ޚާއްޞަ ފައިލް

 
 
 
 
ޞަފްޙާ:
1 2 3 4 5 6 7

حامداً ومصلِّياً ومسلِّماً أما بعد. އާދެ! އިރުގެ އަލިކަމާއި އަދި އެއިގެހޫނުކަންދެކި އިރާދިމާއަށް ކުއްތާ ވައްވައްޖެހުމަކުން ފަހަރެއްގައިވެސް އިރުގެ އަލިކަމާއި، އަދި އެއިގެ ހޫނުކަން ފަނޑުނުވާނެއެވެ. އަޅުގަނޑު ގަލަމް މިއުފުލައިލީއަކީ ފަހަރެއްގައިވެސް ބައެއްގެތެރޭގައި އަމަށުންހުރި މީހަކު ފަޟީޙަތްކުރާކަށެއް ނޫނެވެ. މިހެން މިދެންނެވީ އަޅުގަނޑު އިތުރަށް އޭނާ ފަޟީޙަތްކުރާނެ ތަނެއްނެތީމައެވެ.

ދަންނަވަންތޯއެވެ! ކެރިގެންހުރެ އެންމެފުރަތަމަ ބަހެއްބުނެލީ އިބްލީސްއެވެ. ﷲގެ ޙަޟްރަތުގައި އޭތި ކެރިގެންހުރެ ބުންޏެވެ. "އިބައިލާހުގެ ޢިއްޒަތް ގަންދީބުނަމެވެ. އެ އެންމެން މަގުފުރައްދާނަމެވެ." ހަމަޔަޤީނުންވެސް ގަދަކީރިތިވަންތަ މާތް ޙައްޤުއިލާހުގެ ޙަޟްރަތުގައި އޭތި މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ. ދެންމިގޮތަށް ކެރިގެންހުރެ ބަހެއްބުނީ ފިރުޢައުނެވެ. އޭނާ ބުންޏެވެ. "އަހުރެންނީ ކަލޭމެންގެ އެންމެމަތިވެރި އިލާހެވެ" މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ.

އަދި ދަންނަވަންތޯއެވެ! މިގޮތަށް މިއުއްމަތުގައިވެސް ކެރިގެންހުރެ ބަސްތައް ބުނެލިމީހުން މަދެއްނޫނެވެ. ނަބީކަމަށް ދަޢުވާކުރި އެންމެންވެސް ދަޢުވާކުރީ ކެރިގެންތިބެއެވެ. މިއުއްމަތުގެ މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އިލްޒާމުތައް އަޅުވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޝާނަށް އުނިކަންލިބޭ ބަސްތައް ބުނެ، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދޮގުކޮށް، އަދި އެޙަދީޘްތައް އަމިއްލައަށް ހަދަހަދައިގެން ބަޔާންކޮށް ހެދުން، މިއުއްމަތުގައި މުނާފިޤުންގެ ސިލްސިލާއިން ހިނގަމުން އައިސްފައިވެއެވެ. ނަމަވެސް މިސިލްސިލާގެ ބޮޅުތައް ދިވެހި މާޙައުލުން ފެންނަންފެށީ ވަރަށްފަހުންނެވެ.

ކެރިގެންހުރެ ބުނުމުގެ ސިލްސިލާ ފުރަތަމަ ރާއްޖޭގައި ފެށިފައިވަނީ ލިއުމުންނެވެ. މިގޮތުން މިހާރު އަޅުގަނޑުމެން ދިވެހީންގެ އަތްމަތީގައިވާ "ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ" މީގެ ހެއްކަކަށްފުދެއެވެ. ﷲގެ ކަލާމާމެދު ޖެހިލުންކުޑަކޮށް ހިތުހުރިގޮތަކަށް ތަރުޖަމާކުރުމުގެ އިތުރުން އެއިގެ މާނަތައް ބަދަލުކޮށްފައިވަނީ ނުކެރިއެއްނޫނެވެ. މިގޮތަށް ކެރިގެންތިބެ މިކަންކުރެއްވެވި ބައެއްބޭފުޅުންވަނީ ދުނިޔެ ދޫކުރައްވާފައެވެ. ﷲއެމީހުންގެ ކުށް ޢަފޫކުރައްވަވައި އެމީހުންނަށް ރަޙްމަތް ލައްވާށިއެވެ. އާމީން. އަދި އެއިގެތެރެއިން މިހާރުވެސް ދުނިޔޭގައި ތިއްބެވި ބޭފުޅުންނަށް ތައުބާވެލެއްވުމުގެ ހެޔޮތައުފީޤު ދެއްވަވާށިއެވެ. އާމީން.

    އާދެ! "ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ" މިފޮތުގައި އަޅުގަނޑު މިދެންނެވިފަދަ އެތަކެއް މިސާލުވެއެވެ. މިސާލަކަށް ބަޤަރާސޫރަތުގެ 191(ސަތޭކަ ނުވަދިހަ އެކެއް) ވަނައާޔަތަށް ބައްލަވާށެވެ. وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ وَلاَ تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّى يُقَاتِلُوكُمْ فِيهِ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ كَذَلِكَ جَزَاء الْكَافِرِينَ "ތިޔަބައިމީހުން ، އެމީހުންފެނުނު ކޮންމެތަނަކުން، އެމީހުންނާ ހަނގުރާމަކުރާށެވެ. އަދި އެބައިމީހުން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެބައިމީހުން ނެރެލާށެވެ. ދީނަށްޓަކައި އަނިޔާވެރިވެ ހާނިއްކަކޮށްހެދުން ޤަތުލުކުރުމަށްވުރެ ނުބައިކަން ބޮޑެވެ. ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެބައިމީހުން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާންދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަ ނުކުރާށެވެ. އެބައިމީހުން ހަނގުރާމަ ކޮށްފިނަމަ ތިޔަބައިމީހުންވެސް ހަނގުރާމަކޮށް އެބައިމީހުން ޤަތުލުކުރާށެވެ. ކާފިރުންނަށް ޖަޒާދިނުންއޮތީ އެފަދައިންނެވެ." ބައްލަވާށެވެ. ރަނގަޅަށް ވިސްނަވާށެވެ. މިތަރުޖަމާއިން ގެނެވިފައިވާ ބަދަލުތަކާހުރެ ދޭހަވާމާނަ އެއީ ﷲގެ އަމުރު ކަމުގައިވޭތޯއެވެ!

 
 
 
ޞަފްޙާ:
1 2 3 4 5 6 7
 

4839

 

[ 4452 ]