|
حامداً ومصلِّياً ومسلِّماً أما
بعد.
އާދެ! އިރުގެ އަލިކަމާއި އަދި އެއިގެހޫނުކަންދެކި އިރާދިމާއަށް ކުއްތާ
ވައްވައްޖެހުމަކުން ފަހަރެއްގައިވެސް އިރުގެ އަލިކަމާއި، އަދި އެއިގެ
ހޫނުކަން ފަނޑުނުވާނެއެވެ. އަޅުގަނޑު ގަލަމް މިއުފުލައިލީއަކީ
ފަހަރެއްގައިވެސް ބައެއްގެތެރޭގައި އަމަށުންހުރި މީހަކު
ފަޟީޙަތްކުރާކަށެއް ނޫނެވެ. މިހެން މިދެންނެވީ އަޅުގަނޑު އިތުރަށް އޭނާ
ފަޟީޙަތްކުރާނެ ތަނެއްނެތީމައެވެ.
ދަންނަވަންތޯއެވެ! ކެރިގެންހުރެ އެންމެފުރަތަމަ ބަހެއްބުނެލީ އިބްލީސްއެވެ.
ﷲގެ ޙަޟްރަތުގައި އޭތި ކެރިގެންހުރެ ބުންޏެވެ. "އިބައިލާހުގެ ޢިއްޒަތް
ގަންދީބުނަމެވެ. އެ އެންމެން މަގުފުރައްދާނަމެވެ." ހަމަޔަޤީނުންވެސް
ގަދަކީރިތިވަންތަ މާތް ޙައްޤުއިލާހުގެ ޙަޟްރަތުގައި އޭތި މިހެން ބުނީއަކީ
ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ. ދެންމިގޮތަށް ކެރިގެންހުރެ ބަހެއްބުނީ
ފިރުޢައުނެވެ. އޭނާ ބުންޏެވެ. "އަހުރެންނީ ކަލޭމެންގެ އެންމެމަތިވެރި
އިލާހެވެ" މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ.
އަދި ދަންނަވަންތޯއެވެ! މިގޮތަށް މިއުއްމަތުގައިވެސް ކެރިގެންހުރެ ބަސްތައް
ބުނެލިމީހުން މަދެއްނޫނެވެ. ނަބީކަމަށް ދަޢުވާކުރި އެންމެންވެސް ދަޢުވާކުރީ
ކެރިގެންތިބެއެވެ. މިއުއްމަތުގެ މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
މައްޗަށް އިލްޒާމުތައް އަޅުވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
މަތިވެރި ޝާނަށް އުނިކަންލިބޭ ބަސްތައް ބުނެ، އަދި ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދޮގުކޮށް، އަދި އެޙަދީޘްތައް
އަމިއްލައަށް ހަދަހަދައިގެން ބަޔާންކޮށް ހެދުން، މިއުއްމަތުގައި
މުނާފިޤުންގެ ސިލްސިލާއިން ހިނގަމުން އައިސްފައިވެއެވެ. ނަމަވެސް
މިސިލްސިލާގެ ބޮޅުތައް ދިވެހި މާޙައުލުން ފެންނަންފެށީ ވަރަށްފަހުންނެވެ.
ދަންނަވަންތޯއެވެ! ބަޔަކުމީހުން ލާރިގަނޑެއްދިނުމުން އެއިގެހޫނުކަން
ސިކުނޑިއަށްވެރިވެ، އެއިގެ ސަބަބުން ދީނާޚިލާފަށް ކެރިގެންހުރެ
ބަސްބުނެފައިވާމީހުން އިސްލާމީ ތާރީޚުގައި މަދެއްނޫނެވެ. ވީމާ
ޙައިރާންވާކަށްނުޖެހެއެވެ. ފެށުނީއްސުރެން މުސްލިމުންގެތެރޭގައި
މުނާފިޤުންވަނީ އުޅެފައެވެ. މުއުމިނުންގެ މަންމަ، ﷲރުއްސުންލެއްވި ސިއްތުނާ
ޢާއިޝާ ޞިއްދީޤާގެ މައްޗަށް އިލްޒާމުތައް އަޅުވާލީ މުނާފިޤުންނެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އިލްޒާމުތައް އެޅުވުމުގައި
އެމީހުން ފަސްޖެހިފައިނުވެއެވެ. ވީއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން
އެފަދަ ކަންތައް ފެންނަން ފެށުމުން ތެދުވެރި މުއުމިނުން ޙައިރާންވާކަށް
ނުޖެހެއެވެ. އެއިގެ ސަބަބުން ޖެހެނީ އީމާންކަން އިތުރަށް ހަރުދަނާކޮށް
ވަރުގަދަކުރާށެވެ. ބާޠިލް ބޯހިއްލާލާ ކޮންމެ
ހިނދެއްގައި ޙައްޤުގެ އަލިކަން އިތުރުވެގެން ދާނެއެވެ. |