ޚާއްޞަ ފައިލް

 

އިޞްލާޙުގެ ނަމުގައި އަންހެނުންނަށް ޤާޟީކަން ދިނުމަކީ ދިވެހިދައުލަތުގެ ދީނީ ޢަޤީދާގެ މައްޗައް ގެނެވޭ އިންޤިލާބެއް ނޫންބާ؟

މުޙައްމަދު ޝަހީމް ޢަލީ ސަޢީދު / ނޫރުލްއިސްލާމްގެ މުޝްރިފް

 

  بسم الله الرحمن الرحيم

 إِنَّ الحَمْدَ لله، نحمده ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، وسيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له .

وأشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله صلى الله عليه وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين وسلم تسليما كثيرا، أما بعد:

އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ކުރުމުގެ ނަމުގައްޔާއި ޤައުމު އިޞްލާޙުކުރުމުގެ ނަމުގައި އަންހެނުންނަށް ޤާޟީކަން ދެއްވަން އުޅުއްވާކަމުގެ ޚަބަރު މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ޖަމީލު އިޢުލާން ކުރައްވައިފިއެވެ. 

އަދި އެއިގެ ތެރެއިން ބައެއް އަންހެންބޭފުޅުން ޢާއިލާއާ ބެހޭ ކޯޓަށް ވަޑައިގަންނަވާނޭ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާގެ އަންނަނިވި ޙަދީޘްފުޅު މިނިސްޓަރ ޖަމީލަށް އެނގިވަޑައިނުގަންނަވަނީ ބާވައެވެ؟ (( لاَ تُزَوِّجُ الْمَرْأَةُ الْمَرْأَةَ، وَلاَ تُزَوِّجُ نَفْسَهَا)) - رواه ابن ماجة والدارقطني والبيهقي وصححه الألباني -    ޙަދީޘްގެ މާނައީ: "އަންހެނަކަށް އަންހެނެއްގެ ކައިވެނިކޮށެއް ނުދެވޭނެއެވެ. އަދި އަންހެނަކަށް އޭނާގެ އަމިއްލަ ކައިވެނިވެސް ނުކުރެވޭނެއެވެ." މިޙަދީޘް ރިވާކުރެއްވީ އިމާމު އިބުނު މާޖާއާއި، އިމާމު ދާރުޤުޠްނީއާއި، އިމާމު ބައިހަޤީއެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމު އަލްބާނީ އަލްއިރުވާއުގައި ޙުކުމްކުރައްވާފައިވެއެވެ.

މިޙަދީޘުން ސާފުކޮށް ދޭހަވަނީ އަންހެނާއަށް އޭނާގެ ކައިވެނި ކަމުގައި ވިއަސް އަދި އެނޫން މީހެއްގެ ކައިވެނި ކަމުގައި ވިޔަސް ކައިވެނި ޢަޤުދު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.

މިއަދު މުސްލިމުންނާ ކުރެވެމުން މިދަނީ ފިކުރީ ވަރަށް ބޮޑު ހަނގުރާމައެކެވެ. މީގެ ގިނަ ވަސީލަތްތަކެއް އަޅުގަނޑުމެންގެ ލޮލަށް ނުފެނެއެވެ. އެންމެ ބިރު ހުރި އެއްކަމަކީ ހުޅަނގުގެ ނަޒަރިއްޔާތަކަށް ތަބާވާ މީހުން މުސްލިމުންގެ ތެރޭގައި ތިބެގެން މުސްލިމުންގެ އަޤީދާއާ ކުޅޭކަމެކެވެ. މިއީ މިކަމާ ކޮންމެ މުސްލިމެއްގެ ދުލާ ޤަލަމުން ޖިހާދު ކުރަންޖެހޭނެ ކަމެކެވެ.

