ޚާއްޞަ ފައިލް

 

އާނިޔާ އަށް ހަމަ ނޭނގެނީއެވެ! އޭނާއަށް އޮޅުންފިލުވާދޭށެވެ!

މުޙައްމަދު ޝަހީމް ޢަލީ ސަޢީދު / ނޫރުލްއިސްލާމްގެ މުޝްރިފް

 

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަމީން ޢާއްމުގެ ނައިބު އާނިޔާ އިސްލާމްދީނާއި، ދީނުގެ ޙުކުމްތަކާއި، ދީނުގެ ދަންނަބޭކަލުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާގޮތައް ލިޔެފައިވާ ލިއުމަކީ، އިސްލާމީ ތަރުބިޔަތާއި، ދީނުގެ ޙުކުމްތަކުގެ މަޢުލޫމާތު ޞައްޙަ މަޞްދަރުތަކުން އޭނާ އަށް ލިބިފައި ނެތްކަމުގެ ހެއްކެކެވެ.  އޭނާގެ ލިޔުން ކުށްވެރިކުރެވެން އޮތް އެންމެ މަތީ ދަރަޖައަކުން ކުށްވެރިކުރުމާއެކު، ތައުބާވުމަށާއި، ހިދާޔަތުގެ މަގުގައި ހިފުމަށް ނޫރުލް އިސްލާމު ވެބްސައިޓުގެ ގްރޫޕުގެ ފަރާތުން ގޮވާލަމެވެ.

އަދި، އޭނާގެ އެލިޔުން ކުށްވެރިކުރުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި މިފަދަ ކަންކަމުން އިސްލާމްދީން ޙިމާޔަތް ކުރެވޭނޭ ފަދަ ޤާނޫނޫ ތަކާއި ޤަވާޢިދުތައް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

އަދި، އާނިޔާގެ ލިޔުން ކުށްވެރިކޮށް، ރާއްޖޭގައި ތިބި އިސްލާމްދީނުގެ ޢިލްމުވެރިންނާއި، ދީނީ ޖަމިއްޔާތަކުން ބަޔާންތައް ނެރ،ެ ދީން ޙިމާޔަތްކުރުމަށްޓަކައި ޢަމަލީ ސިފައިގައި މަސައްކަތްކުރުމަށް ވެސް ގޮވާލަމެވެ.

އާނިޔާ ލިޔުނު ފަދަ ލިޔުމެއް ފަހުގެ ޖީލުގެ ދިވެއްސަކު މިހާ ފާޅުކަން ބޮޑު ގޮތުގައި ލިޔެފައިނުވެއެވެ. އަދި މިޒާތުގެ ލިއުންތައް ވަރަށް ގިނައިން މިނިވަން ނޫހުން މިފަހަކަށް އައިސް ފެންނަމުންދެއެވެ. މިއީ، ވަރަށް ހިތާމަހުރި ކަމެކެވެ.

 

މިނިވަންނޫހުން މަޢާފު އެދެންޖެހޭނެ

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަން ހޯދައިބެލުމަށް ކުދިބޮޑު އެންމެހެން ކިޔަމުން ދާ މިފަދަ ނޫހެއްގައި އެފަދަ ލިޔުމެއް ޝާއިޢުކުރިކަމީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެނޫހުގެ ވެރިންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

ރާއްޖޭގެ ދީނީ ހައިބަތާއި، ރައްޔިތުން ދީން ދެކެވާ ލޯބި ކިލަނބު ކޮށް، ޒުވާންޖީލުގެ ހިތްތަކުގައި ދީނާ މެދު ޝައްކުތައް އުފެއްދިގެންދާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ޙައްދުފަހަނައަޅައި ދިއުމެކެވެ. މިހެންކަމުން މިނިވަން ނޫހުން މަޢާފު އެދުމަށް އަޅުގަނޑުމެން ގޮވާލަމެވެ.

