|
بسم الله الرحمن الرحيم
إن الحمد لله، نحمده ونستعينه، ونستغفره، ونعوذ
بالله من شرور أنفسنا، وسيئات أعمالنا، من يهده
الله فلا مضل له، ومن يضلل فلا هادي له، وأشهد أن
لا إله إلا الله وحده لا شريك له وأشهد أن محمدا
عبده ورسوله.
ޙަރާމްކުރައްވާފައިވާ ކަންކަމާއި
ޙަލާލުކުރައްވާފައިވާ ކަންތައްތައް ވަނީ
ބަޔާންކުރައްވައި އަންގަވާފައެވެ.
މިދެކަންތައްތަކުގެ ދެމެދުގައި ގިނަ ބަޔަކަށް
އެކަންކަމުގެ ޙުކުމްނޭނގޭ ކަންތައްތަކެއް ވެއެވެ.
އެކަންކަމުން ދުރުހެލިވެއްޖެ މީހާ
އެމީހާގެ ދީން ޙިމާޔަތްކޮށްފިއެވެ.
ހަމަކަށަވަރުން ކަންކަން
ޙަރާމްކުރުމާއި ޙަލާލުކުރުމަކީ ހަމަ އެކަނި ﷲ އަށް
ނިސްބަތްވެގެންވާ ކަމެކެވެ. އެކަލާނގެ ޙަޟްރަތުން
މިކަން ބަޔާންކުރައްވަނީ
އެކަލާނގެ
ރަސޫލާ
صلى الله عليه وسلم
އެވެ. އެކަލޭގެފާނުގެ ކިބައިން
އަޅުގަނޑުމެންނާ ހަމައަށް ޙުކުމްތައް
ފޯރުކޮށްދެއްވީ އުއްމަތުގެ މާތް ސަލަފު
ދަންނަބޭކަލުންނެވެ. އެބޭކަލުން
ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ހިފުމުގައި ވަނީ
ބާއްޖަވެރިކަމާއި ކާމިޔާބެވެ. ޤުރްއާނުގައި
އެބޭކަލުންނަށް ސަނާގެ ބަސްފުޅުތައް
ވަޙީކުރައްވާފައިވެއެވެ. ސަލަފުއްޞާލިޙުންގެ
ތެރެއިން އިސްކަން
ލިބިވަޑައިގެންފައިވާ ބަޔަކީ މާތް ﷲގެ ރަސޫލާ
صلى الله عليه وسلم
ގެ އަޞްޙާބު
ބޭކަލުންނެވެ. ދީނުގެ ކަންކަމުގައި ހިފަންވާނީ
އެބޭކަލުނާއި އެބޭކަލުންގެ
މަންހަޖުގައި
ތިއްބެވި ދަންނަބޭކަލުންގެ ރައުޔުގައެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ
މީހަކު ކަމަކާމެދު ޙުކުމެއް ބަޔާންކުރާ
ކަމުގައި ވިއަސް ބަލަންޖެހޭނީ މިދެންނެވި އުޞޫލުގެ
މައްޗަށެވެ. ނޫންނަމަ ތިމާގެ
މަޤްޞަދު އޮޅި ތަޤްވާވެރިކަމުގެ ރިވެތި އުޞޫލުން
އެއްކިބާވެވިދާނެއެވެ.
އަޅުގަނޑުމެން އަބަދުވެސް ޙައްޤުގެ މަގުގައި
ސާބިތުވޭތޯ ބަލަންޖެހޭނެއެވެ.
ކަންކަމުގައި އޮންނަ އެންމެ ހެޔޮ ގޮތުގައި ހިފޭތޯ
ބަލަންޖެހޭނެއެވެ. ޚިލާފު ހުރި
ކަންކަމުގެ ތެރެއަށް ވަދެ ޢާއްމުންގެ ޚިޔާލު
ވިއްސިވިހާލިވިޔަ ދިނުމުގެ ދޮރަކަށް
އަޅުގަނޑުމެންގެ ބަސް ވެގެންނުވާނެއެވެ. ޞާލިޙު
މުއުމިނުންގެ ގޮތަކީ މިއީއެވެ.
ޒަމާނުގެ އިރާއި ހުޅަނގުން އަންނަ ރޯޅީގައި ޖެހި
ބުރައިގެން ގޮސްގެން ނުމެވާނެއެވެ.