އެއީ ޔަހޫދީންނާއި ނަޞާރާއިންގެ ރޭވުންތަކެވެ. އެބައިމީހުން ބޭނުންވަނީ އެބައިމީހުންވެސް ކާފިރުވީ ފަދައިން އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ދީނާއި ދީނުގެ އުޞޫލުތަކާ ދުރަށް ދިއުމެވެ. މިއީ ކީރިތި ޤުރްއާނުގައި ﷲ ބަޔާން ކުރައްވާފައިވާ ޙަޤީޤަތެކެވެ.

އަދި ޔަހޫދީންނާއި ނަޞާރާއިން ދުވަހަކުވެސް އަޅުގަނޑުމެން މުސްލިމުންދެކެ ނުރުހޭނެކަމަށް އަލްބަޤަރާ ސޫރަތުގެ 120 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް އެބައިމީހުންގެ މިއްލަތައް އަޅުގަނޑުމެން ތަބާވެއްޖެނަމަ އެބައިމީހުންގެ ރުހުން ލިބިދާނެއެވެ.

މިއީ ކީރިތި ޤުރްއާނުން އެނގެން އޮތް ޙަޤީޤަތެކެވެ. އިސްތިޢުމާރީ އޮއިވަރުގެ ބައިވެރިން މަސައްކަތްކުރަމުންދަނީ މިއިސްލާމީ މުޖުތަމަޢުން އެބައިމީހުންގެ މަޤްޞަދުތައް ޙާޞިލުކުރުމަށެވެ. އަޅުގަނޑުމެންގެ ސަރުކާރާއި، ރައްޔިތުންނާއި ޢިލްމުވެރިން ގުޅިގެން މަސައްކަތްކުރަންވީ މިބައިމީހުންގެ ވަކިތަކުން މިޤައުމު ސަލާމަތްކުރުމަށެވެ. އެހެން ނޫންނަމަ މިތަނުން އިސްލާމްދީނާއި ދީނުގެ އުޞޫލުތައް ފޮހެވިގެން ހިނގައިދާނެއެވެ.

އަޅުގަނޑު މި މަޒްމޫނު މިލިޔަނީ އަންހެނުންނަށް ޤާޟީކަންދިނުމުގެ ފަލްސަފާއާ ބެހޭގޮތުންނެވެ. އެއީ މިފަދަ މައްސަލައެއްގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ޙައްޤުބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

އަންހެނުންނަށް ޤާޟީކަން ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރަމުން އައި ޞައްޙަ ގޮތުގެ މައްޗައް ގެނެވޭ އިންޤިލާބެކެވެ. މީގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުންތައް އިތުރުވެ ބައިބައިވުން އުފެދިދާނެއެވެ.

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހުން އަޅުގަނޑު އެދެނީ އަންހެނުންނަށް ޤާޟީކަން ދިނުމަށް ޖަސްޓިސް މިނިސްޓަރ ހުށަހެޅުއްވި ހުށަހެޅުއްވުން ބާޠިލްކުރެއްވުމަށެވެ.

އަދި ހަމަ އެހެންމެ ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބުރާހީމްގެ އަރިހުންވެސް އަޅުގަނޑު އެދެނީ އެމަނިކުފާނުގެ މަޤާމުގެ ޒިންމާ ފުރިހަމަ ގޮތުގައި ނަންގަވައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުންނާއި، އުއްތަމަ ފަނޑިޔާރުގެ ޙައިޘިއްޔަތުންނާއި، ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ ޙައިޘިއްޔަތުން، މިހުރިހާ މަޤާމެއްގެ ނުފޫޒާއި ބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވައި އެމަނިކުފާނުގެ އަތްޕުޅުގައި އެވާ ދީނީ ލަގަނަށް ވާން ކުރައްބައި، ﷲގެ ވަޖުހުފުޅު އެދިވަޑައިގެން، ދީނަށްޓަކައި ވަޠަނައްޓަކައި، އިސްލާމީ މި ދިވެހި އުންމަތުގެ ޙައްޤުގައި މިނިސްޓަރ ޖަމީލުގެ ހުށަހެޅުއްވުން އަނބުރާ ފޮނުވާލެއްވުމަށެވެ.