 

އާނިޔާގެ ބައިވެރިން

އާނިޔާ ކެރިގެން އެލިޔުނީ އޭނާ އާ އެކުގައިވާ ވަރަށް ގިނަ ބައެއްގެ ވާހަކައެވެ. އެއީ އޭނާގެ އެކަނި ވާހަކަ ތަކެއްނޫނެވެ. މިހެންކަމުން، މިހާރު ހިގަމުން މިދާ ނުބައި ކަންކަމަށްވުރެ، މި ބައިމީހުން ރާއްޖޭގެ ނުފޫޒު ހުރި މަޤާމުތަކަށް އައުމުން ދީނަށް އިތުރައް ނުރައްކާވެގެންދާނޭ ކަމީ ކަށަވަރުކަމެކެވެ. ފެންނަމުން މިދަނީ އޭގެ ހެކިތަކެކެވެ. މީގެ ކުރީން، މިފަދަ މީހުންނަށް ހެޔޮ ވިސްނުން ފޯރުކޮށް ދިނުމަކީ އެންމެންގެ ވާޖިބެކެވެ.

 

މިފަދަ ކަންކަމާ ކުރިމަތިލުމުގައި އަޅުގަނޑުމެންގެ ވާޖިބު

މިކަމުގެ ކުރިމަތީގައި ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ފިކުރުގެ މީހުންގެ ފުރަތަމަ ވާޖިބަކީ އެއްބައިވުމެވެ. ދީނާއި، ޤައުމު ޙިމާޔަތްކުރުމަށްޓަކައި ދިވެހިރައްޔިތުން އަތުގުޅާލަންވީއެވެ. އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީއެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ކަޅު ދުވަސްތަކެކެވެ. އަލިމަގެއް ފެންނާނީ އިސްލާމީ ވަޙުދަތުގެ އަލީގައެވެ.

ރާއްޖޭގެ ޤާނޫނޫތަކާއި، ޤަވާޢިދުތައް އެދަނީ ދީނާ ޚިލާފަށް ބަދަލުކުރަމުންނެވެ. އެތައް ޤަރުނަކަށް ފަހު ލޯޑު ބުއްދާ އެވަނީ ރާއްޖޭގެ ފަސްގަނޑުން ޖާގަ ހޯދާފައެވެ. ޤާނޫނުލް ޢުޤޫބާތާ މެދު އެދަނީ ބަހުސްތައް ކުރެވެމުންނެވެ. ޑްރާފްޓް ކުރެެވިފައިވާ ޤާނޫނޫލް ޢުޤޫބާތު އަޅުގަނޑު ދުށީމެވެ. އޭގައި ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅު އެތައް ކަމެއް އެބަހުއްޓެވެ!

ޢަދުލުވެރި ރަސްރަސްކަލުންނާއި، އިންޞާފުވެރި ފަނޑިޔާރުނާއި، ހިއްވަރު ގަދަ މުޖާހިދުން ދިވެހި ފަސްގަނޑުގައި އިސްލާމް ދީން ޙިމާޔަތްކުރުމަށް ވި ޤުރްބާނީތައް ހަނދާންކުރަންވީއެވެ.

މިކަމުގެ ކުރިމަތީގައި އަޅުގަނޑުމެންގެ ދެވަނަ ވާޖިބަކީ އެހެން މީހުންނަށް ދީނީ ހޭލުންތެރިކަން ދިނުމާއެކު އާނިޔާއަށް ނަސޭޙަތްތެރި ވުމެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ޢިލްމުވެރިން އޭނާ ޢާ ބައްދަލުކޮށް ހެޔޮ ވިސްނުން ފޯރުކޮށްދެއްވައި، ދީނުގެ ޙުކުމްތަކާއި، އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު އޭނާ އަށް އޮޅުން ފިލުވައި ދެއްވުން މުހިންމެވެ. އޭނާ އާމެދު ގޮތެއް ކަނޑައަޅަންޖެހޭނީ މީގެ ނަތީޖާއަށް ބަލާފައެވެ. އެހެން ލިޔާ އެއްޗަކުން އަދި، މީހަކު މުރުތައްދުކޮށް ލޭ ހުއްދަކޮށްގެން ނުވާނެއެވެ.

