އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަ ރައްތަކަށް
އުދައަރައި ވަރަށް ގިނަ ލޮބުވެތި އަޚުންނާއި
އުޚުތުން ވަނީ ޙާލުގައި ޖެހިފައެވެ. އެންމެހައި
ރައްޔިތުން މިފަދަ ކަންކަމާ ކުރިމަތިލާންޖެހޭނީ
ވަރަށް އީމާންތެރިކަމާ އެކުގައެވެ. މިއީ އެއްވެސް
މީހަކަށް ކޮންޓްރޯލް ކުރެވޭނޭ ކަމެއްނޫނެވެ.
ރާޅުތައް މަތަކުރައްވާ ފަރާތަކީ ހަމަ އެކަނީ
ﷲ އެވެ.
މިއީ ޤުދްރަތީ ގޮތުން ކުރިމަތިވާ ކަމެކެވެ.
މީސްތަކުން ﷲ މަތިން ހަނދުކުރުން ހުއްޓެވެ. މާތް ﷲ
ގެ ޙަޟްރަތަށް ޙަމްދުކޮށް އެކަލާނގެ އަށް ޝުކުރު
ކުރުން ހުއްޓެވެ. މާތް ﷲއާ ވަކީލުކުރުން ހުއްޓެވެ.
އެކަލާނގެ ރަޙްމަތްވަންތަކަން ބޮޑެވެ. އެކަލާނގެ
ކުޅަދުންވަންތަކަން ނުވާނަމަ އަޅުގަނޑުމެންގެ މި
ދިވެހިރާއްޖެ ކަނޑުގެ ޝިކާރަޔަކަށްވެ މިތަން
ކާއިނާތުން ފުހެވިގެން ހިނގައިދާނެއެވެ. އެކަލާނގެ
އަށް ޙަމްދު ހުއްޓެވެ. ކުރިންވެސް ފަހުންވެސް
އަބަދުވެސް ޙަމްދު ހުރީ އެކަލާނގެ ޙަޟްރަތަށެވެ.
ލޮބުވެތި އަޚުންނޭވެ! މިފަދަ ކޮންމެކަމެއް ދިމާވާ
ހިނދު މާތް ﷲ ގެ މިންވަރު ފުޅާމެދު
ރުހެންޖެހޭނެއެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގެ
މާނައިގައިވެއެވެ. ''
މުއުމިން އިންސާނާގެ ހުރިހާކަމެއްގައިވެސް ވަނީ
ހެޔޮކަމެވެ. އޭނާއަށް އުފާވެރިކަމެއް
މެދުވެރިވެއްޖެނަމަ ﷲ އަށް ޝުކުރުކުރެއެވެ.
އެކަމުގައިވެސް ވަނީ އޭނާ އަށް ހެޔޮކަމެވެ. އަދި
ހިތާމައެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެ ﷲ
އާވަކީލުކުރެއެވެ. އެކަމުގައިވެސް ވަނީ އޭނާ އަށް
ހެޔޮކަމެވެ. '' މުއުމިނުންގެ ސިފައަކަށް
ވާންވާނީ މިގޮތެވެ. އެކާލަނގެ އަޅުތަކުން
އިމްތިޙާންކުރައްވަނީ އެއަޅުތަކުންގެތެރެއިން
އީމާންތެރި ކެތްތެރި އަޅުތަކުންނަށް ހެޔޮ
ޖަޒާދެއްވުމަށެވެ.
އަދި ހަމަ އެހެންމެ މިފަދަ ވަގުތެއްގައި
އަޅުގަނޑުމެން ހަނދާންކޮށްލުން ހުރި
ކަންތައްތަކެއްވެސް ވެއެވެ. އެއީ މިފަދަ ކޮންމެ
ކަމަކުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލް ކުރަން
ޖެހޭނެކަމެވެ. އެއީ އަޅުގަނޑުމެންނަކީ
މުސްލިމުންނަށްވީތީއެވެ. އަޅުގަނޑުމެންނަކީ
ޒަމާނުއްސުރެން ﷲގެ ދީން ޤަބޫލުކޮށް އެކަލާނގެ
އަށް އީމާންވެގެންތިބި ބަޔަކީމުއެވެ.
އަޅުގަނޑުމެން އުޅެމުން އައީ ވަރަށް
އަމާންކަމާއެކުގައެވެ. ވަރަށް
ތަނަވަސްކަމާއެކުގައެވެ. ވަރަށް
ޞުލްޙަވެރިކަމާއެކުގައެވެ. ވަރަށް އަޚްވަންތަ
ކަމާއެކުގައެވެ.
މުސްލިމު އަޚުންނޭވެ! މިއަދު ޤައުމުގެ ޙާލަތު
މިވަނީ ވަރަށް ދަށަށް ގޮސްފައެވެ. ބަދުއަޚުލާޤީ
ޢަމަލުތައް ދަނީ ގިނަވަމުންނެވެ. ދީނާ ޚިލާފު
ކަންކަމާ ޢަމަލުތައް ދަނީ ޢާއްމު ވަމުންނެވެ. މިއީ
އެންމެން ވިސްނައި ޒިންމާ ނަގަންޖެހޭނޭ ކަމެކެވެ.