އަދި، ޖަސްޓިސް މިނިސްޓަރު އަލްއުސްތާޛު މުޙައްމަދު ޖަމީލަށް ވެސް އަޅުގަނޑު ގޮވާލަނީ އިސްލާމްދީނުގެ ޞައްޙަ ދަލީލުތަކަށް އިޙުތިރާމްކުރުމަށާއި، އުންމަތުން ވާރުތަވެފައިވާ ގޮތުގެ މައްޗައް އިންޤިލާބު ނުގެންނެވުމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމާއި، ގޮވާލެއްވި ގޮވާލެއްވުން އަނބުރާ ގެންދެވުމަށެވެ. މިކަން ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރުފު ކުރައްވާ ބޭފުޅަކަށް މަނިކުފާނު ވެވަޑައި ނުގަންނަވާށެވެ. ރަނގަޅަށް އޮތްތަނެއް ފާސިދު ނުކުރައްވާށެވެ. 

 

* އިސްލާމް ދީނުގައި ޤާޟީކަން

އިންސާނުން ދިރިއުޅޭ މުޖުތަމަޢަކީ ތަފާތު މައްސަލަތަކާ ކުރިލާނެ މުޖުތަމަޢެކެވެ. އެހެނީ އިންސާނުންނަކީ އެއްގޮތަކަށް ފިޠުރަތު ކުރެވިފައިވާ މީހުންނެއްނޫނެވެ. ތަފާތު މިޒާޖުތަކުގެ މީހުންނާއި، އެކި ޚިޔާލުގެ މީހުން އިންސާނީ މުޖުތަމަޢުގައި އުޅޭނެއެވެ.

މިހެންކަމުން މިބައިމީހުންގެ މެދުގައި ހިނގާ މައްސަލަތައް ޙައްލުކޮށް ، އަދުލުވެރިކަން ޤާއިމުކޮށް، ޢަދާވާތްތެރިކަމާއި، ނެއްގާނީ ޢަމަލު މުޖުތަމަޢުން ފޮހެލުމަށްޓަކައި ޤާޟީކަން ޝަރުޢުކުރެއްވުނެވެ. މިއީ ނަބީބޭކަލުންގެ ވަޒީފާއެވެ. އެއަށް ފަހު އެބޭކަލުންނަށް ތަބާވީ މީހުންނެވެ. ޤާޟީކަމަކީ ކީރިތި ޤުރުއާނާ، ނަބިއްޔާގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާން އޮތް ޙަޤީޤަތެކެވެ.

ކީރިތި ޤުރްއާނުން:

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  ( وإذا حكمتم بين الناس ان تحكموا بالعدل )  މާނައީ:    " މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާހިނދު، ޢަދުލު އިންޞާފަށް ޙުކުމް ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ."

ކީރިތި ރަސޫލާގެ ސުންނަތުން:

قال رسول الله صلى الله عليه وسلم : (القضاة ثلاثة اثنان في النار وواحد في الجنة رجل عرف الحق فقضى به فهو في الجنة، ورجل عرف الحق فلم يقضي به وجار في الحكم فهو في النار، ورجل لم يعرف الحق فقضى للناس على جهل فهو في النار))

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: " ޤާޟީން ތިނެކެވެ. ދެމީހުން ވަނީ ނަރަކައިގައެވެ. އެކަކު ވަނީ ސުވަރުގޭގައެވެ. އެއީ ޙައްޤު ގޮތް ދަނެ، އެއާ އެއްގޮތައް ޙުކުމްކޮށްފި މީހާ ވަނީ ސުވަރުގޭގައެވެ. ޙައްޤު ގޮތް އެނގި، އެއާ އެއްގޮތައް ޙުކުމް ނުކޮށް، ޙުކުމްކުރުމުގައި އަނިޔާވެރިވެއްޖެ ޤާޟީ ވަނީ ނަރަކައިގައެވެ. ޙައްޤު ގޮތް ނުދަނެ، ޖާހިލުގޮތުގައި ހުރެ، ޙުކުމްކޮށްފި މީހާ ވެސް ވަނީ ނަރަކައިގައެވެ."