ﷲ ގެ ނަބިއްޔާ ދީނަށް ނަޞްރުދެއްވައި ދީން ފެތުރުއްވި މަންހަޖު އަޅުގަނޑުމެން ބަލާލުމުން، އެކަލޭގެފާނުގެ ކެތްތެރިކަން އިންތިހާއަށް ފެނިގެން ދާނެއެެވެ. އެކަލޭގެފާނު ޅެންވެރިއަކަށް ހަދައި، ސިޙުރުވެރިއަކަށް ހަދައި، މޮޔައަކަށް އަދައި، އެކަލޭގެ ފާނު ގެއްނެވި މަތިވެރި ރިސާލަތަކީ ތާކުންތާކު  ނުޖެހޭ އެއްޗަކަށް ހެދިއެވެ، އެކަލޭގެ ފާނާ ހަނގުރާމަކޮށް އެކަލޭގެފާނު ޝަހީދު ކޮށްލުމަށް ރޭވުނެވެ. އެކަލޭގެފާނު މިހުރިހާ ކަމެއްގެ ޖަވާބުގައި ވިދާޅުވަނީ          ' އެމީހުންނަށް ހިދާޔަތް ދައްކަވާނދޭވެ! ހަމަ ނޭގެނީއެވެ. " ނަތީޖާ އަކީ އެކަލޭގެފާނާ ހަނގުރާމަ ކުރިމީހުން، ފަހުން އެކަލޭގެފާނުގެ އަންޞާރުން ކަމުގައި ވެގެން ދިއުމެވެ.

މި ގޮތައް އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، ދީނުގެ ދުޝްމަނުން ދީން ޙިމާޔަތްކުރާނޭ ބަޔަކަށް ވެގެންދާނެއެވެ. އަދި އާނިޔާވެސް ފަހުން ބުރުގާ އަޅާފައި ހުއްޓާ ވެސް ފެނިދާނެއެވެ. އަދި ދީނަށް ނަޞްރުދީ ލިޔުންތައް ލިޔެވެސް ހަދާވެސްފާނެއެވެ. ފަހަރުގައި ﷲ ދެކެ ބިރުވެތި ވެސް ވެދާނެއެވެ. މިފަދަ ކަންކަމާ ކުރިމަތިލާންޖެހޭ ގޮތައް ނޫން ގޮތަކަށް ކުރިމަތި ލައިފިނަމަ، ދީނުގެ ދުޝްމަނުން ގިނަވެ، ދީނުގެ ދަޢުވަތަށް އެތައް ހުރަސްތަކެއްދިމާވެގެން ދިއުމަކީ ވެދާނޭ ކަމެކެވެ.

 

އާނިޔާއާމެދު ޙުކުމެއް ކަނޑައަޅާނީ ކޮންއިރަކު ؟

ޝައްކެތް ނެތެވެ! އާނިޔާ ލިޔެފައިވާ ލިއުމަކީ ދީނުގެ ކަންތައްތައް އެނގިހުރި މީހަކު ލިޔުނު އެއްޗެއްނަމަ، އެމީހަކާމެދު ދެވަނަ ވިސްނުމަކަށް ދިއުމެއްނެތެވެ. ނަމަވެސް އާނިޔާ އަކީ އެއްވެސް ވަރަކަށް ދީނުގެ ޙުކުމްތައް އެނގޭ މީހެއްނޫނެވެ. އޭނާ ލިޔެފައިވާ ވާހަކަތަކަކީ އެއްވެސް އޮށްޓަރެއް ހުރި ވާހަކަތަކެއްނޫނެވެ. އެއީ އޭނާގެ އަމިއްލަ ފަލްސަފާއެވެ. އެ ދީން ކިޔަވާފައި ހުރި ވެސް މީހެއްނޫނެވެ. ވީމާ އޭނާގެ މައްޗައް ޙުކުމެއް ނެރުމުގެ ކުރީން އޭނާއާ ވާހަކަ ދެކެވެން އެބަ ޖެހެއެވެ. ދީން ބުނެދެވެން ޖެހެއެވެ. ޙުއްޖަތާއެކު ދަލީލުތަކުގެ އަލީގައި އޭނާ އާ ޖަދަލު ކުރެވެން ޖެހެއެވެ. އެއަށް ފަހު ދީނުގެ ޙުކުމްތައް ޤަބޫލު ނުކޮށްފިނަމަ، އޭނާގެ މައްސަލަ އިސްލާމީ ޝަރުޢީ ކޯޓެއްގައި ބެލެވެންޖެހޭނެއެވެ. އޭނާ އަކީ މުރުތައްދުވެފައިވާ މީހެއްކަމަށް ނިންމާނީ އިސްލާމީ ޝަރީޢަތުގެ އަލީގައި އެއަށް ފަހު ކޯޓުންނެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ މުސްލިކަމު ދީނުން ބޭރުކޮށްލުމެއްނޫނެވެ. ދީނުގެ މަގަށް އެނާ ގެނައުމެވެ. އަޅުގަނޑުމެންގެ ދީން އައީ ޢާލަމްތަކަށް  ރަޙުމަތެއްކަމުގައެވެ. ލަޢުނަތެއްގެ ގޮތުގައި ނޫނެވެ.