ތިމާގެ ޝަޚުޞިއްޔަތު ނަގަހައްޓާ އެއްޗަކީ ހަމަ
އެކަނި ތިމާގެ އަތުގައި އޮންނަ
ފާހެއްނޫނެވެ. ތިމާގެ ޙިކުމަތާއި ޙިލްމެވެ.
ޢިލްމުގެ މާލިމީއަކީ ޙިލްމެވެ. ބާރަ
ތޭރަ އަހަރުވަންދެން
ބިނާކުރާ ޝަޚުޞިއްޔަތެއް ހިނދުކޮޅެއްގެ ތެރޭގައި
ފުނފުފުނޑުވެގެން ވެސް ހިނގައިދާނެއެވެ. އަދި
ތިމާއަށް އެއުޅޭ ޤައުމެއްގެ ޢުރުފާއި
ވެށިއޮތީ ކިހެނެއްކަންވެސް ދަތުމަކީ ދީނުގެ
އެއްއުސޫލުކަން ހަނދުމަ
ބަހައްޓަންވާނެއެވެ.
ﷲ
ވަނީ އެކަލާނގެ ދީން މީސްތަކުންނަށް ލުއި ފަސޭހަ
ކޮށްދެއްވާފައެވެ. އެއްވެސް
މީހަކަށް އެއަށް ވުރެ އިތުރަށް ދީން
ލުއިފަސޭހަކޮށެއް ނުދެވޭނެއެވެ. ދީނުގެ
ކަންކަމަށް އުނި އިތުރު ގެނައުމަކީ އެއްވެސް
މަޚްލޫޤަކަށް ލިބިގެންވާ
ޙައްޤެއްނޫނެވެ.
މި ޞަފްޙާތަކަކީ މިއުޒިކާލަވަޔާއި
ބެހޭގޮތުން އަޅުގަނޑު ތައްޔާރުކޮށްފައިވާ
ކުޑަކުޑަ ދިރާސާއެކެވެ. މިދިރާސާ
ތައްޔާރުކުރަންޖެހުނީ ޢަދާލަތު ޕާޓީގެ ރައީސް
އަޅުގަނޑުގެ ޢިއްޒަތްތެރި އަޚު ފަޟީލަތުލްއުސްތާޛު
ޙުސައިން ރަޝީދު އަޙްމަދު މިފަދަ
ދިރާސާއެއް ތައްޔާރުކުރުމަށް އަޅުގަނޑަށް
އިލްތިމާސްކުރައްވާފައިވާތީއާއި މިވަގުތު
ފެތުރިގެން އުޅޭ ބައެއް ފަތުވާތަކާގުޅިގެން ވަރަށް
ގިނަ ރަޙްމަތްތެރީން
މިކަމަމާބެހޭ ގޮތުން އެއްޗެއް ލިއުމަށް
އެދެމުންދާތީއާއި އަދި މިކަމުގައި އަމިއްލަ
ބޭނުމެއް، ވަކި ތަޢައްޞުުބެއްނެތި ދީނުގެ ޙުކުމް
ބަޔާން ކުރުމަކީ އަޅުގަނޑުގެ ވެސް
ވާޖިބުކަމުގައި ދެކޭތީއެވެ. ﷲ އަޅުގަނޑަށް ޙައްޤު
ގޮތް ބަޔާންކޮށް ދެއްވައި
އަޅުގަނޑުގެ ޤަލަމް ޙައްޤަށްޓަކައި ކިޔަމަން
ކުރައްވައިފާނދޭވެ!