މުޖުތަމަޢު މިޙާލަތައް ދިޔައީ ކީއްވެގެންތޯއެވެ؟
ދީނަކީ އެންމެ މަތިވެރި ނިޢުމަތެވެ. އަޅުގަނޑުމެން
ﷲ ދެއްވި އެމަތިވެރި ނިޢުމަތްތައް ހަނދާން
ނައްތާލީމެވެ. އަދި އަޅުގަނޑުމެންނަށް ލިބުނު
ތަނަވަސްކަމާއެކު ﷲ އަށް އުރެދުމުގެތެރޭގައި
ޣާފިލުވީމެވެ. އެއަށްފަހުގައި މުޖުތަމަޢު
ފަސާދަވެގެން ދިޔައެވެ. އަމަންއަމާންކަން
ގެއްލިދިޔައެވެ. އަދި މި ފަހުގެ އަހަރުތަކުގައި
ރާއްޖެ ފަސާދަވެފައި މިއޮތީ މުޅިދިވެހި
ތާރީޚްގައިވެސް ދިވެހިރާއްޖެ މީގެ ކުރިން
ފަސާދަވެފައި ނުވާހާ ބޮޑަކަށެވެ.
ޝައްކެއްނެތްގޮތުގައި އެބިމެއްގައި ޙަރާމް
ކަންތައް ގިނަވެ ރިބާ ކެއުމާއި ރާބުއިމާ
ރާވިއްކުމާ ޒިނޭކުރުމާއި އެއްޖިންސުގެ ގުޅުން
ހިނގުމާއި މަކަރުހެދުމާއި ޚިޔާނާތަތެރިވުމާއި
ދޮގުހެދުމާއި އޮޅުވާލުމާއި ޒަކާތް ނުދެއްކުމާއި
މީހުންގެ އަބުރާ ބެހުމާއި މަސްތުވާތަކެތި
ބޭނުންކުރުމާއި ދެބައޮޑުވުމާއި މިފަދަ ބޮޑެތި
މުންކަރާތްތަކާއި ފާހިޝް ކަންތައް މިދަނީ
ޢާއްމުވަމުންނެވެ.

މިހުރިހާކަމެއްގެ އިތުރުން މަސްތުވާތަކެތި
ނުނަގާމީހަކު ހުރި އާއިލާއެއް މިއަދު
އަޅުގަނޑުމެންގެ މުޖްތަމަޢުގައި މަދުވާނެ ކަން
ޔަޤީނެވެ. މާލެއާއި މުޅި ރާއްޖެތެރެއަށް ވަނީ މި
ނުރައްކާތެރި ވަބާ ފެތުރިފައެވެ. މިރާއްޖޭގައި
ވަނީ އިސްލާމްދީނު ގެ ޙުރްމަތް ކެނޑި
ފަސާދަވެފައެވެ. މުންކަރާތްތައް މަނާކުރުންވަނީ
ބައެއްގެ ޙައްޤަކަށް އަރައިގަތުމަށެވެ. މިފަދަ
ޙާލަތަކަށް މި ރާއްޖެ މިވަނީ ގޮސްފައެވެ. ނިވާކަން
ކުޑަގޮތްތަކަށްތިބެ ޖިންސުއްލަތީފުންނެށުމާއި،
މަޖާކުރުމާއި، ފެޝަން ޝޯ ބޭއްވުމާ، އިސްލާމުންގެ
މުޖުތަމަޢާއި ނުގުޅޭ އެތައްކަމެއް
މިރާއްޖޭގައިދަނީ ގިނަވަމުންނެވެ. މިފަދަ
ފާފަތަކުގެ ސަބަބުން ﷲ ވަނީ އިސްވެދިޔަ އެތައް
އުއްމަތެއް ހަލާކު ކުރަށްވާފައެވެ.
މާތް ﷲ އަލްއަންޢާމް ސޫރަތުގެ 44 ވަނަ އާޔަތުގައި
ވަޙީ ކުރައްވާފައިވެއެވެ :
((
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِ فَتَحْنَا
عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّى إِذَا
فَرِحُواْ بِمَا أُوتُواْ أَخَذْنَاهُم بَغْتَةً
فَإِذَا هُم مُّبْلِسُونَ
))
މާނައީ :'' ދެން އެބައިމީހުންނަށް
ހަނދާންކޮށްދެވުނު ކަންތައް އެބައިމީހުން
ހަނދުމަނައްތައިފި ހިނދު ހުރިހައިގޮތަކުން
ތަނަވަސްވާނޭ ގޮތްތައް މެދުވެރިކޮށް ދެއްވީމެވެ.
އެބައިމީހުންނަށް ލިބުނުކަންތައްތަކާއިމެދު
އެބައިމީހުން އުފާކޮށްފުމަށް ދާންދެންނެވެ.
އެހިނދު ކުއްލިއަކަށް ތިމަން ﷲ އެބައިމީހުން
ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ. ދެން
ސަލާމަތްވާނޭކަމުގެ އުންމީދު ދޫކޮށްލައިފައި
ތިބިބަޔަކުކަމުގައި އެބައިމީހުންވިއެވެ. ''
ޝައްކެއްނެތްގޮތުގައި މުޖުތަމަޢު ރަނގަޅު ގޮތުގައި
އޮއްވާ ﷲ އެއްވެސް ބަޔަކު ހަލާކު
ނުކުރަށްވާނެކަމަށް ވަޢްދުވެވޮޑިގެންފައިވެއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ.