އިތުބާރު ހުރި އިސްލާމީ ވެބްސައިޓަކީ
ވަރަށް މުހިންމު ވަސީލަތެކެވެ.
މިއީ އެކި ކަންކޮޅުތަކުގައި ތިއްބެވި
ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި
އުޚުތުންނަށް ދީނާބެހޭ މަޢުލޫމާތު
އިންތިހާއަށް ބޭނުވެފައިވާ ދަނޑިވަޅެކެވެ.
މިފަދަ ދަނޑިވަޅެއްގައި މިފަދަ
ވެބްސައިޓެއް ވުޖޫދަށް އައުމަކީ ވަރަށް
އުފާވެރިކަމެކެވެ.
މި ވެބްސައިޓް އުފެއްދުމުގައި އިސްކޮށް
ޙަރަކާތްތެރިވި އަޚުންނަށް މާތް ﷲ ހެޔޮ
ޖަޒާދެއްވާނެތެވެ. މިއީ ވަރަށް ބުރަ، އަދި
އިސްލާމްދީނަށްޓަކައި ކުރެވުނު ވަރަށް
ބޮޑު ޚިދުމަތެކެވެ.
ޒަމާން ތަރައްޤީވެ، ޓެކްނޮލަޖީ ގޮތުންވަނީ
ކުރިއަރާފައެވެ. މިއިން އެންމެ
އެދެވޭގޮތެއްގައި ފައިދާނަގަންވީ ބަޔަކީ
ހަމަ މުސްލިމުންނެވެ. މިފަދަ ވަސީލަތްތައް
މެދުވެރިކޮށް އިސްލާމްދީނުގެ ދަޢުވަތު
ފެތުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
މިއަދު އިސްލާމީ އުންމަތް ވަނީ
ފިކުރީގޮތުން ބައިބައިވެފައެވެ. ތަފާތު
މަންހަޖުތަކާއި، އުސްލޫބުތަކާއި، ބާޠިލު
ޢަޤީދާތައް ދަނީ ފެތުރެމުންނެވެ. ހަރުކަށީ
އުޞޫލުތަކާއި، ފަރުޢީ މައްސަލަތަކުގައި
ޖަދަލުކުރުމާއި. ޝަރުޢީ އިމުން ބޭރުވެ
މުސްލިމުން ދީނުން ނެރުމާއި، މިފަދަ
އެތައްކަމެއް ދަނީ ފެތުރެމުންނެވެ.
ނޫރުލް އިސްލާމް ވެބްސައިޓަކީ
ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއި، އަޞްޙާބު
ބޭކަލުންނާއި، ތާބިޢީބޭކަލުންނާއި،
އުންމަތުގެ އިމާމުންގެ މަންހަޖާ
އެއްގޮތަށް އިސްލާމްދީނުގެ މަޢުލޫމާތު
ފޯރުކޮށްދޭ ސައިޓެވެ. މިފުރްޞަތުގައި
މިމަންހަޖު މަތީގައި ދެމިތިބުމަށް
ނޫރުލްއިސްލާމްގެ އިސްބޭފުޅުންނަށް
އަޅުގަނޑު ވަޞިއްޔަތްކުރަމެވެ. މާތް ﷲ
ތިޔައަޚުންނަށް ހެޔޮޖަޒާދެއްވާށިއެވެ.
އަޅުގަނޑުގެ ދުޢާއަކީ މިސައިޓް
ހިންގެވުމުގައި އެހީތެރިވެ ވަޑައިގަންނަވާ
އެންމެހާ ބޭފުޅުންނަށް އިޚުލާޞްތެރިކަން
ދެއްވައި، އެބޭފުޅުންނަށް ﷲ
ތައުފީޤުދެއްވުމެވެ. އެއީ ދުޢާ
އިޖާބަކުރައްވާ އިލާހެވެ.