މި ދިރާސާ ތައްޔާރުކުރުމުގައި
އަޅުގަނޑު މަޢްލޫމާތުގެ މަޞްދަރުތަކެއް ކަމުގައި
ބަލާފައިވަނީ ދުނިޔޭގެ ޢިލްމީ މަޖްލިސްތަކުގެ
ފަތުވާތަކާއި ކީރިތި ޤުރްއާނުގެ
ތަފްސީރުތަކާއި ސުންނަތުގެ ފޮތްތަކެވެ. އޭގެ
ތަފްޞީލު ދިރާސާގެ ފަހަތުގައި
ބަޔާންކޮށްފައިވާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް
ޢިއްޒަތްތެރި ރަޙުމަތްތެރި ގާތް ބޭފުޅުންގެ
ދޫފުޅުތަކުން ލަވަޔާއި މިއުޒިކާއި މިފަދަ ކަންކަން
މުޠްލަޤުކޮށް ހުއްދަކަމުގައި
ބަޔާންކުރައްވާ ހިނދު މިކަންކަމުގައި ދީނީ ގޮތުން
ހުރި ތަފްޞީލުތައް ދެއްވާނަމަ
ވަރަށް ރަނގަޅުވީހެވެ. ޚިލާފުވުމެއް
ނުއުފެދުނީހެވެ. ރައްޔިތުން ބައިބައިނުވީހެވެ.
މަގުފުރައްދަން އުޅޭ ބަޔަކަށް ފުރުޞަތުވެސް
ނުލިބުނީހެވެ. ދީނީ ގޮތުން ޙުކުމްތައް
ބަޔާންކުރުމުގައި ތަފްޞީލު ދެއްވުމުން ދީނަށް
އުޅެން ފަސޭހަވެފައި މުންކަރާތްތަކުން
ދުރުވުމަށް ވެސް ފަސޭހަވާނެއެވެ.
ދުނިޔޭގެ ޢިލްމީ މަޖުލިސްތަކުގެ
ފަތުވާތަކަށް ނަޒަރެއް:
ދުނިޔޭގެ މަޝްހޫރު ބޮޑު އެއްވެސް
ޢިލްމީ މަޖުލީހަކުން ލަވަޔާއި މިއުޒިކު
ޢާއްމުކޮށް ނުވަތަ ޖުމުލަކޮށް ހުއްދަ ކަމުގައި
ފަތުވާ ދެއްވާފައިނުވެއެވެ. އަދި
ޢާއްމުކޮށް ނުވަތަ ޖުމުލަކޮށް ލަވައާއި މިއުޒިކު
ޙަރާމްކަމުގައި ވެސް ފަތުވާ
ދެއްވާފައިނުވެއެވެ. އެއީ މިމައްސަލައަކީ ޝަރުޢީ
ގޮތުން އިތުރު ތަފްޞީލަކަށް
ދާންޖެހޭ މައްސަލަތަތަކުގެ ތެރެއިން މުހިންމު އެއް
މައްސަލަކަމުގައި ވާތީވެއެވެ.
އަލްއަޒްހަރުގެ ފަތުވާތަކާއި، ބައިނަލްއަޤްވާމީ
އިސްލާމީ ދަންނަބޭކަލުންގެ
މަޖިލިސްތަކާއި، މިޞްރުގެ ދާރުލްއިފްތާއާއި،
ސަޢޫދީ ދަންނަބޭކަލުންގެ މަޖިލީހައި
އެންމެހައި ތަންތަނުން ވެސް މިކަމުގައި ތަފްޞީލު
ދެއްވާފައިވެއެވެ. އެންމެހައި
ތަންތަނުގެ ފަތުވާތަކުގައި ވެސް ޖިންސީ ޣަރީޒާ
އުތުރިއަރުވާ ފަދަ، ބަދުއަޚްލާޤީ
ލަވަތަކާއި، މަކާރިމުލް އަޚްލާޤުން ބޭރުގައިވާ
ލަވަޔާއި، ދެޖިންސުގެ މައްސުނި
ނެށުމާއި މި ފަދަ ލަވަތަކާއެކުވާ މިއުޒިކާއި،
ފާހިޝް ކަންކަމަށް މަގުފަހިވާ ހުރިހާ
ޒާތެއްގެ ލަވައެއް ހުއްދަ ނޫންކަމުގައި
ބަޔާންކުރައްވާފައިވެއެވެ. މިއީ އެންމެހައި
ދަންނަބޭކަލުންނާއި ޢިލްމީ މަޖްލިސްތަކުން
ޙަރާމްކަމަށް އިއްތިފާޤުވެވަފައިވާ
ދާއިރާއެވެ.