 

އާނިޔާއަށް ' ނޫރުލްއިސްލާމް " ގެ ފަރާތުން ދޭ ނަސޭޙަތް

އާނިޔާގެ ލިއުމާމެދު އަޅުގަނޑު ދަންނަވަން އޮތްހާވެސް އެއްޗަކީ އާނިޔާއެވެ! މާތްވެގެންވާ އިސްލާމްދީނާ ދިމާކޮށްގެން އުޅުނު އެތައް ބަޔަކު ﷲ ވަނީ ހަލާކު ކުރައްވާފައެވެ. ނިކަމެތި ކުރައްވާފައެވެ. ދީނުގެ ޙުކުމްތައް ދެނެގަތުމަށް ޞައްޙަ މަޞްދަރުތަކަށް ދާށެވެ! ފޮތްތައް ކިޔާށެވެ! ޤުރްއާނުގެ ތަރުޖަމާ ބަލާށެވެ! އައްނޫރު ސޫރަތާއި، އަލް އަޙްޒާބު ސޫރަތުގެ ތަރުޖަމާ ބަލާށެވެ! ބުރުގާ އާއި، އެނޫނަސް ވެސް އެކަންކަމާމެދު ތިޔަ ޖަދަލުކުރާ ކަންކަމުގެ ރަނގަޅު ގޮތް އެނގިގެންދާނެއެވެ! ﷲ އަށް ބިރުވެތިވާށެވެ! ފަހަރުގައި ތެދުމަގަށް މަގު ފަހި ވެގެންދާނޭ ވަސީލަތަކަށް ތިޔަ ލިޔުން ވެދާނެއެވެ. ދުނިޔެއަކީ ވަގުތު ކޮޅެކެވެ. ﷲ ގެ ނަބިއްޔާ ދެކެ ލޯބިވާށެވެ! އެރީ ރަޙުމަތެކެވެ. ދީނާއި ސިޔާސަތުގެ މަޞްދަރެވެ. އެއީ ނަބިއްޔެކެވެ. ވެރިއެކެވެ. އެކަލޭގެފާނުގެ ރިސާލަތު ﷲ  ވަނީ މަތިވެރިކުރައްވާފައެވެ. އެއަށް ފުރައްސާރަ ނުކުރާށެވެ! މީސްތަކުންގެ ރުޅިވެރިކަމާއި، އާޚިރަތުގެ ޢަޛާބު ތިބާއަށް ލިބިދާނެތެވެ! މާތް ﷲ ގެ ޙަޟްރަތަށް ތައުބާވާށެވެ! އަދި މަޢާފަށް އެދޭށެވެ! އަދި ތިބާގެ ބޮލުގެ އިސްތަށިގަނޑު ނިވާކޮށް އިސްލާމީ މިންގަނޑަށް ފެތޭ ފޭރާމެއް ލާށެވެ! ހެޔޮމަގަށް އަތުވެއްޖެ މީހާގެ މައްޗައް ބާއްޖަވެރިކަމާއި، ރަޙުމަތް ހުއްޓެވެ! އަމާންކަމާއި، ހިންހަމަ ޖެހުން ހުއްޓެވެ... އެމީހެއްގެ ހަނދާންތައް އަބަދައްޓަކައި ދުނިޔޭގައި ލައްވައެވެ.... އަޅުގަނޑުމެންގެ މައްޗައް އޮތީ ފޯރުކޮށްދިނުމެވެ. ޤަބޫލުކުރުމާއި ނުކުރުންވަނީ ތިބާއަށެވެ.. މާތް ﷲ ގެ ރިސާލަތު މަތިވެރިވެގެން ވެއެވެ. އެއާ ދިމާކުރުމަކީ ހަނދަށް ކުޅުޖެހުން ފަދަ ކަމެކެވެ.

 

ބުރުގާގެ ޙުކުމް

ތިރީގައި މިނަގުލުކޮށްލަނީ ބުރުގާ އެޅުމާމެދު ކީރިތި ޤުރްއާނާއި، ﷲ ގެ ނަބިއްޔާގެ ސުންނަތާއި، އުންމަތުގެ ދަންނަބޭކަލުންގެ އިޖުމާޢުގައި އައިސްފައިވާ ގޮތެވެ.

 

 

ކީރިތި ޤުރްއާނުން

ލޮބުވެތި އުޚުތުންނޭވެ! އަންހެނާ ނިވާވާންޖެހޭނެ މިންވަރާއި އޭނާގެ ހަށިގަނޑުން ފާޅުވާންޖެހޭ މިންވަރު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ:     (( وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاء بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاء بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُوْلِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاء وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ )) ( النور :31 ) [ އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި ( އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރައަކީ ކޮބައިކަން ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި  ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.]

 

އަދި ހަމަ އެހެންމެ އަލްއަޙްޒާބު ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ:    (( يَا أَيُّهَا النَّبِيُّ قُل لأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلاَبِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلاَ يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا ))الأحزاب :59 )   މާނައީ: [ އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުންނަކީ މުއުމިން ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި، ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.]

 

ނޯޓް: ޢަރަބި ބަހުގެ ޤަވާޢިދާއި އުޞޫލު ނިޔާކުރާ ހަމަތަކުގެ މަތީން މުފައްސިރުން މިލަފުޒުގެ ތަފްސީރު ކުރައްވާފައިވާ ގޮތުގައި، ޖިލްބާބަކީ ބޮލާއި މޫނާއެކު މުޅި ހަށިގަނޑު ނިވާވާ ގޮތަށް ފުޅާކޮށް ތަނަވަސްކޮށް ހުންނަ ހެދުމެކެވެ. އަދި އެއީ ހެދުމުގެ މަތީން، އަދި ޚިމާރުގެވެސް މަތީން ބޮލުން ވައްޓާލާފައި އޮންނަ ފަރުދާއެކޭ ވެސް ބުނެވެއެވެ.

 

 

ކީރިތި ރަސޫލާގެ ސުންނަތުން

1- އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވާފައިވެއެވެ: ( صِِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، رِجَالٌ بِأَيْدِيْهِمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسِ،  وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ المْاَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا )- رواه مسلم -  [ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި މޭލުކޮޅަށް ފޯރައެވެ.] މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ. މިޙަދީޘްގެ މި ޖުމުލަ [އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ، އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. [ އެހެން މާނައަކުން ވެސް ވާރިދުވެފައިވެއެވެ. އެއީ : [އެކަނބަލުންނަކީ ހަށިގަނޑަށް ބަނޑި ބަނޑިލައްވައި އެކަނބަލުންނަށް މީހުން ލަނބުވައި، މީހުންނަށް ލެނބެމުންދާ ބައެކެވެ. ]

މިފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅުތައް މި މައްސަލައިގައި ބަޔާންވެފައިވެއެވެ. ޝަރުޢުގެ ދަލީލުތަކުގެ ކުރިމަތީގައި ހަމަ ގެންގުޅުމަކީ އެދަލީލުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ތިމާގެ ހަވާނަފްސުގެ  ފަހަތުން ގޮސް ތިމާހިތް އެދޭގޮތަށް ޝަރީޢަތުގެ  ނައްޞުތައް ތައުވީލުކޮށް ހެދުމަކީ ހަމަ ގެންގުޅުން ކަމުގައި ބުނެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

ލޮބުވެތި އުޚުތުންނޭވެ! މިއީ ﷲ އާއި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. މިއާ އިދިކޮޅެއް ނުހެދޭނެއެވެ. ވީމާ، ތިމާމެންގެ ޢަމަލުތައް މިއާއެއްގޮތަށް ބައްޓަން ކުރުމަށް އަވަސްވެގަންނަމާތޯއެވެ؟

ހެދުންލައިގެން، ނިވާވާން ލާޒިމުވާ މިންވަރަށް ނިވާނުވާ އަންހެނުންތަކެއް ފަހު ޒަމާނުގައި އުޅޭނެކަމުގެ ވާހަކައާއި، އެކަނބަލުންނަށް ސުވަރުގެއަށް ވަނުމުގެ ނަސީބު ނުލިބޭނެކަމާއި، އެތަނުގެ ވަސްވެސް ނުލިބޭނެކަމުގެ ވާހަކަ، މިއީ ރަސޫލާގެ ތެދު ބަސްފުޅެވެ. އެއީ ފަހު ޒަމާނުގެ އަލާމާތެކެވެ. މިފަދަ ވަޢީދުތަކުން ސަލާމަތްވުމަށް އެންމެހައި އުޚުތުންނަށް އިލްތިމާސް ކުރަމެވެ.

ލޮބުވެތި އުޚުތުންނޭވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ އިސްވެ ދިޔަ ޙަދީޘުގައި ބަޔާންވެގެންވާ ގޮތުން ހެދުން ލައިގެން އޮރިޔާމުން ތިބުމަކީ ހެދުން ލުމުގެ މަޤްޞަދު ޙާޞިލު ނުވުމެވެ. އެއީ ހެދުންލަނީ ނިވާވެގަންނާށެވެ. ނަމަވެސް ހެދުންކުރުކަމުން، ނުވަތަ ބާރުކަމުން، ނުވަތަ ތުނިކަމުން ނިވާވާންޖެހޭގޮތަށް ނިވާނުވާތީ އެހެން ހަދީޘްކުރެއްވީއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ވަރަށް ގިނަ އުޚުތުން އިސްލާމީ މިންގަނޑާއި އެއްގޮތައް ފޭރާން ތުރުކުރައްވަމުން ގެންދަވާކަން އުފަލާއެކު ފާހަނގަކުރަމެވެ. މާތް ﷲ އެންމެހައި އުޚުތުންނަށް ހެޔޮމަގަށް ތައުފީޤު ދެއްވާށި، އާމީން .

 

ދީނުގެ ދަންނަ ބޭކަލުންގެ އިޖުމާޢު

ލޮބުވެތި އުޚުތުންނޭވެ! މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑަކީ މިނިވަން މުސްލިމު އަންހެނާގެ ޢައުރަކަމަށް އިސްލާމްދީނުގެ އެންމެހައި ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ. މިއީ ލޮބުވެތި ރަސޫލާގެ  އެންމެހައި އަޞްޙާބުބޭކަލުންނާއި، އެބޭކަލުންގެ ތާބިޢީންނާއި، އުންމަތުގެ މުފައްސިރުންނާއި، މުޙައްދިޘުންނާއި ފިޤުހުވެރި އިމާމުންނާއި މިއެންމެބޭކަލުންގެ ބަސްފުޅެވެ.

 އަދި ސަޢޫދީޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހާއި، އަލްއަޒުހަރުގެ ދަންނަބޭކަލުންގެ ވެސް ބަސްފުޅެވެ. އަދި މިޞްރުގެ ދާރުލްއިފްތާއުގެ ފަތުވާވެސް މެއެވެ. އަދި އިސްލާމީ އުންމަތުގެ ފަހުގެ މުޢުތަބަރު އެއްވެސް ޢިލްމުވެރިއަކު  މިމައްސަލައިގައި އުއްމަތުގެ މި ޢަޤީދާއާއި ޚިލާފުވެވަޑައިގެންފައިނުވެއެވެ.

ލޮބުވެތި އުޚުތުންނޭވެ! ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކުގައި މިހާރުގެ މީހަކު ޚިލާފުވެ ބުނާބުނުމަކީ ޚިލާފެއްކަމުގައި ނުބެލެވޭނެއެވެ. މުޖުތަހިދު، މުޢްތަބަރު ދަންނަބޭކަލުންނަކީ ވަކި ބައެކެވެ. އުންމަތުގެ މީހުން އެބޭކަލުންނަކީ އުއްމަތުގެ ޢިލްމުވެރިން ކަމުގައި ޤަބޫލުކޮށްފައިވާ ބޭކަލުންނެވެ. އެއިން އެއްވެސް ބޭކަލަކު ﷲ ގެ މިޙުކުމުގައި ޚިލާފުވެވަޑައިގެންފައިނުވެއެވެ. ނުވެސް ވާނެއެވެ.

ދަންނަވަންތޯއެވެ؟ ތިޔަވިދާޅުވާ އިޚުތިލާފަކީ މޫނާއި ދެއަތްތިލައިގެ މައްސަލައެވެ. ބައެއް ޢިލްމުވެރިން އެދެތަން ޢައުރައިގެ ތެރޭގައި ނުހިމަނުއްވައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީވެސް ޢައުރަކަމަށެވެ. އަދި  ފަހުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މޫނާއި ދެއަތްތިލަ ޢައުރަ ނޫން ކަމުގައެވެ. ނަމަވެސް ފިތުނަ ފަސާދަ އުފެދޭ ކޮންމެ ޙާލަތެއްގައި، މޫނާއި ދެއަތްތިލަ ފޮރުވުމަށްވެސް ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މި މައްސަލަ ވަރަށް ރަނގަޅަށް އަލްއިމާމުއްނަވަވީ މުސްލިމުގެ ޝަރަޙައިގައި ލިއުއްވާފައިވާނެއެވެ. އަދި ފަޟީލަތުއްޝައިޚު މުޙައްމަދު ނާޞިރުއްދީނުލްއަލްބާނީ އައްރައްދުލްމުފްޙިމުގައި ލިއުއްވާފައިވެއެވެ.

ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުއާއި ޚިލާފަށް ބުނެވޭ ކޮންމެ ބަހަކީ ނަގާ އެއްފަރާތް ކޮށްލަންޖެހޭނެ ބަހެކެވެ. ޙަޤީޤީ ޢިލްމުވެރިން އުންމަތުގެ ޢަޤީދާއާއި ޚިލާފުވެވަޑައިނުގަންނަވާނެއެވެ.  އަނެއްކޮޅުން މިމައްސަލައަކީ އިޖުމާޢު ވެފައިވާ މައްސަލައެކެވެ. ޝަރުޢީ ޙުކުމަކާމެދު އުއްމަތުގެ ޢިލްމުވެރިން އިޖުމާޢުވެފައި ވަނިކޮށް، ފަހުން ވަޑައިގަންނަވާ ޢިލުވެރިއަކަށް ކުރީގެ ދަންނަބޭކަލުންގެ އިޖުމާޢާއި ޚިލާފުވެވަޑައިގަތުމުގެ އިޚުތިޔާރެއްނެތެވެ. އެބޭފުޅަކީ ކިތައްމެ ބޮޑު ޢާލިމަކަށް ވިޔަސް މިކަން އޮތް ގޮތަކީ މިއީއެވެ.

ކޮންމެއަކަސް މިއީ އިސްލާމްދީނުގެ  އެންމެހައި ދަންނަބޭކަލުން އިއްތިފާޤު މައްސަލައެކެވެ. މިއީ އިންކާރުނުކުރެވޭނެ ޙަޤީޤަތެކެވެ. އުއްމަތުގެ ދަންނަ ބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެއްނޫނެވެ.

މިމައްސަލައިގެ ކުރިމަތީގައި އެންމެން ބޯލަނބައި ކިޔަމަން ގަންނަންޖެހޭނެއެވެ. ކީރިތި ޤުރްއާނާއި، ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާން އޮތް ކަމަކާމެދު އިންކާރުކޮށް، ޖަދަލުކުރާ ކޮންމެ މީހަކީ އިސްލާމްދީނުގެ އިމުންބޭރުވެ، ކާފިރުވެ މިއްލަތުން އެއްކިބާވެފައިވާ މީހެކެވެ.

ކަމަކީ ކިތައްމެހާވެސް ބޮޑުކަމެކެވެ.  ބުރުގާ އެޅުމަކީ ލާޒިމު ކަމެއްނޫނޭ، ނުވަތަ ކޮންމެހެން ނުކުރިޔަސް ރަނގަޅުވާނެކަމެކޭ އެއްވެސް މީހަކަށް އެއްވެސް ޙައިޘިއްޔަތަކުން ބުނެވޭކަށްނެތެވެ. މިއީ ސާފު ސީދާކޮށް ޝަރުޢުގައި ގޮތެއް ކަނޑައަޅުއްވާފައިވާ މައްސަލައެކެވެ.