ދަންނަބޭކަލުންގެ އިޖުމާޢު:

ޢަދުލުއިންޞާފު ޤާއިމު ކުރާނެ ނިޒާމެއް ނުވަތަ ޤާޟީކަމަކީ އިންސާނީ މުޖުތަމަޢަށް ކޮންމެހެން ބޭނުންވާނެ ޟަރޫރީ ކަމަކަށްވާތީ އެއީ ކޮންމެހެން އޮންނަންޖެހޭނެ، ކަމެއްކަމަށް ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ. އަދި ޤާޟީންއިސްކުރުމަކީ ޙައްޤު ފާޅުކޮށް،އަނިޔާވެރިކަން ފިލުވައި، މީސްތަކުންގެ ޙައްޤުތައް އެބައިމީހުންނަށް ހޯދައި ދޭނެކަމެއްކަމަށާއި، މިކަމަކީ އިސްލާމީ ވެރިކަމުގެ ދަށުން ތަރުތީބު ކުރެވިފައިވާ ކަމެއްކަމަށް ވެސް ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ.

 

* ޤާޟީކަމަކީ ޒިންމާ ބޮޑު މަސްއޫލިއްޔަތެކެވެ.

ކީރިތި ޤުރްއާނުގެ ދަލީލުތަކާއި ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތުގައި މިއީ ވަރަށް ޒިންމާބޮޑު މަސްއޫލިއްޔަތެކެވެ. ބައެއް ޙަދީޘުތަކުގައި ޤާޟީކަމަށް އިސްކުރެވިއްޖެ މީހާ ވަޅިއަކާ ނުލައި ކަތިލެވިއްޖެކަމަށް އައިސްފައިވެއެވެ. މިގޮތުން މިކަމުގެ މަސްއޫލިއްޔަތުގެ ބޮޑުކަން އަންގައިދޭ ޙަދީޘްތަކުގެ ތެރެއިން ބައެއް ޙަދީޘްތައް ބަޔާންކޮށްލާނަމެވެ.

( من جعل قاضياً بين الناس فقد ذبح بغير سكين ) މާނައީ: " މީސްތަކުގެ މެދުގައި ޤާޟީކަމަށް އިސްކުރެވިއްޖެ މީހާ ވަޅިޔަކާ ނުލައި ކަތިލެވިއްޖެއެވެ. "

 (لتأتين على القاضي العدل يوم القيامة ساعة يتمنى أنه لم يقضي بين اثنين في تمرة)   " ކަދުރު އޮށެއްގެ ކަންތަކުގައި ވެސް ދެމީހެއްގެ މެދުގައި ޙުކުމް ނުކުރެވުނު ނަމައޭ ޤިޔާމަތް ދުވަހުން ޢަދުލުވެރި ޤާޟީގެ ހިތަށް އަރާނެ ވަގުތުކޮޅެއް އަންނާނެކަން ކަށަވަރެވެ. "

މިހެންކަމުން މިއީ ވިސްނާލުން ހުރިކަމެކެވެ. މިފަދަ ޒިންމާއެއްގައި ޤާއިމުވެ ހުންނަންޖެހޭނީ މިކަމަށް އެކަށީގެންވާ، ކުޅަދާނަ، ތެދުވެރި އިންސާނެކެވެ. މިފަދަ ކަމެއްގެ ޒިންމާ އުފުލުމުގެ ޤާބިލުކަން ނެތް މީހުން މިފަދަ މަސްއޫލިއްޔަތެއް އެމީހެއްގެ ބޮލުގައި އަޅައިގެން ނުވާނެއެވެ. 

 

* ޤާޟީކަމަށް އިސްކުރެވޭ މީހާގެ ޝަރުޠުތައް

މުސްލިމުންގެ ޤާޟީކަމަށް އިސްކުރެވޭ މީހާގެ ޝަރުޠުތައް ދަންނަބޭކަލުން ބަޔާންކުރައްވާފައިވެއެވެ.

1-     މުސްލިމަކު ކަމުގައިވުން

2-     ބާލިޣުވެ ބުއްދިހުރެފައި މިނިވަނަކުކަމުގައިވުން

3-     ޙިއްސުތައް ފުރިހަމައަށް ހުރުން

4-     ޢަދުލުވެރިޔަކުކަމުގައިވުން

5-     ހިއްވަރު ހުރި ޝަޚްޞިއްޔަތަކަށްވުން

6-     ފިރިހެނަކުކަމުގައިވުން

މިހުރިހާ ޝަރުޠަކީ މިއީ އޭގެ މައްޗައް އިއްތިފާޤުވެވިފައިވާ ޝަރުޠުތަކެއްނޫނެވެ. އޭގެތެރޭގައި އެއާ މެދު ދަންނަ ބޭކަލުން އިޚްތިލާފުވެވަޑައިގެންފައިވާ ބައެއް ޝަރުޠުތައް ހިމެނެއެވެ. މިހެންކަމުން މިޝަރުޠުތަކުގެ ކުރު ތަފްޞީލަކަށް ދާނަމެވެ.

 

އެއްވަނަ ޝަރުޠު : މުސްލިމަކު ކަމުގައިވުން

އިސްލާމީ ޖަމާޢަތުގެ ޤާޟީކަމަށް އިސްކުރެވޭ މީހަކީ މުސްލިމަކު ކަމުގައިވުން ލާޒިމުވެގެންވެއެވެ. ޣައިރު މުސްލިމަކަށް އިސްލާމުންގެ ޖަމަޢަތުގެ ޤާޟީކަން ދިނުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

ޤާޟީއަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ކަނޑައެޅޭ މީހެކެވެ. މިހެންކަމުން އޭނާވާންޖެހޭނީ އެޙުކުމްތައް ޤަބޫލުކޮށްގެން ހުރި މީހަކަށެވެ. ޤާޟީކަމަށް އިސްކުރެވޭ މީހަކީ ކާފިރަކު ކަމުގައިވަނީ ނަމަ އެމީހާގެ ޙުކުމް ޝަރުޢުގެ ހަމަތަކުން އެއްކިބާވެގެން ދިއުމަކީ ގާތްކަމެކެވެ. މިހެންކަމުން އިސްލާމުންގެ ޤާޟީކަން ޣައިރު މުސްލިމަކަށް ދިނުމަކީ ހުއްދަކމެއްނޫނެވެ. މިއީ އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤު މައްސަލައެކެވެ.

 

ދެވަނަ ޝަރުޠު : ބާލިޣުވެ ބުއްދިހުރެފައި މިނިވަނަކުކަމުގައިވުން

ޤާޟީކަމަކީ ވިސްނުމާއި، ޙުކުމަތާއި ބުއްދި އޭގައި ބޭނުންކުރަންޖެހޭ ކަމެކެވެ. މިހެންކަމުން، މިފަދަ ޒިންމާއަކަށް އިސްކުރެވޭ މީހަކީ ބުއްދިވެރި، މީހަކު ކަމުގައިވާންޖެހޭނެއެވެ.  ވިސްނުން ކޮށި، ނުވަތަ ބުއްދިހަމަ ނޫން މީހަކަށް މިމަޤާމު އަދައެއް ނުކުރެވޭނެއެވެ.

އަދި ހަމަ މިފަދައިން އެއީ ބާލިޣުވެފައިވާމީހަކަށް ވާންވާނެއެވެ. އަދި އެއީ މިނިވަނަކު ކަމުގައި ވާންވާނެއެވެ. އަޅުމީހާއަށް ޤާޟީކަމެއްނުކުރެވޭނެއެވެ. އެއީ އޭނާއަކަމަށް އަހުލުވެރިމީހަކު ކަމުގައި ނުވެއެވެ. ސަބަބަކީ ޤާޟީކަމަކީ ވެރިކަމެކެވެ. މިއީ އިއްތިފާޤުވެފައިވާ ޝަރުޠެކެވެ.

 

ތިންވަނަ ޝަރުޠު : ޙިއްސުތައް ފުރިހަމައަށް ހުރުން

މިއީ ކޮންމެވެސް ވަރެއްގެ ޚިލާފެއް އުޅޭ ޝަރުޠެކެވެ. އެއީ ޖުމުހޫރުން ވިދާޅުވަނީ ޤާޟީކަމަށް އިސްކުރެވޭ މީހަކީ ވާހަދެއްކޭ، ލޮލަށް ފެންނަ، އަޑު އިވޭ މީހަކަށް ވާންޖެހޭނެކަމަށެވެ. ސަބަބަކަށްވަނީ ވާހަކަ ނުދެއްކޭނަމަ، އޭނާ ޙުކުމް އިއްވާނެ ގޮތެއް ނުވާނެއެވެ. އޭނާ އަކީ މަންމަނު މީހެއްނަމަ އޭނާގެ އިޝާރާތްތަކެއް އެންމެނަކަށް ފަހުމެއް ނުވާނެއެވެ. އަދި އަޑު ނުއިވޭ މީހެއްނަމަ ޚަޞްމުންގެ ވާހަކަ އޭނާއަކަށް ނޭގޭނެއެވެ. އަދި އޭނާ އަކީ ލޯފަން މީހެއްނަމަ ، ދަޢުވާ ކުރާ މީހާއާއި ، ދަޢުވާ ލިބޭ މީހާ . ހެކިވެރިއާ ފާހަނގަކުރާކަން ނޭގޭނެއެވެ.

ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ލޯފަން މީހަކަށް ޤާޟީކަން ކުރެވިދާނެކަމުގައެވެ. އެޢީ ޝުޢައިބު ޢަލައިހިއްސަލާމަކީ ލޯފަން ބޭކަލެއްކަމުގައި މިބޭކަލުން ވިދާޅުވެއެވެ.

މާލިކީ މަޒުހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުން، ބީރު މީހާއާއި، ލޯފަން މީހާ ޤާޟީކަމާ ޙަވާލުވެ، ޙުކުމެއް ކޮށްފި ނަމަ އެދެމީހުންގެ ޙުކުމް ތަންފީޒު ކުރެވޭނެއެވެ. ނަމަވެސް އެދެމީހުން ޢަޒުލުކުރުމަކީ ވާޖިބުކަމެކެވެ.

 

ހަތަރުވަނަ ޝަރުޠު : ތެދުވެރި ޢަދުލުވެރިޔަކު ކަމުގައިވުން

މިއީ ވެސް ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވާ މައްސަލައެކެވެ. ޖުމުހޫރު ދަންނަބޭކަލުން ވިދާޅުވާ ގޮތުން ޤާޟީކަމަށް އިސްކުރެވެންޖެހޭ މީހަކީ އަދުލުވެރިއަކަށް ވާންވާނެއެވެ. މާނައަކީ އިސްލާމް ދީނުގެ އަޚްލާޤާއި އަމުރުފުޅުތަކަށް ފުރިހަމައަށް ތަބާވާ މީހަކަށް ވުމެވެ. ނުބައި އާދަތަކާއި ސިފަތަކުން ދުރުވެގެންވާ މީހަކު ކަމުގައި ވުމެވެ.

މާތް ﷲ އަމުރު ކުރައްވަނީ ފާސިޤުގެ ބަހުގެ ތެދު ދޮގު ބެލުމަށެވެ. މިހެންކަމުން މިފަދަ މީހަކު ޙުކުމެއް ކޮށްފި ނަމަ، އޭނާގެ ކުރި ޙުކުމުގެ ތެދުދޮގު ބަލަންވެއްޖެނަމަ ޤާޟީކަމުގެ މަޤްޞަދު ގެއްލިދިޔައީއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ފާސިޤުގެ ހެކިބަސް ޤަބޫލު ނުކުރެވޭ އިރު، ޤާޟީކަމަށް އިސްނުކުރުން އައުލާވެގެން ވެއެއެވެ.

ޙަނަފީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ އެއީ  ލާޒިމު ޝަރުޠެއްނޫންކަމެވެ. ނަމަވެސް އެއީ ފުރިހަމަކަން ގެނެސްދޭ ޝަރުޠެއްކަމަށެވެ. ޤާޟީކަމަށް ފާސިޤަކު އިސްވުމަކީ ޖާއިޒުކަމެއްކަމަށާއި އޭނާގެ ޙުކުމް ތަންފީޒު ކުރެވޭނޭ ކަމަށް މިބޭކަލުން ދެކެވަޑައިގަންނަވައެވެ.

ފަސްވަނަ ޝަރުޠަކީ: ހިއްވަރު ހުރި ޝަޚްޞިއްޔަތަކަށްވުން

މިއީ ވަރަށް މުހިންމު ޝަރުޠެކެވެ. ސަބަބަކީ ބައެއްފަހަރު ޚަޞްމުންގެ ފުށުން ޤާޟީ ވަރަށް ބޮޑަށް ކެތްތެރިވާންޖެހޭތަންވެސް އަންނާނެއެވެ. މިހެންކަމުން އޭނާއަކީ ހިއްވަރުހުރި، ހަރުކަށި ނޫން، މަޑޮމޮޅި، ނިކަމެތި ނޫން މީހަކަށް ވާންޖެހޭނެއެވެ. ވިސްނުން ތޫނު ބުއްދިވެރި ޝަޚްޞިއްޔަތަކަށް ވާންޖެހޭނެއެވެ.

ހަވަނަ ޝަރުޠަކީ : ފިހެނަކު ކަމުގައިވުން ( މިއާމެދު ފަހުން ބަޙުޘްކުރެވޭހުއްޓެވެ. މި މަޒްމޫންގެ މައުޟޫޢަކީ އެއީއެވެ. )

އިސްވެ ބަޔާންވެ ދިޔައީ  ޤާޟީންގެ ޝަރުޠުތަކުގައި ދަންނަބޭކަލުން ގެންނަވާފައިވާ މަޝްހޫރު ހަ ޝަރުޠެވެ. ދެން އޮތީ އަޅުގަނޑުމެންގެ މައުޟޫޢުކަމުގައި ވާ ބައެވެ. އެއީ ހަވަނަ ޝަރުޠެވެ. ޤާޟީކަމަށް އިސްކުރެވޭ މީހަކު ފިރިހެނަކަށް ވާންޖެހޭނެ ހެއްޔެ؟ އަންހެނަކަށް ޤާޟީކަން ޙަވާލު ކުރެވިދާނެ ހެއްޔެވެ؟ ފިރިހެނަކު ކަމުގައި ވުން އެއީ ލާޒިމު ކަމެއް ހެއްޔެވެ؟ މީގެ ޖަވާބު އަންނަ ބައިގައި ލިބިވަޑައިގަންނަވާނެއެވެ. އެނުކުތާއާ ހަމައަށް ދިއުމަށްޓަކައި ކޮށި މަގު މިވަނީ ނިމި މަންޒިލާހަމައަށް ވާޞިލުވެވިފައެވެ. ވިދާޅުވާށެވެ.

 

 

* އަންހެނުންނަށް ޤާޟީކަން ދިނުމާމެދު އުންމަތުގެ ދަންނަބޭކަލުންގެ ރައުޔު

މުސްލިމުންގެ ޤާޟީކަމަށް އިސްކުރަންޖެހޭނީ ފިރިހެނުންކަމުގައި ސަލަފުންގެ އިމާމުވެރި ބެއިކަލުންގެ އަރިހުން އައިސްފައިވެއެވެ. އަންހެނުންނަށް ޤާޟީކަން ދިނުމަކީ ނަބަވީ ޙަޔާތުގައި ދެކެވިފައިވާ ވާހަކައެއްނޫނެވެ.