ހުއްދަ ލަވަތަކަކީ ކޮބާ؟
ކާވެނީގެ ޙަފްލާތަކުގައްޔާއި ޢީދު
ދުވަސްތަކާއި އެނޫންވެސް މިފަދަ
ދުވަސްތަކުގައި އުފާފާޅުކުރުމުގެ ގޮތުން އަޚްލާޤީ
ހަމަތަކުގެ ތެރޭގައި ތަހުނިޔާގެ
ލަވަތައް ކިޔުމަކީ ދީން މަނާކޮށްފައިވާ
ކަމެއްނޫނެވެ. އަދި ޤައުމީ ލަވަތަކާއި،
އެކުވެރިކަން އާލާވާ ފަދަ ލަވަތަކާއި،
މަދަޙައާއިޘަނާއާއި ދުޢާއާއި، އިޞްލާޙަށް
ގޮވާލާ ލަވަތަކާއި މަކާރިމުލްއަޚްލާޤުގެ
ތަރަހައިގައި ވާފާހިޝްކަމެއް ނެތް މިފަދަ
ކޮންމެ ލަވައެއް ދީނުގައި ވަނީ
ހުއްދަކުރައްވާފައިކަމަށް ފަތުވާތަކުގައި
އައިސްފައިވެއެވެ. މިފަދަ ލަވަތަކާއެކު ދެޖިންސު
މައްސުނިވެ ނެށުމުން ހުއްދައެއް
ނުވާނެއެވެ.
މިފަދަ ލަވަތައްވެސް އެންމެ
ހެޔޮކަންބޮޑު ގޮތަކީ މިއުޒިކާނުލައި
ކިޔުންކަމުގައި
ގިނަ ޢިލްމުވެރިން ދެކިލައްވައެވެ. މިފަދަ
ލަވަތައް މިއުޒިކާއެކު ހުއްދަވާނޭ
ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ.
އިތުބާރު ހުރި ގިނަ ދަންނަބޭކަލުންގެ
ރައުޔު އޮތީ މިފަދަ ލަވަތައް ވެސް މިއުޒިކާއެކު
ކިއުން ހުއްދަ ނޫންކަމަށެވެ.
ނަމަވެސް ތާރަޖެހުން ހުއްދަވެގެންވާ ކަމުގައި
އެބޭކަލުން އެއްބަސްވެ
ވަޑައިގަންނަވައެވެ.
އުއްމުލްމުއުމިނީން ސިއްތުނާ ޢާއިޝަތުގެފާނުންގެ
ޙާދިސާ:
މައްސަލައިގެ ތަފްޞީލު
ބެއްލެވުމެއްނެތި ލަވަޔާއި މިއުޒިކު
އެކީއެކައްޗަކަށް
ހުއްދަކަމުގައި ވިދާޅުވެ އެކަންކުރުމަށް
ބާރުއަޅުއްވައި ފަތުވާދެއްވާ ބޭފުޅުންގެ
އެއްދަލީލަކީ ކީރިތި ރަސޫލާ
صلى الله عليه وسلم
ގެ އަނބިކަބަލުންގެ ޙާދިޘާއެވެ.
އުއްމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ
ލަވަގުރޫޕެއް ގެންނަވައިގެން އެގްރޫޕް
ލައްވައި ނެއްޓުވީ ޖިންސީ ޣަރީޒާ އިންސާނާގެ
ހިތުގެ ތެރޭގައި ހިލުވާލާ ފަދަ ޢިޝްޤީ
ނާޒުކީ ނެށުމާއެކު ބަރަހަނާ ޙާލުގައިތޯއެވެ؟ އެއީ
އަނެއްކާ ތިޔަ ބުނާ ޒާތުގެ
ގްރޫޕެއްތޯއެވެ؟ ނުވަތަ ކުޑަ ދެ އަންހެން
ކުދީންތޯއެވެ؟ ބާލިޣު ނުވާ އެދެ ކުދީން
ކީލަވަޔަކީ " ހިތް އެދޭތީ މަ އެދެމޭ
ސަމާސާކުރަން" ފަދަ ލަވައެއްތޯއެވެ؟
ޙަދީޘް ޢިލްމުގެ ފޮތްތައް
ބައްލަވާށެވެ! އެއީ ބާލިޣުނުވާ ކުޑަ ދެ އަންހެނުން
ކުދީން ކަމުގައި ބަޔާންކުރެވިފައިވާނެއެވެ.
އެކުދީން ކީލަވަޔަކީ ޙަރާމް މިއުޒިކީ
ލަވައެއް ނޫނެވެ. ޢަރަބީން ޢީދު ދުވަހު
އުފާކުރުމަށް ކިޔާ ފަދަ ޢާއްމު ލަވައެކެވެ.
އެދުވަހަކީ ޢީދު ދުވަހެކެވެ. އަދި އެފަދަ ރަނގަޅު
ލަވައެއް އަޑު
އިވިވަޑައިގަތުމުންވެސް އެކަމަށް އިންކާރު
ކުރައްވައި އަބޫބަކުރުއްޞިއްދީޤަށް
ވިދާޅުވެވުނީ " ކީރިތި ރަސޫލާގެ
ކޮޓަރިކޮޅުތެރެއިން ޝައިޠާނާގެ އަޑު
އިވެނީހެއްޔެވެ؟ " ނަމަވެސް ކީރިތި
ރަސޫލާ
صلى الله عليه وسلم
އެކަން ނުހުއްޓުވީ
އޭގައި ޙަރާމް ފާހިޝްކަމެއް ނެތީމައާއި އެއީ ކުޑަ
ދެކުދީންކަމުގައިވީތީއާއި އަދި
ޢީދު ދުވަސްކަމުގައިވީތީކަމުގައި ޢިލްމުވެރިން
ބަޔާންކުރައްވާފައިވެއެވެ. އަދި
މިދެކުދިންނަކީ އާއްމުކޮށް ލަވަކިޔައިނަށައިއުޅޭ
ކުދިންނޫންކަން ވެސް
ޢާއިޝަތުގެފާނުގެ ބަސްފުޅުން ދޭހަވެއެވެ.
ބުޚާރީއާއި މުސްލިމްގައި ވަނީ
މިފަދައިންނެވެ.
"
وَلَيْسَتَا بِمُغَنِّيَتَيْنِ "
މާނައީ: އެއީ ލަވަކިޔައިއުޅޭ
ކުދިންނެއްނޫނެވެ.
އިމާމު އިބްނު ޚަޖަރު ބުޚާރީގެ
ޝަރަޙަ ފަތުޙުލްބާރީގައި މިޙަދީޘުގެ ޝަރަޙަ
ކުރެއްވުމުގައި އިމާމު ޤުރުޠުބީގެ މިބަސްފުޅު
ނަގުލުކުރައްވާފައި ވެއެވެ.
وَاسْتَدَلَّ جَمَاعَة مِنْ
اَلصُّوفِيَّةِ بِحَدِيثِ اَلْبَابِ عَلَى
إِبَاحَةِ اَلْغِنَاء وَسَمَاعِهِ بِآلَةٍ
وَبِغَيْرِ آلَة , وَيَكْفِي فِي رَدِّ ذَلِكَ
تَصْرِيح عَائِشَة فِي اَلْحَدِيثِ بِقَوْلِهَا "
وَلَيْسَتَا بِمُغَنِّيَتَيْنِ "
މާނައީ: މިޙަދީޘުގެ އަލީގައި
މިއުޒިކާއިއެކުގައްޔާއި މިއުޒިކު ނުލައި
ލަވަކިއުމާއި
ލަވަ އަޑުއެހުން ބައެއް ޞޫފީން ހުއްދަ ކުރެއެވެ.
އެމީހުން ރައްދުދިނުމުގައި
ޢާއިޝަތުގެފާނު ޙަދީޘުގައި
ވިދާޅުވެފައިވާ މިބަސްފުޅު
"وَلَيْسَتَا
بِمُغَنِّيَتَيْنِ"
ފުދެއެވެ. އަދިވެސް އިބްނު ޙަޖަރު މިޙަދީޘުގެ
ޝަރަޙައިގައި
ވިދާޅުވެފައި ވެއެވެ.
وَهَذَا اَلنَّوْع إِذَا كَانَ فِي
شِعْرٍ فِيهِ وَصْف مَحَاسِنِ اَلنِّسَاءِ
وَالْخَمْرِ وَغَيْرهمَا مِنْ اَلْأُمُورِ
اَلْمُحَرَّمَةِ لَا يُخْتَلَفُ فِي تَحْرِيمِهِ ،
قَالَ : وَأَمَّا مَا اِبْتَدَعَهُ اَلصُّوفِيَّة
فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي
تَحْرِيمِهِ
މާނައީ: މިފަދަ
ލަވަޔާއި ޅެމުގައި އަންހެނުންގެ ސިފަތައް
ބަޔާންކުރުމާއި ރާގެ ވާހަކަ ދެއްކުމާއި
މިފަދަ ޙަރާމްކުރެވިގެންވާ ކަމެއް ހިމެނޭ ކަމުގައި
ވަނީނަމަ އެއީ ޙަރާމް
ކަމެއްކަމުގައި ދަންނަބޭކަލުންގެ މެދުގައި
ތަފާތުވުމެއް ނެތެވެ. އަދިވެސް
ވިދާޅުވެފައި ވެއެވެ. ޞޫފީންގެ މީހުން މިކަމާމެދު
މިގެންގުޅޭ ގޮތްތަކަކީ
ޚިލާފުކަމެއްނެތި ޙަރާމްވެގެންވާ
ކަންކަމެވެ.
ކީރިތި
ރަސޫލާ
صلى الله عليه
وسلم
ގެ ޙަޔާތްޕުޅާއި ޅެންވެރިކަން:
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން
މިއަދު މި ކިޔާފަދަ ވަޙުޝީ ލަވަތައް ފެނިފައި
ނުވެއެވެ. އެކަލޭގެފާނު އެފަދަ ކަމަކަށް
އެއްބަސްވެވަޑައިގެންފައި ވެސް ނުވެއެވެ.
ވަޙުޝީ ލަވަތަކާއި ބަރަހަނާކޮށް ޢައުރަ ނިވާނުވާ
ވަރުގެ ފޭރާން ލައިގެން ތިބެ
ދެޖިންސުގެ މީހުން ނެށުމާއި މިފަދަ އެއްވެސް
ކަމެއް އިސްލާމްދީނުގައި
ހުއްދަކުރައްވާފައިނެތެވެ. އަދި އެއްވެސް ސަމާވީ
ރިސާލަތެއްގައި މިފަދަ ކަމެއް
ހުއްދަކުރައްވާފައިވާ ކަމެއް
އެނގިފައިނެތެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން
ފެނިފައިވަނީ ހަނގުރާމަތަކުގެ ޝާއިރުންނާއި
އުންމަތުގެ ޢާއްމު ކަންކަމުގައި ހިއްވަރުދޭ
ޅެންވެރިންނެވެ. އަޞްޙާބު ބޭކަލުންގެ
ޅެންތަކުގައި ﷲއަށް މަދަޙައާއި ޘަނާ
ދަންނަވާފައިވެއެވެ. ކީރިތި ރަސޫލާ
ދިފާޢުކުރައްވާފައިވެއެވެ. އިސްލާމްދީން
މަތިވެރިކުރައްވާފައިވެއެވެ. ކަޢުބު ބިން
ޒުހައިރާއި ޙައްސާންބުނި ޘާބިތާއި މިފަދަ އެތައް
ބޭކަލުންނެއް އަޞްޙާބު ބޭކަލުންގެ
ތެރެއިން މިގޮތުން ފާހަނގަކޮށްލެވެއެވެ.
ޙައްސާން ބިން ޘާބިތު، ޢަލީ ބިން
އަބީޠާލިބު ފަދަ އަޞްޙާބުބޭކަލުން ލައްވައި
ހަނގުރާމަތަކުގައި މުސްލިމުންގެ ލަޝްކަރުގައި
ތިއްބަވައިގެން ދުޝްމަނުން
ބަލިކުރުމަށް ޅެންކިޔުއްވައި އުޅުއްވިއެވެ.
ހަނގުރާމައެއްގައި ކީރިތި ރަސޫލާ
ޙައްސާން ބިން ޘާބިތައް ހިއްވަރު ދެއްވިއެވެ.
"ޙައްސާން އެވެ. ކުރިއަށް
ގެންދަވާށެވެ! ތިބާއެކު ޖިބްރީލް ވެއެވެ."
ޚައިބަރުގެ ދުވަހުގައި ހިއްވަރު
ދެއްވައި ބައެއް އަޞްޙާބު ބޭކަލުން
ޅެންކިޔުއްވިއެވެ. އަންބާތަށް ވިދާޅުވިއެވެ.
