންނެވުން މަތީގައި ކަން.

* އަދި އިސްލާމްކަން މަތީގައި ސާބިތުވެ ހުރެވޭ ފަދަ ހުރިހާ ސަބަބެއް އިޚްތިޔާރު ކުރަން ޖެހޭކަން

* އަދި ﷲ ދެއްވާ ނިޢުމަތްތައް ފުރިހަމަ ކޮށްދެއްވުމަށް ދެންނެވުމާއި، ރަނގަޅު ގޮތުގައި މި ޙަޔާތް ނިމިގެން ދިޔުމަށް އެދި ދެންނެވުން.

* އަދި އޭނާގެ އެންމެ ހެޔޮ ދުވަސްތަކަކީ ޙަޔާތުގެ އެންމެ ފަހު ދުވަސްތައްކަމަށާއި، އޭނާގެ އެންމެ ހެޔޮ ޢަމަލުތަކަކީ ޢުމުރުގެ އެންމެ ފަހުން އަދާކުރެވޭ ޢަމަލުތައްކަމުގައި ލެއްވުން އެދި ދެންނެވުން.

މިތަނުގައި ޔޫސުފް ޢަލައިހިއްސަލާމްގެ ދުޢާގެ މުރާދަކީ އެއްވެސް ޙާލެއްގައި މަރު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވުމެއް ނޫނެވެ. އެހެން ނަމަވެސް އެކަލޭގެފާނުގެ ދުޢާގެ ބޭރުފުށުގެ މާނައަށް ބަލާލައިފިނަމަ، އެނގިގެންދާނެ ގޮތުގައި، އެކަލޭގެފާނު ދުޢާކުރެއްވީ މަރުދުވަހާ ހަމައަށް އިސްލާމްދީނުގައި ސާބިތުކުރެއްވުން އެދިވަޑައިގެންނެވެ. އަދި މަރުވުމަށްފަހު ޞާލިޙުންނާއި ބައްދަލުވުމަށެވެ.

މިތަނުގައި ހަނދާންކުރަން ޖެހޭ މުހިއްމު ނުކުތާއަކީ، ތިމާގެ މަރު އަވަސްވުމަށް އެދުމަކީ ނަހީކުރައްވާފައިވާ ކަމެއްކަމެވެ.

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.  لَا يَتَمَنَّيَنَّ أَحَدٌ مِنْكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ ، فَإِنْ كَانَ لَا بُدَّ مُتَمَنِّيًا لِلْمَوْتِ ، فَلْيَقُلْ : اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي ، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِيْ (متفق عليه)

މާނައީ؛ ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އޭނާއަށް ދިމާވާ ގެއްލުމަކާހެދި މަރަށް ނޭދޭހުށިކަމެވެ. ފަހެ މަރަށް އެދުން ނޫން ގޮތެއް ނެތިއްޖެނަމަ މިފަދައިން ބުނާށެވެ. އޭ ﷲ އެވެ! މިއަޅާއަށްޓަކައި ދިރިހުރުން ހެޔޮވެގެންވާނަމަ މިއަޅާ ދިރިލަހައްޓަވާނދޭވެ! އަދި މިއަޅާއަށްޓަކައި މަރުވުން އެއީ އެންމެ ހެޔޮގޮތްކަމުގައިވާނަމަ، މިއަޅާ މަރުގަންނަވާނދޭވެ.

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް ބުނު ޢަބްދުލްމުޙްސިން އަލްޢައްބާދު އަލްބަދްރު ލިޔުއްވި فِقْهُ الأَدْعِيَةِ وَالأَذْكَارِ  މިފޮތުގެ ހަތަރުވަނަބައިން ނަގާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.

 

 

 ނޫރުލްއިސްލާމް

www.noorul-islam.net