މިއީ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ތަކުގައްޔާއި، އަޞްޙާބު ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެއްނޫނެވެ. އެބޭކަލުންގެ މެދުގައި މިމައްސަލައިގައި ޚިލާފެއް އުފެދިފައިވާ ކަމަށް ޟަޢީފު ރިވާޔަތަކުންވެސް، ޞަޙީޙު ރިވާޔަތަކުންވެސް އައިސްފައިނުވެއެވެ. މާނައަކީ މިއީ އެބޭކަލުންގެ އިޖުމާޢު މައްސަލައެކޭ ބުނެވިދާނެއެވެ. ޝައްކެއްނެތް ގޮތުގައި އެބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތައްވަނީ ވަރަށް ރަނގަޅަށް ބަޔާންކުރެވިގެންނެވެ.

ނަމަވެސް ފަހުން ވަޑައިގެންނެވި ބައެއް ދަންނަބޭކަލުންގެ މެދުގައި މިކަމުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވާ ކަމަށް ބުނެވެއެވެ. ޚިލާފު އުފެދިފައިވާ ކަމަށް ބެލިކަމުގައި ވިޔަސް ޚިލާފު އުފެދިފައިވާ ކަންކަމުގައިވެސް ޢަމަލުކުރުން އައުލާވެގެންވާ ގޮތެއްވެއެވެ. އެމައްސަލަތަކުގެ ރާޖިޙުގޮތެއްވެއެވެ. އުއްމަތުގެ މީހުން ޢަމަލުކުރަމުން އައިގޮތެއްވެސް ވާނެއެވެ. އުއްމަތް ޒަމާނުއްސުރެ ޤަބޫލުކޮށްފައިވާ ގޮތެއްވެސް ވެއެވެ.

މިހެންކަމުން އެޚިލާފުތައް އަޅުގަނޑު މީގައި މިބަޔާންކުރަނީ ވަރަށް ކުރުގޮތަށެވެ. މިމައްސަލައިގައި ދަންނަބޭކަލުންގެ ތިން ރައުޔެއްވެއެވެ. އެރައުޔު ތަކާއި، އެބޭކަލުންގެ ދަލީލުތައް ތިރީގައި ބަޔާންކުރެވިފައިވަނީއެވެ.

 

އެއްވަނަ ރައުޔު :

އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ ހުއްދަކަމެއްނޫނެވެ. ފިރިހެނަކަށް ވުމަކީ ޤާޟީކަމަށް އިސްކުރެވޭ މީހާގެ ޝަރުޠެކެވެ. މިއީ މާލީކީ މަޒުހަބާއި، ޝާފިޢީ މަޒުހަބާއި، ޙަންބަލީމަޒުހަބާއި މިޞްރުގެ އަލްއަޒްހަރުގެ ފަތުވާ ކޮމެޓީގެ ޢިލްމުވެރިންނާއި، ސުންނަތުގެ ގިނަ ދަންނަބޭކަލުންގެ މަޒުހަބެވެ. 

އަދި މިއީ ކީރިތި ރަސޫލާގެ ޒަމާނުގައްޔާއި، ހަތަރު ޚަލީފާއިންނާއި، އަޞްޙާބު ބޭކަލުން ޢަމަލުކުރައްވާފައިވާ ގޮތެވެ. އަދި އަދާ ހަމައަށް އުންމަތުގެ މީހުން ޢަމަލުކުރަމުން އައި ގޮތެވެ. އިސްލާމީ އެއްވެސް ޚިލާފަތެއްގައި އަންހެނަކު ޤާޟީކަން ކުރިވާހަކަ އައިސްފައި ނުވެއެވެ.

 

މިރައުޔުގެ ދަލީލުތައް :

މި ރައުޔުގެ ދަންނަބޭކަލުން ދަލީލުތައް ގެނެސްދެއްވާފައިވަނީ ކީރިތި ޤުރްއާނުންނާއި ﷲ ގެ ރަސޫލާގެ ސުންނަތުންނާއި އުއްމަތުގެ އިޖުމާޢުއިންނާއި، އިންސާނީ ބުއްދީގެ ހަމަތަކުންނެވެ. އެއީ އަންނަނިވި ގޮތަށެވެ.