މިފަދަ ދަލީލުތަށް ނަގައިގެން
މިއުޒިކާއި ހުރިހާ ލަވަތަކެއް ހުއްދަކުރެވިދާނޭ
ކަމަށް މުޢުތަބަރު އެއްވެސް
ދަންނަބޭކަލަކު ވިދާޅުވެފައިނުވެއެވެ.
ޚައިބަރުގެ ދުވަހު އިތުރު
އެކަލޭގެފާނު ޅެންބައިތުތަކެއް ވިދާޅުވާން
އުޅުއްވައި
ރަނގަޅަށް ވިދާޅުނުވެވިގެން އުޅުއްވާތީވެ އެތަން
ފެނިވަޑައިގެން އަބޫބަކުރުގެ ފާނު
ކީރިތި ކުރައްވައި ވިދާޅުވީ ޔާސީން ސޫރަތުގެ 69
ވަނަ އާޔަތެވެ! އެ އާޔަތުގައި ވަނީ
"އެކަލޭގެފާނަށް
ތިމަން ﷲ ޅެންވެރިކަން ދަސްކޮށް ދެއްވާފައި
ނުވަމުއެވެ.
ޅެންވެރިޔަކަށް ވެވަޑައިގަތުމަކީ އެކަލޭގެފާނަށް
އެކަށީގެންވާ ކަމެއްނޫނެވެ.
ނަމަވެސް އެކަލޭގެފާނަށް އުނގަންނަވައިދެއްވީ
ޤުރްއާނެވެ. އެއީ ބުއްދީގެ
އަހުލުވެރީންނަށް ހުރި ހަނދުމަކޮށްދިނުމެކެވެ.
އަދި އެއީ ބަޔާންވެގެންވާ
ޤުރްއާނެވެ."
ޢަރަބީންގެ ތެރޭގައި އެހާވަރަށް
ޅެންވެރިކަން މަޝްހޫރުވެފައި ވީހިނދު މާތް ﷲގެ
ނަބިއްޔާ އަށް އެކަމުގެ ހުނަރެއް
ލިބިވަޑައިގެންފައި ނެތެވެ. އެހެނީ އެކަލޭގެފާނަކީ
ވަކިކަމަކަށް ﷲގެ ޙަޟުރަތުން ޚާއްޞަ
ތަރުބިޔަތެއްގެ ތެރޭގައި
ބޮޑުފުޅުވެވަޑައިގެންފައިވާ ބޭކަލެކެވެ. ނަމަވެސް
ކުރީން ހިތްޕުޅުން
ދަސްފުޅުކުރައްވާފައިވާ ބައެއް ޅެންބައިތުތައް
ވިދާޅުވެވޭތޯ ބައްލަވައެވެ. ނަމަވެސް
އެޒަމާނުގެ ޢަރަބީންގެ ހުންނަ ޒާތުގެ
ހުނަރުވެރިކަމެއް ލިބިވަޑައިގެންފައިނެތެވެ.
އެކަން އެހެންވިނަމަ އެކަލޭގެފާނާމެދު
ޤުރައިޝުންގެ ކާފަރުން ގޮވަމުންދިޔަ ބަސްތައް
މީސްތަކުންނަށް ޤަބޫލު ކުރެވުނީހެވެ! އެމީހުން
ބުނަމުން ދިޔައީ އެއީ ކަހީނެކެވެ.
އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ. ސުބުޙާނަﷲ
އެވެ. އެއީ އެންމެ މާތް
ނަބިއްޔާއެވެ.
ޅެންވެރިންނާއި ކީރިތި ޤުރްއާން:
އާދެ! ޅެންވެރިކަމަކީ ދީން
މަނާކޮށްފައިވާ ކަމެއްނޫނެވެ. ޅެންވެރިކަމަކީ
ބަހުގެ
ރައުސްމާލެވެ. އިސްލާމީ ތާރީޚުން ވަރަށް ވަރުގަދަ
ޅެންވެރިން ފެނިފައިވެއެވެ.
މުތަނައްބީ، ފަރަޒްދަޤު މެންފަދަ ބޭފުޅުންނެވެ.
ޙައްސާނު އިބްނު ސާބިތު ފަދަ
ޞަޙާބީންނެވެ. މިފަދަ ބޭފުޅުންގެ ޅެންވެރިކަމުން
އިސްލާމީ އަދަބިއްޔާތުގެ ޚަޒާނާ
މުއްސަނދިވެ ޒީނަތްތެރި ވެފައިވެއެވެ. ޤުރްއާން
ބާވާލެއްވުނު އިރު ޢަރަބީންގެ
ތެރޭގައި ޅެންވެރިކަން އޮތީ ވަރަށް މަތީ
ދަރަޖައެއްގައެވެ. އެބައިމީހުންގެ ޝަރަފަކީ
އެއީއެވެ. ބަޔަކު ދެކެ ރުހުމުން އެމީހުނާ މެދު
ޅެންހަދައި އެވަރުގެ ބައެއް
ނެތްކަމުގައި ދައްކައެވެ. ބަޔަކު ދެކެ ނުރުހުމުން
އެބައިމީހުން ފަދަ ނުބައިކަންބޮޑު
ބަޔަކު ނެތްކަމަށް ދައްކައި ޒާތްޒާތުގެ ޅެންހަދައި
ލަވަކިޔަ އުޅުނެވެ. ކީރިތި
ޤުރްއާނުގައި މިބައިމީހުންނަށް ހެޔޮ އިރުޝާދުތައް
ބާވާލައްވާފައިވެއެވެ.
މިގޮތުން ފާހިޝް ކަންކަން ފަތުރައި
އެކަންކަމަށް ހިއްވަރުދީ އަމިއްލަ އެދުމަށް
ތަބާވާ ޅެންވެރިންނަށް ޤުރްއާނުގައި ލަޢްނަތް
އައިސްފައިވެއެވެ. އައްޝުޢަރާ
ސޫރަތުގެ 224 – 226 ގައި ބާޠިލްގޮތުގައި
ޅެންހަދައި ޅެން ކިޔައި، ނުބެހޭ
ކަންކަމާބެހި، ޅެމުން ފާހިޝް ކަންކަން ފަތުރައި
ޅެންހަދައި މީސްތަކުންގެ އަބުރާ
ކަރާމަތް ގެއްލުވައި އަންހެނުންގެ ޢިއްފަތާއި
ކަރާމަތް ނަގާލާ، ޙައްޤު ފޮރުވަން
އުޅޭ، ބަހާ ޢަމަލާ ދިމާނުވާ ޅެންވެރިންނާމެދު އެއީ
އަނިޔާވެރީންކަމުގައި ﷲ
ވަޙީކުރައްވާފައިވެއެވެ.
އަދި ބަހާ ޢަމަލާ ދިމާވާ،
އެބައިމީހުންގެ ލަވަޔާއި ޅެންތަކުން ﷲގެ ދީނަށް
ނަޞްރުދީ، ކީރިތި ރަސޫލާގެ ދިފާޢުގައި ޅެންކިޔައި
އިސްލާމްދީނަށް ނަޞްރުދީ އުޅޭ
ޅެންވެރީންނަށް މަދަޙައިގެ ބަސްފުޅު
ވަޙީކުރައްވާފައިވެއެވެ. އެއީ ހަމަ އެސޫރަތުގެ
227
ވަނަ އާޔަތުގައެވެ.
ކީރިތި ރަސޫލާއަށް ދެއްވާފައިވާ
އިންޒާރުގެ ބަސްފުޅުތައް:
ލަވަކިޔުމަކީ ހުއްދަކަމެކޭ
ވިދާޅުވެ ވާހަކަ ދައްކަވާ ބޭކަލުން މިކަމުގައި
ތަފްޞީލް ދެއްވަން ޖެހޭނެއެވެ. އެހެންނޫނީ
މިކަމުގައި ބަޔަކު މަގުފުރެދި އުންމަތް
ހަލާކުވެދާނެއެވެ.
ރަސޫލާصلى
الله عليه وسلمގެ
އިންޒާރުގެ ބަސްފުޅެއްގައިވެއެވެ.
''ތިމަންކަލޭގެފާނުގެ
އުންމަތުގައި ބަޔަކު ގަންބަވައިލެއްވުމާއި،
ބައެއްÁ |